ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި ފޮރިން މިނިސްޓަރު ވާންގް ޔީގެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު، މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ، މިއަހަރު މީ ރާއްޖޭއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރޭ އަހަރުކަން ފާހަގަ ކުރައްވައިފައެވެ.

އަދި، ދެބޭފުޅުން ވަނީ މި ގުޅުން އިތުރަށް ‌‏ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ފުޅާ ދާއިރާއެއްގައި އެކަމާއި މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި އަހަރު މިއީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރުފުރޭ އަހަރުކަމުގައި ވިޔަސް، ސިލްކް ރޯޑްގެ ސަބަބުން ދެ ގައުމުގެ ގުޅުން 600 އަހަރު ކުރިޔަށް ޖެހޭކަމުގައި ވިދާޅުވެފައެވެ. އަދި، ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި، އެއްބައިވަންތަކަމާއި، އެހެން ގައުމުތަކުގެ ސިޔާދަތައް ކުރާ އިޚްތިރާމްގެ މައްޗަށްކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރާއްޖެ ހިމެނޭހެން ތަރައްގީވަމުން އަންނަ ހުރިހާ ގައުމެއްގެ ކުރިއެރުމުގައި ޗައިނާއިން އެހީތެރިވާން ތައްޔާރަށް އޮތް ކަމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖެ އަށް ބޭނުން ޖެހޭ ވަގުތުތަކުގައި އާއި ރާއްޖޭގެ ތަރައްގީ އަށް ޗައިނާ އިން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ވަނީ ޗައިނާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭޣެ ކޮވިޑް ދިފާއު ވެކްސިން ކެމްޕެއިނަށް ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ ސައިނޯފާމް ވެކްސިން ޝިޕްމަންޓް ހަދިޔާ ކުރެއްވި ކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި، ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާ ހިމެނޭ ކަންކަމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ގުޅިގެން އެކުގައި މަސައްކަތްކުރާނެކަމުގައި ތަކުރާރުކުރައްވާފައެވެ.

ރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޫބަރު 1972 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަފިރިން

    ރާއްޖެ ޗައިނާ ގުޅުން އިތުރަށްބަދަހި ކުރަނީ ކީއްކުރަންތޯ ބުނެދީބަލަ، މުހިންމީ އިންޑިއާއެއްނު، މި ވެރިކަމުގަ ހާރިޖީގުޅުން މާނަކުރަނީވެސް އިންޑިޔާއިން، އޮއްޓަރުހުރި ދިގުމުއްދަތުގެ އެއްވެސް ޕްރޮޖެކްޓެއް ކީއްކުރަން ލޯނުގެ ގޮތުގައި އެންމެ ފައިސާފޮއްޗެއް ޗައިނާ މިވެރިކަމުގަ ހަވާލުކޮއްފިއްޔާ އާއި ހަވާލުކޮއްފިއްޔާ އިންޑިޔާއިން ކަލޭމެން ދެފުށުން ހައްދަމާނެ، މިގައުމު އަޅުވެތިކުރަން އިންޑިޔާއިން ޖެހި ދަންތުރައި ތި އައުވާނުންވެސް ރަނގަޅަށް ޖެހިފިތިފަ ތި ތިބީ. ޢިންޑިޔާއާ ހަވާލުކޮއްގެން ވިއްޔާވި، ނުވިއްޔާ ނުވި. ދެން ފައިބާން އުޅޭ

  2. ހަވާސާ އިބޫ

    އަންނިބުނީ ޗައިނާގެ އެއްވެސް އެހީއެއް ބޭނުމެއްނޫނޭ! ބޭނުމީ ގެރި މޯދީގެ އެހީއެކަނިކަމަށް،