ރ. އަތޮޅު އުނގޫފާރުގެ ނެރު ބަދަލު ކުރުމުގެ މަޝްރޫ އާއި އެ އަތޮޅު މާކުރަތުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދޭގޮތުަގައި، އުނގޫފާރު ނެރު ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތަށް 18,588,276.60 ރުފިޔާގެ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މިމަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 41,980 ކިއުބިކް މީޓަރ ބަނދަރު އަދި ނެރު ފުންކުރުމާއި، 162 މީޓަރ ބޭރުތޮށި ޖެހުމާއި، ދެ ނެރު ބައްތި ޖެހުން ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދޭގޮތުގައި، މާކުރަތު ބަނދަރު ބޮޑުކުރުމަށް ކުރުމުގެ މަސައްކަތަށް 26,677,466.90 ރުފިޔާ ހަރަދުވާއިރު، މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 350 ދުވަހުގެ މުއްދަތަކެވެ.

މިމަޝްރޫއުގެ ދަށުން 45,023.84 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 140 މީޓަރ ބޭރުތޮށި ޖެހުމާއި، 85 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 28 މީޓަރ ގްރެއިން ޖެހުމާއި، 129 މީޓަރ އެއްގަމުތޮށި ޖެހުމާއި، 26 މޫރިންގ ރިންގް ހަރުކުރުމާއި، ފަސް މޫރިންގ ބޮއި ހަރުކުރުމާއި، 10m x 9m ގެ ރޭމްޕް ހެދުމުގެ އިތުރުން، 641 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ނުވަ މަގު ބައްތި ޖެހުން ހިމެނެއެވެ. އަދި މިހާރުގެ ބަނދަރުގައި ހުރި މަރާމާތުގެ މަސައްކަތްތައްވެސް ކުރާނީ އެ ކުންފުނިންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ބަނދަރާއި ގުޅުންހުރި ހުރިހާ ސަރުކާރުގެ މަޝްރޫއެއް ކުރިއަށްގެންދާ ކުންފުންޏަކީ އެމްޓީސީސީކަން ފާހަގަކޮށްލަން ޖެހެއެެވެ.