ފުލުހުންނަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާއާއި ވާޖިބުތައް އެންމެ ރަނގަޅަށް އަދާކުރުމަށްޓަކައި ހެޔޮ ބަދަލުތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ގެންނަން ފެށިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިހެން ވިދާޅުވީ ގދ. މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭންފެށުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮލިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ އަތޮޅު ތެރޭގައި ފުލުހުން މަސައްކަތްކުރާ ރަނގަޅު އޮނިގަނޑެއް އެކުލާލައި ރަށުގެ މުޖުތަމައުއާއި ކައުންސިލް އަދި އެހެނިހެން ރަށު ފެންވަރުގެ އިދާރާތަކާ އެކުއެކީގައި ކުށް މަދުކުރުމާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމުގެ މަސައްކަތް ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެއޮނިގަނޑު މަގުފަހިކޮށްދޭނެކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް، ހާއްސަކޮށް ދެކުނުގެ ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ބޮޑެތިި ކުށްތަކަށް އަރައިގަތުމާއި އޭގެ ބޭނުންކުރުމާއި އެއާގުޅިގެން ތަފާތު ކުށްތަކަށް އަރައިގަންނަގަތުން އަހަރަކަށްފަހު އަހަރެއް އިތުރުވަމުންދާކަމަށް ވިދާޅުވިއެވެ. އަދި ޖަމާއަތް ހަދައިގެން ރާވައިގެން ހިންގާ ކުށްކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނާމެދު ހިންގާ ކުށްތަކާއި އަންހެނުންނަށް އަނިޔާވެރިވުމާއި ހަރުކަށި ފިކުރު ފެތުރުން ފަދަ މައްސަލަތަކަކީ ދިވެހި މުޖުތަމައުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއްކަމަށާއި ފުލުހުން ކޮންމެ ދުވަހަކުވެސް އެކަންކަމަށް ސަމާލުވެ، އެ ނުރައްކާތަކުން ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އިސްކަންދީގެން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ދިނުމުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތްތައް އިންތިޒާމްކުރުމާއި މުޖުތަމައުއާ އޮންނަ ގުޅުން ދެމެހެއްޓުމާއި ކޮމިއުނިޓީ ޕޮލިސިންގ ގެ ފަލްސަފާގެ މައްޗަށް ފުލުހުންގެ ހިދުމަތް ބިނާކުރުމަށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުންދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރުންކަމުގައި ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. މަޑަވެލީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ސްޓޭޝަންގައ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ހާލާތުގައި އަމަން އަމާންކަން ގާއިމްކޮށް ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް އެހެން ގޮތްތަކަކުން މަސައްކަތްކޮށްގެން މެނުވީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ވެގެން ނުދާނެކަމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގެ ތަރައްގީއާއި އިގްތިސާދީ އުސްމިންތަކަަށް ދަތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ އެންމެ މުހިންމު ބަހާއަކީ އަމާންކަމާއި ރައްކާތެރިކަމާއި ސަލާމާތްތެރިކަން ކަަމަށް ސަރުކާރަށް އެނގޭކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ހިދުމަތް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށާއި އެމަސައްކަތް ވަރަށް ބާރަށް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ﷲ ރަހުމަތާއެކު ފުލުހުންނާއި ރައްޔިތުންގެ އެއްބާރުލުމާއެކީ އެމަސައްކަތް 2023 ވަނަ އަހަރު ނިމުމުގެ ކުރިން ނިމިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތް ގާއިމްކުރުމަކުން ނުވަތަ ފުލުހުންގެ މަރުކަޒެއް ހުޅުވުމަކުން މަސައްކަތް އަދި ނުނިމޭކަމަށާއި އެއީ ހަގީގަތުގައި މަސައްކަތް ފަށައިގަނެވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިގެންދާނީ ފުލުހުންގެހިދުމަތަކާއެކުގައި ރަށުގެ ހިންގުންތެރި ފަރާތްތައް، ހާއްސަކޮށް ކައުންސިލް އަދި ރަށުގައި ހުރި މުއައްސަސާތައް އެކުވެ ގުޅިލާމެހިގެން ރަށުގެ މުޅި މުޖުތަމައު އަމާންކޮށް ރައްކާތެރިކޮށް ސުލްވެރިކޮށް ބޭއްވުމަށް މަގުފަހިކުރުންކަމަށް ވިދާޅުވިއެވެ.

މިއަދު ފުލުހުންގެ ފަލްސާ ބައްޓަން ކުރެވިގެންމިދަނީ ކުށަށް އަރައިގަތުމުން ހައްޔަރުކޮށް އަދަބު ދިނުމުގެ ނިޒާމު ދޫކޮށް، ކުށަށް އަރައިގަތުމުގެ ކުރިން ކުށަކަށް މަގުފަހިވެދާނެ ކަންކަން ދެނެގަނެ އެކަންކަމުން މުޖުމަތަމުގެ އަފުރާދުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަލްސަފާގެ ތެރެއަށް ނުވަތަ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއަށްކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ އަހްމަދު

    ކޮންތާކު ފުލުސް އޮފީސް ހަލާކު ކޮއްލީ

    10
  2. ހުސޭނުބޭ

    ފުކުހުންގެ މުއައްސަސާ އުފެއްދީވެސް މިދިޔަ 2 އަހަރުތެރޭ......... ލޮލް
    ފުލުހުންގެ ޚިދްމަތަށް ހުރި ހުތުރެއް ތިއީ.

  3. ޑައެލޯގް

    އެއްވެސްކަމެއް ކަލޭމެނަށް ނުކުރެވެއެވެ. ކަލޭމެނަށްކުރެވޭކަމަކީ ރ. ޔާމީންގެ ކަމެއްފެނޭތޯބަލާ އެކަމެއްކުރުމެވެ.

  4. ޒީރޯ

    އެންމެ ހެޔޮ ބަދަލަކީ އޭސީސީން ބަލަން ޖެހޭ މައްސަލަތައް ޅިޔަނުއަތަށް ގެންދިޔުން. އޭރުން ކޮރަޕްޝަނުގެ އަޑެއް ނީވޭނެ، މިހާރު އޭސީސީއެއް ނެތް.

  5. އައްޑޫ މީހާ

    އައްޑޫގައި އުޅޭ ފުލުހުން އުޅެނީ ޕެޓްރޯލްކުރަން ދުއްވާނެ ވެހިކަލެއް ނެތިގެން އެކަމަކު ކަލޭ ކޮންމެ ފަހަރަކު އައްޑޫއަށް އައިސް ބީ.އެމް.ޑަބުލިއު ކާރު ދުއްވާފަ މީރު ކެއުން ކެވުނީމަ އެއީ ކުރިއެރުން ލިބުނީ

  6. އައްޑޫ މީހާ

    ކޮންތާކު ލިބުނު ކުރިއެރުމެއްގެ ވާހަކައެއް! އައްޑޫގައި ރިބި ފުލުހުން ދުއްވާނެ ވެހިކަލެއް ނެތި އުޅޭތާ މިހާރު އެތަކެއް ދުވަހެއް ކަލޭ އައްޑޫއަށް އައިސް އަގުބޮޑުކޮށް ކާރު ކުއްޔަށް ނަގައިގެން ދުވުމާއި މީރު ކެއުން ކެއުމލުގައި އުޅޭއިރު ލޯ އަނދިރިތަ؟