ބަންގްލަދޭޝްގެ ނޭވީ ޗީފް އެޑްމިރަލް ޖެނެރަލް އެމް ޝަހީން އިގްބާލް ރަސްމީ ދަތުުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ ދައުވަތަށް ޝަހީން ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އަދި މިއަދުގެ ވަގުތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ޝަމާލްއާ ނޭވީ ޗީފް ބައްދަލުކުރައްވާނެއެވެ.

ނޭވީ ޗީފް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނަށްވެސް ޒިޔާރަތެއް ކުރައްވަން ވަނީ ހަމަޖެހިފައެވެ. ބަންގްލަދޭޝްގެ ނޭވީ ޗީފް ރާއްޖެ ވަޑައިގެންފައިވާއިރު ދާދި ފަހުން އެ ގައުމުން ވަނީ ރާއްޖޭގެ އަސްކަރިއްޔާއަށް އުޅަނދުތަކެއް ހަދިޔާކޮށްފައެވެ.

އެ އުޅަނދުތައް ރަމްޒީކޮށް ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. ހަސީނާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުންތަކަކީ "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް" އާއި، "ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ އޭރިއާސް އޮފް ހެލްތްކެއާ އެންޑް މެޑިކަލް ސައިންސް" އާއި، "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް" އާއި އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ހެދި އެގްރީމަންޓެވެ.

ހަސީނާގެ ދަތުރުފުޅާއެކު ބަންގްލަދޭޝްއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޓަމަސް

    އެޑްމިރަލު ހެޑާމިއާ

  2. ާޢަލީ

    ބަގުލަދޭސް އައުޓް

  3. އަބްސީ

    ބާކީ އޮތްބައި ތިމީހުންނަށް ވިއްކާލާ ދެން