ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ، އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮންނާތީވެ، ސިޔާސީ ޕާޓީތައް އުފައްދަން ގާނޫނުގައި ދީފައިވާ މުއްދަތު ސަސްޕެންޑް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު "ވަގުތު" އަށް ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފައްދަން ހުއްދަ ދިން ބައެއް ފަރާތްތަކަށް ގާނޫނުގައި ދެވިފައިވާ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް ގާނޫނުން ލިބިދޭ އިޚްތިޔާރުގެ ދަށުން އެމުއްދަތު ކެންސަލް ކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ދެން، މުއްދަތެއް ނެތް ގޮތަށް ފުރުސަތު އޮންނާނެ، ޕާޓީތަކަށް ދެވޭ މުއްދަތު ސަސްޕެންޑް ކޮށްފައި އެ އޮތީ، މުއްދަތު ހަމަވިޔަސް މި ފާހަގަ ކުރާ ފަރާތްތަކަށް ޕާޓީ އުފައްދަން އަދިވެސް ފުރުސަތު އެބަ އޮތް ހަމަ،" ފުއާދު ވިދާޅުވިއެވެ.

ފަހަކަށް އައިސް ޕާޓީތައް އުފައްދަން ގިނަ ބަޔަކު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޕާޓީއަކީ ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އުފައްދަވަން މަސައްކަތް ކުރައްވާ ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ (އެންއެސްޕީ) އެވެ. އޭނާއަށް ދިން މުއްދަތު ވެސް މިދިޔަ ނޮވެމްބަރު މަހަށް ހަމަވިއެވެ.

ދާދި ފަހުން، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ނަމުގައި ޕާޓީއެއް އުފައްދަވައިފައެވެ. 2023 ގެ ރިޔާސީ އިންތިޚާބުގައި މި ޕާޓީން ވާދަކުރާނެ ކަން ވަނީ އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު