އައްޑޫސިޓީން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫން އިތުރު 23 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އެސިޓީން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ ފާއިތުވި ހަފްތާއެއްހާ ދުވަހު ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި އޮވުމަށްފަހުއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ 23 މީހުންގެ ތެރެއިން 11 މީހަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. ނުވަ މީހަކު މީދޫން ފައްސިވެފައިވާއިރު، ހުޅުދޫން ދެ މީހަކު އަދި މަރަދޫން އެކަކު ވަނީ ފައްސިވެފައެވެ.

އައްޑޫން މިހާތަނަށް 3،051 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 2،947 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބަލި ޖެހިފައި ތިބި 91 މީހަކު އެ ސިޓީގައި އެބަ ތިއްބެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިވަގުތު މި ބަލި ޖެހިފައި ތިބި 69 މީހަކު ތިބިއިރު، މީދޫގައި 12، ފޭދޫގައި ހަތަރެއް، މަރަދޫފޭދޫގައި އެކެއް، ހުޅުދޫގައި ދޭއް އަދި މަރަދޫގައި ވެސް ދެ މީހަކު އެބަ ތިއްބެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެސިޓީން 13 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.