ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަންޑުން ޖަހާލި ސްރީލަންކާގެ މަސްބޯޓުން ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ އޮޕަރޭޝަން މެދުކަނޑާލައިފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ ގައުމުގެ ބޭރުވަލަ ޓައުން އިން މަހަށް ނުކުތް "އަސޭލަ ޕުތާ" ބޯޓުގައި ތިބި ފަސް މީހުން ސަލާމަތް ކުރީ ޓެމިލްނާޑޫ ސްޓޭޓްގެ ޗެންނާއީގެ އިރުމަތިން 170 ނޯޓިކަލް މޭލު ބޭރުންނެވެ.

އެމީހުން ސަލާމަތްކޮށްފައި ވަނީ މާލެއިން އިންޑިއާގެ ޕޯޓް ބްލެއަރ އަށް ދަތުރުކުރަމުން ދިޔަ "ޕީޖީސީ ޕެރިކްލިސް" ލިކުއިޑް ޕެޓްރޯލިއަމް ގޭސް ކެރިއަރުންނެވެ.

އެ މަސްވެރިން ފެނުނީ ކ.އަތޮޅުގެ އިރުމަތިން 72 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓަށް މީހުން ނެގުމަށްފަހު ވަގުތުން ވަނީ ބޭސްފަރުވާ ފޯރުކޮށްދީފައެވެ.

ސަލާމަތްކުރެވުނު ފަޅުވެރިން ބުނާ ގޮތުގައި މި ބޯޓުގައި ޖުމްލަ ހަ ފަޅުވެރިން ހަރަކާތްތެރިވަމުން ދިޔައިރު، ހަ ވަނަ ފަޅުވެރިޔާ ވަނީ ގެނބިގެންގޮސް ގެއްލިފައެވެ.

ބާކީ ތިބި މީހުން ވަނީ މިހާރު ލަންކާއަށް ގެންގޮސްފައެވެ.

ލަންކާގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްއެސްސީ) އިން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޮށްދިނުމަށް ރާއްޖޭގެ ކޯސްޓުގާޑްގައި އެދިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، އެ ބޯޓްގެ ފަޅުވެރިއަކު ބޯޓްގެ އަޑިއަށް ފީނި ގޮތަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމުގެ މައުލޫމާތު އެމްއާރުސީސީ ކޮލަމްބޯއިން މައުލޫމާތު ދިނުމުން، ގެއްލިފައިވާ މީހާއާއި ބޯޓް ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު މަސައްކަތް ކުރަމުން ގޮސްފައިވާ ކަމަށެވެ.

އަދި، އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން، ކުރިއަށްގެންދިޔަ ސަރފޭސް ސަރޗުގައި އެ ބޯޓު ހޯދިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ކުރި މަސައްކަތުން އިއްޔެ އެ ބޯޓް ހޯދައި، ކޯސްޓްގާޑުގެ ޑައިވަރުންވަނީ ޑައިވްކޮށް ބޯޓުތެރެ ބަލައި ފާސްކޮށްފައެވެ.

ލަންކާ ބޯޓު

"ބެލިބެލުމުން މި ބޯޓްގައި މީހަކު ނެތްކަން ފާހަގަކުރެވުމުން، މި ބޯޓުން ގެއްލުނު މީހާ ހޯދުމަށް ކޯސްޓްގާޑުން ހިންގި ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަން ވަނީ ސަސްޕެންޑްކުރެވިފައި. އަދި އެ މައުލޫމާތު ވަނީ އެމްއާރސީސީ ކޮލަމްބޯއާ މިހާރު ހިއްސާކުރެވިފައި". އެމްއެންޑީއެފް އިން ނެރުނު ބަޔާނުގައި ވެއެވެ.