ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވަދޭ ޓީޗަރުން ތަމްރީނު ކުރުމަށް މާސްޓާސް އޮފް ޓީޗިންގ އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން ކޯހެއް ތައާރަފްކޮށްފިއެވެ.

މިރޭ ސޯލްޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސް ތައާރަފްކޮށްދެއްވީ ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު އަލީ ޒަކީއެވެ.

މިއީ އެއް އަހަރު ދުވަހުގެ ކޯހެކެވެ. މި ކޯހުގައި އަށް މޮޑިއުލް ކިޔަވާދޭއިރު، ދާއިރާއާ ގުޅުން ހުރި ބެޗްލާސް ޑިގްރީ އެއް ނުވަތަ ދާއިރާއާ ގުޅުން ހުރި ގްރެޑުއޭޓް ޑިޕްލޮމާ ލެވެލް 8ގެ ކޯހެއް ހަދާފައިވާ ފަރާތްތަކަށް މި ކޯހުގައި ބައިވެރިވެވޭނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ، ޒެނީޝާ ވާހަކަފުޅު ދައްކަވަނީ- ވަގުތު އިމޭޖަސް: ޖިމީ މުޙައްމަދު

މީގެ އިތުރުން، 25 އަހަރު ފުރިފައިވުމާއެކު ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 5 ގެ ކޮލިފިކޭޝަންއެއް އަދި ހަތް އަހަރު ދުވަހުގެ ގުޅުހުން ދާއިރާއެއްގެ ތަޖުރިބާ (ލެވެލް 5 ގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް 3.5 އަހަރު ދުވަހުގެ ތަޖުރިބާ ހުރި) އަދި އެމްކިޔުއޭ އްޕޫވްކޮށްފައިވާ ޕްރިމާސްޓާރ ޕްރޮގްރާމް ނުވަތަ 25 އަހަރު ފުރިފައިވުމާއެކު ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 6 ގެ ކޮލިފިކޭޝަންއެއް އަދި ހަތް އަހަރު ދުވަހުގެ ގުޅުހުން ދާއިރާއެއްގެ ތަޖުރިބާ (ލެވެލް 6 ގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް 3 އަހަރު ދުވަހުގެ ތަޖުރިބާ ހުރި) އަދި އެމްކިޔުއޭ އްޕޫވްކޮށްފައިވާ ޕްރިމާސްޓާރ ޕްރޮގްރާމް ހަދާފައިވާ ފަރާތްތަަކަށް މި ކޯހުގައި ބައިވެރިވެވޭނެއެވެ.

މި ކޯހުގެ ފީއަކީ 65000 ރުފިޔާއެވެ. މި ކޯހަށް ފީދެއްކުމުގައި ލުއި ގޮތްތަކެއް ހެދުމަށް އިންސްޓޯލްމެންޓަށް ފައިސާދެއްކޭ ގޮތް އެވިޑް ކޮލެޖް އިން ވަނީ ހަމަޖައްސާފައެވެ. އަދި އެމްއެފްއެލްސީ ފައިނޭންސް ސްކީމް މެދުވެރިކޮށްވެސް ކޯހަށް ފީ ދެއްކޭނެކަމަށް އެވިޑް ކޮލެޖުން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒެނީޝާ ވިދާޅުވީ، އެވިޑް ކޮލެޖުން މިއަދު ފައްޓަވާ މާސްޓާސް ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށެވެ.

ޒެނީޝާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރާ ފަންނީމީހުން ބިނާކޮށް، މި ދާއިރާގައި ޚިދުމަތްކުރާ ދިވެހިންގެ ދައުރު އިތުރަށް ފުޅާވެގެންދިޔުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ޢާއިލާތަކަށާއި، ޤައުމަށް ނުހަނު ބޭނުންތެރިވެފައިވާ ކަމެއްކަމަށެވެ.

"ވީމާ މި ކޯހުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތް ކުރައްވާ ފަރާތްތައް އިތުރަށް ތަރައްގީވެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރިމަގުގައި ފަހި ފުުރަސަތުތަކެއް ތަނަވަސް ވެގެންދާނެ ކަމަށް". ޒެނީޝާ ވިދާޅުވިއެވެ.

މި ކޯހަށް ކުރިމަތިލާން މިހާރުން ފެށިގެން ހުޅުވާލާފައިވާއިރު، އޮގަސްޓް މަހުގެ ނިޔަލަށް މި ކޯހަށް ކުރިމަތިލެވޭނެއެވެ.