ފެނަކަ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ލައްމާނުގެ ނަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން އިންޒާރު ދީ ބަޔަކު ޓްވީޓުކޮށްފައިވަނީ، އޭނާއަށް ނޭނގި، އޭނާގެ ޓްވިޓަރ އެކައުންޓު ހެކުކޮށްގެން، ލައްމާން ވިދާޅުވެއްޖެއެވެ.

ލައްމާން ދެން ފޭސްބުކުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބަޔަކު އޭނާގެ ޓްވިޓަރ އެކައުންޓަށް ހަމަލާ ދީފައިވާކަމަށެވެ. އަދި، އެކަން އޭނާއަށް އެނގުނީ ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކުންކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ މިހާރު ޓްވިޓަރ އިން އޭނާގެ އެކައުންޓު ގެއްލިފައިވާކަމަށާއި، އެކައުންޓު އަނބުރާ ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

މީގެއިތުރުންވެސް، ފޭސްބުކުގައި ކުރައްވާފައިވާ ޕޯސްޓުގައި ލައްމާން އިތުރަށް ވިދާޅުވެފައިވަނީ އޭނާ އެއްވެސް މީހަކަށް މަރުގެ އިންޒާރު ދީފައި ނުވާކަމަށާއި އަދި އެއީ އޭނާ އެއްވެސް ގޮތަކަށް ކުރާނެ ކަމެއް ނޫންކަމުގައެވެ. އަދި، އޭނާއަކީ އިންސާނިއްޔަތަށް އިޙުތިރާމް ކުރާ މީހެއްކަމަށާއި އޭނާއަކީ އާއްމުންނަށް ޚިދުަމަތްކުރަން ހުރި މީހެއްކަމަށްވެސް ބުނެފައިވެއެވެ.

"...އަހަރެން އެއްވެސް އެއްވެސް މީހަކަށް މަރުގެ އިންޒާރު ދީފައި ނުވާނެ އަދި އެއީ އަހަރެން ދުވަހަކުވެސް ކުރާނެ ކަމެއް ނޫން. އަހަރެން އިންސާނިއްޔަތަށް އިހުތިރާމް ކުރަން. އަހަރެން މި ތަނުގައި މިހުރީ އާއްމުންނަށް ޚިދުމަތް ކުރަން."- ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނީގެ ޑީއެމްޑީ ވިދާޅުވެފައިވެއެވެ.

ލައްމާން ފޭސްބުކުގައި ކުރައްވާފައިވާ ޕޯސްޓު ނިންމާލަމުން ވިދާޅުވެފައިވަނީ މާތް ﷲ ، ދިވެހި ހުރިހާ ރައްޔިތުންނަށްވެސް އެމީހަކަށް ޙައްޤުވާ ހެޔޮ ޖަޒާ ދެއްވުމަށް ދުޢާކުރާކަމުގައެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ލައްމާން، ރައީސް ނަޝީދަށް މަރުގެ އިންޒާރު ދެއްވާ ޓްވީޓް ކުރައްވާފައިވަނީ، ރައީސް ނަޝީދު، ޕީޕީއެމްގެ ރަނިންގ މޭޓް، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާ ގުޅުވައިގެން ކުރެއްވި ޓްވީޓަކަށް ރިޕްލައި ކުރައްވާއެވެ.

ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑރ. ޝަހީމަކީ ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް، ރާއްޖެއިން މީހުން ވައްދާ މީހެއްކަމަށާއި އެކަމަށް ރާއްޖޭގައި ހުންނަ ސައުދީ އަރަބިޔާގެ ސަފީރާއި އެމްބަސީ އިން އެހީތެރިކަން ފޯރުކޮށްދެއްވާ ކަމުގައެވެ.

މި ޓްވީޓާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން، ރައީސް ނަޝީދަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަސް

    އިންޒާރު ދިނަސް އެއްވެސް މައްސަލައެއް ނެތް. ނަޝިދަކީ ރަޖަމް ކުރަން ޖެހޭ މީހެއް

    • މަބޫ

      މައްސަލައެއް.... ފެނަކަ އެމްޑީ އެއް އެކަހަލަ އިންޒާރެއް ނުދޭނެ

  2. ހުސްނިޒާލް

    ފެނަކަ އެމްޑީެއަކީ ވަރަށް އޯގާތެރި މީހެއް