މާލެ އަތޮޅު މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންތަކަކާއި ޖަލުގައި ތިބި ގައިދީންތަކެއް އިއްޔެ ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމައިފިއެވެ.

ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖަލު އޮފިސަރުންތަކަކާއި ގައިދީންތަކެއް ކޮވިޑަށް ޓެސްޓުކުރީ، އެ މީހުންގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ކަމަށެވެ. ކޮވިޑަށް ޓެސްޓުކުރި މީހުންގެ ތެރެއިން ހަތް އޮފިސަރަކާއި ހަތަރު ގައިދީއަކު މިހާތަނަށް ކޮވިޑަށް ފައްސިވެފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއެވެ.

މި ޙާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރެކްޝަނަލް ސާވިސް އިން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މިއަދު ހަވީރު 16:00 އިން ފެށިގެން މާފުށީ ޖަލު ކުއްލި ޙާލަތަށް ގެނެވޭނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތު ދެއެވެ.

އަދި މާފުށީ ޖަލު ޢާންމު ޙާލަތަށް ގެނެވެންދެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޤައިދީންނާއި ބަންދުމީހުންނަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން މީގެ ކުރިން ވެސް މާފުށީ ޖަލު ކުއްލި ހާލަތައް ގެނެސް ޝަރީއަތްތަކާއި ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. އިއްޔެ ވެސް 800 އަށް ވުރެ ގިނަ މީހުން ރާއްޖެ އިން ކޮވިޑަށް ފައްސިވިއެވެ. އިއްޔެ އަކީ ފާއިތުވި އަށެއްކަ މަސްދުވަހުގެ ތެރޭގައި ރާއްޖެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.