ވިޔަފާރީގެ ހުނަރު ތަރައްގީ ކުރުމުގެ ގޮތުން ބޭއްވި "ޕިޗްއަޕް ޔޫތު އޮންޓްރޮޕްރިނިއަރޝިޕް ޗެލެންޖު" ކާމިޔާބު ކުރި ފަރާތްތަކަށް ރަސްމީގޮތުން ގްރާންޓު އެވޯޑުދީފި އެވެ.

މިއީ ޒުވާނުންނަށް ޚާއްސަކޮށްގެން އުފެއްދުންތެރި ވިޔަފާރީގެ ޚިޔާލު ހުށަހަޅައި، އެ ޚިޔާލުގައި ކާމިޔާބު ވިޔަފާރިއެއްގެ ސިފަ ޖެއްސުމައް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ގްރާންޓް އެވޯޑުކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

ހެންވޭރު މީރުމާ މާލަމުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސީގަލް ގްރޫޕާއި،
ވޮޔެޖަރޒް މޯލްޑިވްސްގެ ކޯ ފައުންޑަރ އަދި މެނޭޖިންގް ޑިރެކްޓަރ ޞަލާޙް ޝިހާބެވެ.

"ޕިޗްއަޕް: ޔޫތު އެންޑްރޮޕްރިނިއަރޝިޕް ޗެލެންޖް" ގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ 46 ދިވެހި ޒުވާނުން ޝާމިލުވާ 23 އައު ވިޔަފާރިއަކަށް، އެކު ޖުމުލަ 12.4 މިލިޔަން ދިވެހި ރުފިޔާގެ ހިލޭ އެހީ އެވޯޑު ކޮށްފައިވެއެވެ.

ޕިޗްއަޕް ޔޫތު އޮންޓްރޮޕްރިނިއަރޝިޕް ޗެލެންޖު ކާމިޔާބު ކުރި ފަރާތްތަކަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ހަޔާ އެޑިއުކޭޝަން

މި މުބާރާތް ޚާއްސަކޮށްފައިވަނީ ފަތުރުވެރިކަމާއި، ފަތުރުވެރިކަމާއި ގުޅުންހުރި އުމްރާނީ މަސައްކަތާއި، އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ ދާއިރާއަށެވެ.

މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް ޚާއްސަ އަހައްމިޔަތުކަމެއް ދީގެން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއާއި، ވިޔަފާރިވެރިކަމުގެ ހުނަރުތައް ތަރައްގީކޮށް، ޒުވާނުންނަށް ވަޒީފާއާއި، އާމްދަނީގެ މަގުތައް ފަހިކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެހީގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި، އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ "މޯލްޑިވްސް އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު - މީރީ" ޕްރޮޖެކްޓުގެ މައިގަނޑު އެއް ހަރަކާތެވެ.