ސީލައިފް ފްލެޓް ގަތް މީހުނާއި އެއްކޮޅަށް ސިވިލް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ޕެޓިޝަނަށް ވެސް ޖަވާބު ނުލިބި ލަސްވާތީވެ ރައީސްއާއި ބައްދަލު ކުރަން އެ މީހުން ރައީސް އޮފީހަށް ހިނގައްޖެއެވެ.

122 މީހަކު ސޮއިކޮށް ރައީސްއަށް ހުށަހެޅި އެ ޕެޓިޝަންގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަ ކޮށްފައި އޮތީ، ފްލެޓް ވިއްކަން ނިންމި އަގަށް ވުރެ ބޮޑު ނުވާނެހެން ފްލެޓް ގަތް މީހުނަށް ފްލެޓް ގަނެވޭނެ ގޮތް ހަދަން އެއްބަސްވުމުގައި އޮންނަ މާއްދާއަށް އަމަލު ނުކުރުމެވެ.

ރައީސްއަށް މި ޕެޓިޝަން ހުށަހެޅިއިރު، ރައީސްއާއި ބައްދަލު ކުރަން އެދި ފްލެޓް ގަތް މީހުންގެ ފަރާތުން ސިޓީއެއް ވެސް ފޮނުވާފައިވެއެވެ. ޕެޓިޝަނާއި ސިޓީއާއި ފޮނުވިތާ ތިން މަހެއްހާ ދުވަސް ވީއިރު އަދިވެސް އެއަށް ޖަވާބެއް ނުލިބެއެވެ.

ސީލައިފް ފްލެޓް ގަތް މީހުން ރައީސް އޮފީސް ކައިރީ މަޑުކޮށްލައިގެން - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އެ ސަރަހައްދުގައި މަޑުކޮށްގެން ހުރި މީހަކު "ވަގުތު" އަށް ކިޔައިދިން ގޮތުގައި، އެ މީހުންގެ ތެރެއިިން އެކަކު އެތެރެއަށް ވަދެ ރައީސްއާއި ބައްދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައީސްއާއި ނުވަތަ އިސް ބޭފުޅަކާއި ބައްދަލުނުވެވޭހާ ހިނދަކު އެ ގޮތަށް ރައީސް އޮފީސް ކައިރީ މަޑުކުރަން ވިސްނާފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ބޭރުގައި ތިބެގެން އިތުރަށް ވެސް މީހުން ރައީސް އޮފީސް ކައިރިއަށް ގެނެވޭތޯ މި މަސައްކަތް ކުރަނީ، އަދި ރައީސްއާއި ބައްދަލުވާން ޖަވާބެއް ނުލިބިއްޖެނަމަ، އެ ކަމެއް ހަމަޖެހެން ދެން ކޮންމެ ދުވަހަކު މި ގޮތަށް ރައީސް އޮފީހަށް އައިސް މިތާކައިރީ މަޑުކޮށްގެން ތިބެން މި ވިސްނަނީ،" އެ މީހާ ބުންޏެވެ.

ސީލައިފް އިން ހުޅުމާލޭގައި އަޅަން ނިންމި 3000 ފްލެޓުން ފްލެޓް ގަންނަން ފައިސާ ދެއްކި 395 މީހަކު ފްލެޓް ނުލިބިގެން ކޯޓަށް މައްސަލަ ހުށަހެޅުމުން އެމީހުންނަށް ފައިސާ ދިނީ އެޗްޑީސީ އިންނެވެ. ފްލެޓް އެޅުމަށް ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މޫސާގެ މައްޗަށް މިހާރު ވަނީ ގިނަ ދައުވާތަކެއް ވެސް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބިންގޯ

  ރައީސް އޮފީސް ޖާމިނުކޮއްފަ އަންމަޓީ ދޫކޮއްލަބަލަ.

 2. ވާނުވާ

  ހިޔާ ފުލެޓް ލިބުނުމީހުން ވަންނަންޖެހޭ ދުވަހަކީ ބޮޑުދުވަހެއް ކަމަށް ވިސްނަންވާނެ

  7
  1
 3. އަލީ ފާއިގު

  މީ ދެން އަރަތެއް މި މީހުން ކުރި ނުބައި އިންވެސްޓުމަންޓަކަށް ޒިންމާވާން
  މިޖެހެނީ ސަރަކާރުން އާހިރު ނިކަމެތިމީހާހެ ޓެކުހު ފައިސާއިން މިމީހުންގެ ގެއްލުމުގެ ބަދަލު މިދޭންޖެހެނީ

 4. އިސްމާއިލް

  ނުޖެހޭފުލެޓްދޭކަށް އައްމަޓީފަހަތުންދުވޭތިއީސަރުކާރުންކުރިކަމެއްތަ ތިމީހުނަށްދެންޏާ މަށައްވެސްދޭންޖެހޭނެ

  2
  1
 5. އުގުރި

  މި ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ތިފަދަ ބޮޑު ބީތާއެއް ނުވަތަ ބޮޑު ގަމާރެއް އަދި ރައީސް ކަމަކަށް ނާރާ.