ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ހިޔާ" ގެ ދަފަތަރު ކެޓަގަރީއަށް ފްލެޓަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މާލޭ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލިއިރު، އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި މާލޭގައި ދިރިއުޅުނު މުއްދަތު ހަމައެކަނި ދެ ހެކިވެރިންގެ ބަހުން ކަނޑައަޅަން ސަރުކާރުން ނިންމައި ފޯމް ބަލައިގަތުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، މާލޭ ދަފްތަރުގައި ރަޖިސްޓަރީވުމަށްޓަކައި މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމަށް މީގެ ކުރިން އެކި މުވައްސަސާތަކުންނާއި، ދިއިރުޅުނު ގޭގެއިން ލިޔުން ހުށަހަޅަން ޖެހުނު ނަމަވެސް، ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމަށްޓަކައި އެ އުޞޫލު ދޫކޮށްލައްވައި، ދެ ހެކިވެރިންގެ ހެކިބަހުން އެކަން ސާބިތު ކުރާގޮތަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ.

"މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމަށް މާލޭގައި ދިރިއުޅުނު މުއްދަތަށް އެ ފަރާތަކުން (އަމިއްލައަށް) އިގުރާރުވާން ޖެހެނީ، އެ މުއްދަތު ޔަޤީން ކޮށްދިނުމުގެ ގޮތުން އާއިލީ ގުޅުން ނެތް ދެ ހެކިވެރިޔަކު ހުށަހަޅަންޖެހޭ، ފޯމުގައި ދެ ހެކިން ސޮއިކޮށް، ހެކިންގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަންޖެހޭ" ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވިއެވެ.

ހައުސިންގެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ހަސަން ޒަރީރު ވިދާޅުވީ، މާލޭ ދަފްތަރުގައި ޖެހުމުގައި ސަރުކާރުން ވަރަށް ބޮޑެތި ލުއިތަކެއް ދެއްވަފައިވާ ކަމަށާއި، ދެއްވި ލުއިތަކާއެކު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"ކުރީގަ މިކަން އޮންނަ ގޮތުން މާލޭގައި ދިރިއުޅުއްވި މުއްދަތު ބަޔާންކޮށް އެކި އޮފީސްތަކުންނާއި ސްކޫލްތަކުން ލިޔުންތައް ހުށަހަޅަންޖެހޭ، އެހެންނަމަވެސް މިހާރު ސަރުކާރުގެ އޮފީހަކުން ހޯދަންޖެހޭ ލިޔުމެއް، ސްކޫލަކުން ހޯދަންޖެހޭ ލިޔުމެއް މިފަހަރު ނުގެނެވުނަސް މިފަހަރު އެބޭފުޅަކަށް ދަފްތަރުގައި ޖެހުމުގެ ފުރުޞަތު އެބައޮތް" ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ހަސަން ޒަރީރު ވިދާޅުވިއެވެ.

މާލޭ ދަފަތަރު ބެލެހެއްޓުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ހިޔާ ފްލެޓްގެ ދަފްތަރު ކެޓަގަރީގެ ދެ ބަޔަށް ކުރިމަތިލެވޭ އުޞޫލަށް ބަދަލު ގެންނަވައި، ޖާގަ ތަނަވަސް ވަގުތީ އިމާރާތެއް ހައުސިންގ މިނިސްޓްރީގައި ޤާއިމުކުރެއްވުމަށްފަހު މިއަދު ވަނީ ޚިދުމަތް ދެއްވަން ފަށްޓަވާފައެވެ.

ހިޔާ މަޝްރޫއުގެ ފަލެޓްތަކަށް ފޯމު ބަލައިގަތުމާއި، މާލޭ ދަފްތަރުގައި ރަޖިސްޓަރީވުމަށް ފޯމު ނެގުމާއި، ފޯމު ހުށަހެޅުމުގެ ޚިދުމަތް އަލަށް ޤާއިމުކުރި ވަގުތީ އިމާރާތުން ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް، ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 11:00 އަށް ލިބިވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން 7000 އަށްވުރެ ގްލެޓް އެޅިގެންދާއިރު، އެ ފްލެޓްތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ އޮގަސްޓް މަހުގެ ނިޔަލަށެވެ. މިހާތަނަށް މި ފްލެޓްރަކަށް އެދި ގާތްގަނޑަކަށް 5000 އެއްހާ ފޯމް ހުށަހަޅާފައިވާއިރު، ފަހު ވަގުތަށް މަޑު ނުކުރައްވައި ފޯމު ހުށަހެޅުއްވުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ.