ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާއި ދިމާކޮށް ބަޖެޓް ނުކުރާ މަޝްރޫއުތައް ނުފަށަން ސަރުކާރަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮވާލައްވައިފިއެވެ.

ބައި އިލެކްޝަންއާއި ގުޅޭ ގޮތުން، ސިޔާސީ ޕާޓީތަކާއި އެކު އީސީގައި ކުރިއަށްދާ ބައްދަލުވުމުގައި، ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިޚާބާއި ދިމާކޮށް، ބަޖެޓްގައި އަދި ސަރުކާރު މެނިފެސްޓޯގައި ވެސް ނުހިމެނޭ ކަންކަން ފެށުމަކީ ނުރަނގަޅު ނުފޫޒު އިންތިޚާބަށް ފޯރާނެ ކަންކަން ކަމަށެވެ.

"ސަރުކާރުގެ މެނިފެސްޓޯގައި ވެސް އަދި ހަމަ އެއްވެސް ވަރަކަށް ބަޖެޓްގައި ވެސް ހިމެނިފައި ނެތް ކަމެއް އެހެން ފެށުމަކީ އިންތިޚާބާއި ދިމާކޮށް، އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރުވާނެ ކަމެކޭ، އެ ކަހަލަ ކަންކަން ނުކުރުމަކީ އަޅުގަނޑުމެންގެ އެދުމެއް،" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، ބައި އިލެކްޝަންއާއި ގުޅިގެން ވައުދުތައް ވުމުގެ ފުރުސަތު ސަރުކާރު ހިންގާ ޕާޓީއަކަށް ވެސް އޮންނާނެ ކަމަށެވެ. އެކަމަކު އެ ވައުދުތައް ފުއްދުމުގެ މަސައްކަތް ވެސް ފަށަން ވާނީ އިންތިޚާބަށް ފަހު އަދި ބަޖެޓްގައި ވެސް އެ ކަމެއް ހިމެނިގެން ކަމަށް ހަބީބް ފާހަގަ ކުރެއްވިއެވެ.

"ކޮރަޕްޝަންއާއި، ރިޝްވަތު ދިނުމާއި، އެންޓި ކެމްޕޭން ކުރުމާއި ވެސް ދުރުވާން ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް އަޅުގަނޑުމެން ނަސޭހަތްތެރިވަން،" ހަބީބް ވިދާޅުވިއެވެ.

ބަޖެޓް ނުކުރާ މަޝްރޫއުތަކެއްގެ ވާހަކަ އީސީން ދެއްކެވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ކޮމަންޑޫއާއި ކައިރީ އޮންނަ ފަޅު ރަށެއް ކަމުގައިވާ މަތި ކޮމަންޑޫގެ ފަޅުން ބޮޑު ބައެއް ހިއްކުމަށާއި، ދެ ރަށް ބްރިޖްއަކުން ގުޅުވާލުމުގެ މަޝްރޫއަކާއި، ކޮމަންޑޫ ފުޓުބޯޅަ ދަނޑުގެ މަޝްރޫއު އިއުލާން ކުރައްވައިފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރާޝިދެވެ. ރާޝިދަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.

އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި މޫސާ ފަތުހީއެވެ. ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ފަތުހީއަކީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދަވާފައިވާ އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    ގޮވަގޮވާ ތިބެންޖެހޭނީ މާދަމާ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ގެންގޮސްސަ ބޭރުކުރީމާ ތިބޭތި، މިއީ މިހާރު ޤާނޫނު އަސާސީއެއް ޤާނޫނެއް ހިނގާ ގައުމެއްނޫން، އިރާދަކުރެއްވިއްޔާ މިދުވަސްވެސް ދާނެ.

  2. އަލީ

    2023 އިންތިހަބައްފައު ދެންމިގައުމުގަ ބަލަނީ ކޮރޮޕްޝަން ރިޝްވަތު މަތްސަލަތައް މިއިންކޮއްމެކަމެއްގަވެސް އިސްވާނީ މަނީލޯންޑާރް ކުރުން ވެރިކަންކުރުމައްފަހު ބަނޑުދިއާވިއަސް ޝަތްކުކުރެވޭނެ މިކަންތަކަތް ބަނޑުދިއާވާނީ ކަޅުދަބަހެއް ދިޔާއެއްޗެއް ދެމަގާމު ދިރުވާލުމުން.

