ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ގެންގުޅެނީ ވަރަށް ދޯހަޅި ތާކުންތާކު ނުޖެހޭ ސިޔާސަތުތަކެއް ކަމަށް ވިދާޅުވެ, މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މޭޔަރު ފަރާތުން އެ ވާހަކަ މި އައީ މާލެ ސިޓީގައި ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނުމަށް ފަހު ކުރިއަށް ނުގެން ދިޔުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި އެންގުމާ ގުޅިގެންނެވެ.

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުގެ ބޮލުގައި ސަރުކާރުން އަޅަން ބޭނުންވާ ކަމެއް ވެއްޖެއްޔާ އެކަމެއް އެޅުވިދާނެ ކަމަށެވެ. އިދިކޮޅުގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން އެކަމާއި ހައިރާން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގުމަތީ ބަޒާރުތައް ބޭއްވުމާ ގުޅޭ އުސޫލަކާއި ގަވާއިދެއް އެކުލަވާލާފައި އޮންނައިރު އެ ފަދަ އެއްވެސް ބާޒާރެއް ނުބޭއްވޭނެ ކަމަށް އެޗްޕީއޭއިން ނުވަތަ ކަމާއި ގުޅުން ހުރި އެއްވެސް އިދާރާއަކުން މީގެ ކުރިން އަންގާފައި ނުވާ ކަމަށެވެ.

"އެކަމަށް ފުރުސަތު ދޭން ނިންމީ ކައުންސިލުން ފާސްކޮށްގެން އުސޫލެއް ގެޒެޓް ކޮށްގެން ނައިޓް މާކެޓްތަކަށް ފުރުސަތުދޭން" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބާޒާރު ބާއްވަން ހުއްދަދިނީ "ކޮވިޑް ނުފެތުރޭނެ ކަމަށް" އެޗްޕީއޭއިން ނިންމާފައި އޮތުމުން ކަން އެކަށީގެންވާ ކަމަށެވެ. އެއިން އެއްވެސް ނިންމުމަކީ ސިޓީ ކައުންސިލުން ނިންމާ ނިންމުމެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ. ޖަލްސާތަކާއި އެހެނިހެން ހަރަކާތްތައް މާލެ ސަރަހައްދުގައި އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބޭއްވުމުގެ ހުއްދަ ދެނީ ސަރުކާރުން ކަމަށްވާ އިރު ނައިޓް މާކެޓާ އެކަމާ ވަކި ތަފާތެއް ނެތް ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުުމުގައި ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ ނޫން ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އެކަމަކު ސިޔާސަތުތައް ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ކިތަންމެ ދޯހަޅިނަމަވެސް އެ ސިޔާސަތުތައް ކަނޑައެޅިމާ ތަންފީޒު ކުރާނަން" އޭނާ ވިދާޅުވިއެވެ.

މަގުމަތީ ބާޒަރު ހުއްޓުވަން އެޗްޕީއޭއިން ނިންމި ނިންމުމާ ދެކޮޅަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ވަނީ މުޒާހަރާކޮށް އަޑު އުފުލައިފައެވެ. ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުން އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައެވެ. މިހާރު ދުވާލަކަށް 300 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެއެވެ. އެއާ ގުޅިގެން އެޗްޕީއޭއިން ވަނީ ފިޔަވަޅުތައްވެސް ހަރުކަށި ކޮށްފައެވެ.