ކ. ތިލަފުށީ މަގުތައް ހެދުމުގެ މަޝްރޫއު ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ޓެންޑާއަށް ހުޅުވާލައިފިއެވެ.

ކުނިން ހިއްކާފައިވާ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާ އެރަށުގެ މަގު ހެދުމުގެ މަޝްރޫއު ޓެންޑާއަށް ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެޗްޑީސީން ކުރި އިއުލާނެއްގައެވެ.

މި ޓެންޑާއަށް ބިޑް ހުށަހެޅުމަށްޓަކައި މައުލޫމާތު ސާފު ކުރުމަށް ބާއްވާ ބައްދަލުވުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އަދި މި މަޝްރޫއަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިކަމުގެ އިތުރު ތަފްސީލް އެޗްޑީސީގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

މި މަޝްރޫއަށް ބިޑް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވިފައިވީ ނަމަވެސް މި މަޝްރޫއުގެ ބިޑާއި ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ލިޔުމުން މައުލޫމާތު ހޯދުމަށް އޮތް އެންމެ ފަހުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފައެވެ.

މަޝްރޫއުގެ ބިޑް ހުށަހެޅުމުގެ ސުންގަޑި އަކީ 23 ޖެނުއަރީ ވާ ދުވަހުގެ 11:00 އެވެ. ބިޑް ހުޅުވާލުން އޮންނާނީ ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އޮފީހުގެ ތިންވަނަ ފަންގިފިލާގައެވެ.

ތިމާވެއްޓާއި ރަށްޓެހިގޮތެއްގައި ތިލަފުށި ތަރައްގީ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ސަރުކާރުން އަންނަނީ ތިލަފުށި ވިހަދުމުން ސަލާމަތްކޮށް، ތިމާވެށްޓާއި ރައްޓެހި ގޮތެއްގައި ތަރައްގީ ކުރުމަށް މަޝްރޫއުތަކެއް ވެސް ހިންގަމުންނެވެ.