ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ކުރިމަތިލާ މީހުންގެ އަދަދު މަދުކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެގޮތަށްވާ ސަބަބު ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިން ދިރާސާއެއް ފަށައިފިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 16 ވަނަ މާއްދައަށް ގެނައި އިސްލާހުގައި ބުނާ ގޮތުން ކޮންމެ ރަށެއްގެ ކައުންސިލެއްގައިވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއް އޮންނަންވާނެއެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި އިސްލާހެކެވެ.

"ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އީސީގެ މެމްބަރު ޑރ މުހައްމަދު ޒާހިރު ރޭ ވިދާޅުވީ ޑަބްލިއުޑީސީއަށް ކުރިމަތިލާ އަންހެނުންގެ އަދަދު މަދުކަމުން އެއް ފަހަރަށްވުރެ ގިނަ ފަހަރު މީހުން ހޯދަން އިއުލާން ކުރަން ޖެހިފައި އެބަހުރި ކަމަށެވެ.

"މިއީ ގާނޫނޫ ހަދާ ފަރާތްތަކުން ވިސްނަން ޖެހޭ ކަމެއް" ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިމަތިލާ މީހުންގެ އަދަދު އެހާ މަދުވަނީ މުސާރަ އާއި އިނާޔާތްތައް ކުޑަވުމުން ކަމަށް ބައެއް އަންހެން ބޭފުޅުން ވިދާޅުވެފައިވެއެވެ.

ޑަބްލިއުޑީސީގެ މެމްބަރަކަށް އެލަވަންސްގެ ގޮތުގައި ލިބެނީ 2500 ރުފިޔާއެވެ. ކޮމެޓީގެ ރައީsaށް ދެނީ 3000 ރުފިޔާއެވެ. އެ މެމްބަރުންގެ މުސާރަތައް ބޮޑުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވަނީ ވިދާޅުވެފައެވެ.

މުސާރާގެ މައްސަލައަކީ އެކަށީގެންވާ އުޒުރެއް ކަމަށް އީސީން ދެކެއެވެ.

"ނޫނީ ދައުރުވެސް ކުޑަވުން ކަމަށް އެކަށީގެންވޭ. ނުވަތަ މަސައްކަތް ކުރުމުގެ ޖާގަ ތަނަވަސް ކޮށްފައި ނެތުން ކަމަށް ވެދާނެ" ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީސީގެ ސްޓްރެޓެޖިކް ޕްލޭން ތައްޔާރު ކުރިއިރުވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ކުރިއަށް އޮތް އަހަރުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ކުރާނެ މަސައްކަތްތަކާއި ބެހޭ ގޮތުން ކަމަށެވެ. ގާނޫނީ ގޮތުން ހުރިހާ ފުރުސަތުތަކެއް އޮތްއިރު އެހެން ދިމާވާ ސަބަބުން ހޯދުމުގެ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ތަރުހީބު ކުޑަ، އޭގެ އަސްލު ކޯސް ބަލަން ބޭނުން. ވަރަށް މުހިއްމުކަމެއް ހެން ހީވަނީ މިއީ ކިޔާވާ ކުދިންވެސް ފޯކަސް ކޮށްލުން. އަންހެނުންގެ ބައިވެރިވުން ކުޑަވަނީ ކީއްވެގެންތޯ. ގާނޫނީ ގޮތުން ފުރުސަތުވެސް ވަނީ ހުޅުވާލާފައި. ވަރަށް ޖާގަ މިއޮތީ ހުޅުވާލެވިފައި" ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުތަކުގައި ވޯޓުލާން 90 އިންސައްތަ މީހުން ނިކުންނައިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ އަދަދު އުޅެނީ 60 އިންސައްތާގައި ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި އެ އަދަދު ވަކިން ދަށް ކަމަށެވެ.