އައްޑޫސިޓީން އިތުރު 29 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ 29 މީހުންގެ ތެރެއިން 17 މީހަކު ފައްސިވެފައިވަނީ މިވަގުތު ކޮވިޑްގެ އެންމެ ވޭދަނަތައް ގިނަ ހިތަދޫންނެވެ. ހިތަދޫގެ އިތުރުން ހަތަރު މީހަކު މަރަދޫފޭދޫން ހަތަރު މީހަކު ހުޅުދޫން، މީދޫން ދެ މީހަކު އަދި ފޭދޫން އެކަކު ހިމެނެއެވެ.

މިއާއި އެކީ އައްޑޫގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 159 އަކަށް އަރާފައެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، ހިތަދޫގައި މިބަލި ޖެހިފައި ތިބި 94 މީހަކު، މަރަދޫ ފޭދޫގައި ހަ މީހަކު، ފޭދޫގައި 12 މީހަކު، މީދޫގައި 23 މީހަކު، ހުޅުދޫގައި 15 މީހަކު މަރަދޫގައި ހަ މީހެއްގެ އިތުރުން ރިސޯޓުތަކާއި އެހެނިހެން ތަންތަނުން ފައްސިވެފައިވާ ތިން މީހަކު އެބަ ތިއްބެވެ.

އައްޑޫން މިހާތަނަށް 3،130 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 2،958 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން އެކަކަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، އެސިޓީން މި ބަލީގައި 13 މީހަކު ވަނީ ނިޔާވެފައެވެ.