ނިރުބަވެރިކަމާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ވިލިމާލެއިން ފުލުހުން ހައްޔަރު ކުރީ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓުގައި ސިއްރު އަޑުއެހުމެއް ކުރިއަށް ދިޔައެވެ.

ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް އޮތް ކަން އެ ކޯޓުން ޔަގީން ކޮށްދީފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ، ވިލިމާލޭގައި ކުރިއަށްދާ ފުލުހުންގެ އޮޕަރޭޝަނާއި ގުޅޭ ގޮތުން މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު، ފުލުހުންގެ އޮޕަރޭޝަންތައް ވަނީ ވަރުގަދަކޮށްފައެވެ.

ފުލުހުން ވަނީ މާލެ ސަރަހައްދުގެ އިތުރުން މާލެ އަތޮޅުގެ އެކި ރަށްރަށާއި އައްޑޫ ސިޓީގައި ވެސް ބޮޑު އޮޕަރޭޝަނެއް ހިންގައިފައެވެ.

މެއި ހައެއްގެ ހަމަލާގެ ކުރިން ވެސް، ރ. މަޑުއްވަރީއާއި ތ. ތިމަރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ އިތުރުން، މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި، ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގެ ފަހަތުގައި ވެސް ތިބީ ހަރުކަށި ފިކުރު ފެތުރުމުގެ ވިއުގައެއްގެ ބަޔަކު ކަމަށް ފުލުހުން ބުނެއެވެ.

އިންސާނެެއްގެ ފުރާނަ ދުއްވާލަން ތައްޔާރަށް ތިބޭ ވަރަށް ދީނީ ގޮތުން ފިކުރު ހަރުކަށި ވެފައި ތިބި 1،400 އަށް ވުރެ ގިނަ ދިވެހިން ރާއްޖޭގައި އުޅޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ.