ށ.ކޮމަންޑޫ އާއި އެރަށާއި ކައިރީގައި އޮންނަ ފަޅުރަށް މަތިކޮމަންޑޫ ގުޅާލާ މަޝްރޫއު ސަރުކާރުން އިއުލާނު ކުރުމުގެ ކުރިން އީއައިއޭ ރިޕޯޓުގެ މަސައްކަތް ފައްޓާ މިހާރު އެ ރިޕޯޓު ނިންމާލާފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މަތިކޮމަންޑޫ އޮންނަ ފަޅުން 16.7 ހެކްޓަރުގެ ބިން ހިއްކައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމައްސަކަތުގެ އެއްބަސްވުމުގައި އެމްޓީސީއާއި އެކު ސަރުކާރުން މިހާރު ވަނީ ސޮއިކޮށްފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވަނިކޮށް ދައުލަތުގެ ބަޖެޓުގައި ވެސް ހިމަނާފައިނުވާ މި މަޝްރޫއު ފެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ކުއްލި ގޮތަކަށެވެ. އެކަމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓްރާންސްޕޭރެންސީން ވަނީ ތިމާވެށްޓަށް ކުރާ އަސަރު ބެލުމުގެ އިތުރުން، މަޝްރޫއުގެ އިޖުތިމާއީ އަދި އިގްތިސާދީ އަސަރުތައް ފުރިހަމައަށް ދިރާސާކޮށް ރިޕޯޓެއް ހަދައި އެއަށް ފުރިހަމައަށް އަމަލުކޮށް ތިމާވެއްޓަށް އަސަރުކުރާނެ ކަންކަން ކުޑަކުރަން ފިޔަވަޅު އަޅާކަން ކަށަވަރުކުރުމަށާއި އަދި އިލެކްޝަންސް ކޮމިޝަން، އެންޓި-ކޮރަޕްޝަން ކޮމިޝަން، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ހިދުމަތް ފަދަ ކަމާގުޅޭ ދައުލަތުގެ މައައްސަސާތަކުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތައް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވަން ގޮވާލާފައެވެ.

މިކަމާއި ގުޅިގެން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު މިހާރު ލިބިފައިވާ ކަމަށާއި އަދި މިހާރު އީޕީއޭ އިން އެ ރިޕޯޓު ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އީއައިއޭ ރިޕޯޓް އީޕީއޭއަށް ލިބިފައިވާ ކަމަށް ނައީމް ވިދާޅުވި ނަމަވެސް އެރިޕޯޓް ހެދުމުގެ މަސައްކަތް ފެށި ތާރީހެއް އޭނާ ވިދާޅެއް ނުވެއެވެ.

ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލާނެކަމަށް ރައީސް ސޯލިހް އިއުލާނު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕޭން ޖަލްސާއެއްގައެވެ. އިއުލާނު ކުރެއްވި އިރުގައި މި މަޝްރޫއަކީ ބަޖެޓު ކުރެވިފައިވާ މަޝްރޫއަކަށް ނުވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަބޭ

    އީޕީއޭވެސް ޖަވާބުދާރީކުރުވޭނެ ދުވަހެއް އަންނާނެކަން ހަންދާންބަހާއްޓަންވާނެ

    31
  2. Anonymous

    ނައިމްބެ އަކީ އެމްޑީޕީ ޕަޕެޓެއް

    30
  3. ޢިއްތިހާދު

    ތިހެދިތާރީހުބެލޭނެ ދުވަހެއްއައްނާނެ އެންރައްތަކުގެ ތިހަދަން 4 އަހަރުނަގާ މަދުވެގެން ވީމައެއްރޭ 12ޖެހިރު ތިނިއްމާލީ ރެޑްބުލްދަޅެއްބޭނުންކޮއްގެންތޯ

    30
  4. ފާއިޒު

    ފަހުގެ ވަގުތެއްގައި ހުށައަޅައި، ކުރުމުގުލަށް ޖައްސާލާފައި ވާނުވާއެއް ނުބަލާ އަވަހަށް އީ އައި އޭ ނިންމާލީ ދޯއެވެ. އެހެން ނޫނީ މަޤާމުވެސް ގެއްލިދާނެތާއެވެ.

    30
    1
    • ޢަލީ

      އީޕީއޭ ހަދަން މައުލޫމާތެއް ހޯދަން އެތަން ސާވޭކުރަން އެއްވެސްބަޔަކު ދާކަށް ނުޖެހޭދޯ. ހަމަ އެކަނި ކޮމްޕުން އެއްޗެއް ލިޔެލާފަ ތައްގަނޑުޖަހާލީމަ ނިމުނީދޯ. ފަރެއް ވަލެއް ގަލެއް ހަލާކުވެދާނެތީ ކަންބޮޑުވާކަށް ނުޖެހޭދޯ.

      11
  5. އަހްމަދު

    މިއީހަމަކަނޑައެޅިގެން ދޮގެއް ކީއްކުރާނީ މިކަހަލަމީހުންނޫނީ އެއްވެސް މުއައްސަސާއަކަށް ނުލާނެ އެޅިހާބަތަކަށްރިހަ ނުވެއްޖިއްޔާ މުއައްސަސާއެއްގަ ނުހުރެވޭނެ

    26
  6. ލީލޮ

    އީޕޭއޭ ވިއަސް ތިކަހަލަ ދޮގު ހަދާކަށް ނުވާނެ.

    11
  7. ހުސެން

    އީ ޕީއޭ ގެ ކޮޕީގެ ތަންކޮޅެއްވެސް ނޫސް އަށް ދީބަލަ ހަދާފަ އޮތިއްޔާ!!!!

    12
  8. އަހައްމަދޫ

    މިހާރު ހުރިހާ އެއްޗެއް ދެން ނިމިފަހުންނާނީ . އަދި މަސައްކަތް ފަށަން ތައްޔާރު ވެފަ ހަމަ. މަހިތައް އަރާ އެމްޑީޕީގެ ޕަޕެޓް ނުހޮވިއްޖެއްޔާ ކިހިނެއްބާއޭ ހަދާނީ