  3. ގަލަން ތުނޑު

    ދެންވެސް ބުނާނެ ސައްހަ އިންތިޚާބެކޭ އަރާ އަނގަ ފޭކޮށްފަ

    11
  4. މާލެ

    ދެން ސަރުކާރުގެ ވަސީލަތްތަކާއި ނުފޫޒު ބޭނުންކޮށްގެން މިހާވަރަކަށް ވޯޓަށް ނުފޫޒުފޯރުވޭނީ...މީތަ ތިކިޔާ ޑިމޮލްރަސީޔަކީ..."ބާޤީޕާޓީޔާ މަނީލޯންޑްރިން ފާޓީގެ ކެންޑިޑޭޓްއަށް ވޯޓުނުލާށޯ! ވޯޓުލާންވީ ކަޅުދަބަހުގެ ފައިސާޔާ..އެމްއެމްޕީއަރސީގެ ފައިސާއެންމެ ގިނައިންލިބުނު ޕާޓީގެ ކެންޑިޑޭޓަށޯ" ސޯލިހު ލޮޖިކް

  5. ނަޝީދު

    ކޮންމެ ފަހަރަކު ހެޔޮވެރިކަމެއް ކުރަން އައިސް ބަލާ ވެރި ކަމެއް ދޯ ކުރަނީ....

  6. ސަޅި

    މީ ކޮންތާހކު ހުރި ކޮހެއް އީސީގެ ނައިބަކަށް ލައިގެން މިއުޅެނީ. އީސީގެ މެންޑޭޓަކު ނިއިންނާނެ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަން އަދި ޙާއްސަކޮށް މުޅި ރައްޔިތުންނަށް ފައިދާވާގޮތަށް ރާއްޖޭގެ ރަށެއްގައި ހިންގާ މަޝްރޫއެއްގެ ތެރެއަށް ވަދެ އެކަމާއި ގޮތް ކިޔާކަށް. މިކަހަލަ މީހުނަށް މަގާމު ދިނީމަ އޮރިޔާންވަނީ. ޕާޓީތަކުން ހިންގާ ނެއެދެވޭ ޢަމަލުބަލައި ފިޔަވަޅު އެޅުން އީސީގެ ދައުރަކީ. ބަޔަކު މޮޔަވެގެން އަރާތިބެ އައުގުރާނަ ގޮވާއިރަށް ނައިބަކަށް ނުޖެހޭނެ ސަރުކާރުން މުޅި ރައްޔިތުންގެ ލާބަޔަށް ކުރާ ކަމެއްގެ ތެރެއަކަށް އަަގަބާނާކަށް. ކޮމްނަޑޫއަކިވެސް މިރައްޖޭގެ ރަށްެއް. އެމީހުން ހޮވާފަ އިންނެވި ރަޢިސަކު އެރަށުގެ ރައްޔިތުން ނުހަނު ބޭނުނވެގެން އުޅޭ ކަމެއް އިންތިހާބަކާ ދިމާކޮށްވިޔަސް ނުވިޔަސް ކޮށްދޭވާހަކަ ވިދާޅުވީމާ އެކަމަށް ހުރަސް އެޅުއްވުމުގެ ބާރެއް ނޮއޮންނާނެ އެކަކަށްވެސް. މިވަރުނުދަންނަ ޕާޓީއެއް ޕީޕީއެމަކީ. ސަރުކާރުން ވަކި ރައްޔިތަކަށް ވަކި އެއްޗެއް ދީގެނެއްނުން މިމައްސަލަ ޖައްސަނީ. ހަމަ ރައްޔިތަކަށް ހެވެއް ނެއެދެނީ. ތީގެން އެކަކުވެސް ބުނެ ބަލަ ސީދަލަށް ކޮމަންޑޫއަށް އެއްވެސް ކަމެއް ނުކޮށްދޭށޭ. ތިމެންނަމެން ހިތް ރުޙޭ ކަމެއް ނޫނޭ އެރަށު ރައްޔިތުންނަށް ކަމެއްވުމަކީ. ބޯ ގަޅި.

  7. ބޭބެ

    އިންތިޚާބުގެ ކުރިން ބަޖެޓްކުރެވިފައިނުވާ ބޮޑަތި ޕްރަޖެކްޓް ތަކެއް ކޮމަންޑޫ ދާއިރާގައި ފެއްޓުމަކީ އިންތިޚާބަށް ނުފޫޒް ފޯރުވުމަށްވުރެ މާބޮޑު ކުށެއް އެއީ ޤާނޫނީސަރުކާރަކުން ދާއިރާއެއްގެ ރައްޔިތުންނަށް ޖުމުލަކޮށްދެދޭ ބޮޑު ރިޝްވަތެއް އެއީ އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ނުފޫޒް ބޭނުންކޮށްގެން ވަކިމީހަކަށް ފާއިދާހޯދަދިނުމަށްޓަކާ ހިންގާ ކޮރަޕްޝަނެއް ބޮޑު ޖަރީމާއެއް