ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަރުވާދޭ މަރުކަޒުގައި، ފަރުވާ ނިމި އާއިލާއިން ހަވާލުނުވެ ތިބި 23 މީހަކު ވިލިމާލޭ ކުޑަކުދިންގެ ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް ކުރި ދަތުރުގައި ކުރިއަށް ގެންދިޔަ ތަހުގީގުތަކުގެ ނަތީޖާ މިހާރު އާންމުކޮށްފައިވާއިރު ރާއްޖޭގެ ޖަލުތަކާއި މީހުން ބައިތިއްބާ މަރުކަޒުތަކުގައި ހުރި ގިނަ މައްސަލަތަކެއް އެގުރޫޕުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ގުރައިދޫ މަރުކަޒުގައި ފަރުވާދީ ރަނގަޅުވެގެން ދޫކޮށްލި ނަމަވެސް، އާއިލާއިން ހަވާލުވާން ބޭނުން ނުވުމުން އަދި ވެސް އެ މަރުކަޒުގައި ދިރިއުޅެމުން އަންނަ 23 މީހަކު އެބަތިބިކަމަށާއި އެގޮތަށް ތިބެންޖެހުމުން، އެމީހުންގެ ހައްގުތަކެއް ނިގުޅައިގަނެވި، ވަޒީފާ އަދާކުރުމާއި ތައުލީމު ހާސިލްކުރުމުގެ ފުރުސަތުތަކުން މަހުރޫމްވެފައިވާ ކަމަށް އެރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީ އާއި ސުވާލުކުރުމުން އެ މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ އެމީހުން ބަދަލުކުރާ ހާފްވޭ ހައުސް ހަދަން ނިންމާފައި ވަނީ، ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތުގައި ކަމަށެވެ. މިގޮތުން ހިޔާގައި ތިބި ކުދިން، އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ 'އަމާންވެށި'ތަކަށް ބަދަލުކުރުމުން، އެތަން ހުރީ ހުހަށް ކަމަށާއި އެތަނުގައި ހާފްވޭ ހޯމް ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އަޅާލާނެ މީހަކު ނެތް މުސްކުޅިންވެސް މިހާރު ބަލަހައްޓަމުން އަންނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ. އެމަރުކަޒުގެ ފެންވަރުވެސް ހުރީ އެންމެ ރަނގަޅު ފެންވަރެއްގައެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ހާފުވޭ ހައުސްއަކީ ކޯޗެއްތޯ ބަލަ އާއިލާ ބިނާ ކުރެވޭ ވަރުގެ މީހުން ކައިވެނިކޮށްގެން ރަގަޅު ދަރިފަސްކޮޅެއް ބިނާކުރަން އުޅެބަލަ ތިޔަ ހާފުވޭ ގައި ތިބެގެން ހާފުކޮށް އުޅެވޭނީ !

  2. ހާލުފޮޅި

    ހާދަ ރަނގަޅު އާއިލާ ތަކެކޭދޯ.. ދިވެހިންނޭ ކިޔާތީވެސް ލަދުގަނޭ

    11