ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ މިއަދަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

ނިހާންގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ 36 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ނިހާންގެ މައްޗަށް އަންނާނެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ނިހާންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލު ކުރީ މިއަދު ހެނދުނު 9:00 އަށެވެ. އެކަމަކު ކްރިމިނަލް ކޯޓުގެ އިދާރާއިން މައުލޫމާތު ދެއްވީ ގޮތުގައި މިހާރު ވަނީ އަޑުއެހުން ކެންސަލް ކޮށްފައެވެ. އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ވިދާޅެއް ނުވެއެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ، މި މައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ތަހުގީގަށާއި ދައުލަތަށް ބަޔާން ދީފައިވާނަމަ، އެ ބަޔާނެއް ދިފާއަށް ލިބޭނެ ގޮތް ހަދައި ދިނުމަށް އެދިފައެވެ. އަދީބަކީ މި ޚިޔާނާތުގެ މޭސްތެރިޔާ ކަމުގައި އަމިއްލައަށް އިއުތިރާފްވެ ހުކުމް އިއްވަވާފައިވާ ބޭފުޅެކެވެ.

އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އަދީބުގެ ބަޔާންތައް 10 ދުވަހުގެ ތެރޭގައި ދިފާއަށް ދެއްވުމަށް ދައުލަތަށް އެންގެވުމަށެވެ. އަދި އެ ބަޔާންތައް ލިބުމުން ހެކި ހުށަހަޅަން 10 ދުވަހުގެ ފުރުސަތެއް ދިފާއަށް ދެއްވަން ވެސް ގާޒީ އެ އަޑުއެހުމުގައި ނިންމެވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލް ކުރެއްވި ނިހާންގެ މައްޗަށް ވެސް ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމުގެ ތުހުމަތު ކުރެވޭއިރު، އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. ނިހާންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ.

އޭރު ވެރިކަން ކުރި ޕާޓީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އަށާރަވަނަ މަޖިލީހުގެ މެޖޯރިޓީ ލީޑަރެއްގެ ގޮތުގައި ހުންނެވި ނިހާން ބައްލަވައިގެންފައިވާ ރޮލެކްސް ގަޑިއާއި ލަގްޒަރީ އެޕާޓްމެންޓާއި 70 މިލިއަން ރުފިޔާ ދައުލަތަށް ނަގަން ވެސް ދައުލަތުން ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާައަހުމަދު

    ސޭޓް ޕާޓީގަ އުޅޭމީހުންގެ ޝަރީއަތް އެހާފަސޭހަކޮން ނިހިގާނެޔޯ އެހެންވެގެންނޯ އެޕާޓީއަށް ކޮރަޕްޝަނަށް ތުހުމަތުކުރވޭމީހުން ވަންނަނިއްޔޯ އެއީ ތެދެއްބާ؟

  2. ސޯލިހު

    ތިކަން ވާނެބާ؟؟؟

  3. ނޫންތަ

    ސޭޓު ކައިރިއަށް ދިއައިމަ އެކަހަލަ ކަންކަންވާނެ.