ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރަން ބޭނުންވާ ކޯޓު އަމުރު އިނގިރޭސި ބަހުން ފޯރުކޮށްދިނުމަށް ފުލުހުން މިހާތަނަށް އެދިފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑް އޮފް ޕޮލިސް ޔޫނުސް ސަބާހު "ވަގުތު" އަށް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ އަލީ ވަހީދު ހައްޔަރު ކުރަން ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުން ލަސްވެގެންދާ ސަބަބަކީ އިނގިރޭސި ބަހުން ކޯޓު އަމުރު ނުލިބުން ކަމަށެވެ.

ކްރިމިނަލް ކޯޓުން "ވަގުތު" އަށް ޚިއްސާ ކޮށްދެއްވި މެސެޖްގައި ވަނީ، އަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ދިވެހި ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ދޭން ފުލުހުން "ވަގުތު" އަށް ވިދާޅުވި ދުވަހާއި ހަމައަށް ވެސް މައްސަލަ ބައްލަވާ ގާޒީއަށް ހުށަހަޅާފައި ނުވާ ކަމުގައެވެ.

އަލީ ވަހީދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުން ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ.

އިނގިރޭސިވިލާތަކީ ވެސް އިންޓަޕޯލްގެ 194 މެންބަރު ގައުމުގެ ތެރެއިން ގައުމެކެވެ. އިންޓަޕޯލްގެ ރެޑް ނޯޓިސް އާއި ގުޅިގެން އިނގިރޭސިވިލާތުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަނީ އެގައުމުގެ ނޭޝަނަލް ސެންޓްރަލް ބިއުރޯއިންނެވެ.

އިނގިރޭސިވިލާތުގައި އާންމު އުސޫލުން އަމަލު ކުރާ ގޮތަކީ، ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހައްޔަރުގައި ބަހައްޓަން ނޯޓިސްއަށް އެދުނު ގައުމުގެ މެދުވެރިކޮށް އިތުރު ކޯޓު އަމުރެއް ހޯދަން އިނގިރޭސިވިލާތުން އެދުމެވެ. އެ އަމުރު ލިބިގެން އެ މީހަކު އިމިގްރޭޝަން ސެންޓަރެއްގައި ބަންދުގައި ވެސް ބަހައްޓައެވެ.

އިނގިރޭސިވިލާތުގެ ގާނޫނުތައް ބުނާ ގޮތުން ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހައްޔަރު ކުރަން އެ ގައުމެއްގެ ކޯޓަކުން އަމުރެއް ނެރެފައި ވާނަމަ، އެ މީހަކު ހައްޔަރުކޮށް، ނޯޓިސް ނެރެފައިވާ ގައުމަށް މީހަކު ފޮނުވާލުމަށް އެއްވެސް ހުރަހެއް ނޯވެއެވެ.

އެހެން ކަމުން އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފިނަމަ އިނގިރޭސިވިލާތުން އޭނާ ރާއްޖެ ފޮނުވަން އެއްވެސް ގާނޫނީ ހުރަހެއް ނޯންނާނެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހަ ދައުވާއެއް އުފުލުނެވެ. އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައިވަނިކޮށް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފުރާވަޑައިގަންނަވަން ހުއްދަ ދެއްވީ ކްރިމިނަލް ކޯޓުންނެވެ. އެއީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ. ހަތަރު މަހުގެ އެ އެއްބަސްވުން ހަމަވިއިރު ވެސް އަލީ ރާއްޖެ ވަޑައެއްނުގަންނަވައެވެ.

އޭގެ ފަހުން އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ވިސާގެ މައްސަލައެއް އަލީ ވަހީދު އެ ގައުމުގެ ފުލުހުން ގޮސް ހައްޔަރު ވެސް ކުރިއެވެ. އަދި 16 ދުވަހު ޖަލުގައި ހޭދަކުރެއްވުމަށް މިނިވަންވެ ވަޑައިގެން ސަރުކާރާއި ދެކޮޅަށް ގިނަ ޓްވީޓްތަކެއް ވެސް ގެންދަވަނީ ކުރައްވަމުންނެވެ. އޭގެ ފަހުން އެއް ފަހަރު ނޫސްވެރިންނާއި ބައްދަލު ކުރައްވައި އޭނާ "ފްރޭމްކުރީ" ކަމުގައި ވިދާޅުވެ ގިނަ ވާހަކަތަކެއް ދެއްކެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަލީ

  މުޅިންވެސް އޮޅުވާލުން މި ސަރުކާރުގަ އޮތީ.

  18
  • ށަރުކާރު

   ސަރުކާރެއް ނޫން އޮޅުވާލަނީއެއް! ކޯޓުތަކުން މިއޮޅުވާލަނީ! އަޑުއެހިންތަ އިހަކަށް ދުވަހު ބަންގްލަދޭޝް ޑްރަގް ގެނައި މީހަކަށް ދިވެހިބަހުން ހައްޔަރު ކުރި ސަބަބު ފުލުހުން އަންގައިގެން ހަމަ މިކޯޓުން ދޫކޮށްލި ވާހަކަ؟ މިމީހުން އޯކޭ އިނގެރޭސިވިލާތައް ދިވެހިބަހުން ލިޔެފަ ފޮނުވިޔަސް! އޭ އެހެންނުވާނީ! އައްޑޫގަ އުޅެފަ ދިޔައީ ދިވެހިބަސް ދަސްކޮށްގެން ވިޔަ! މަދުވާނެ ދިވެހި ނޭނގޭ މީހަކު ޔޫކޭގަ! ޤައުމެއްމީ!!

 2. ކޮމިޓީ

  އަނެއްކާ ޕޮލިސް ބޭޒާރު. 6 މަސް ފަހުން ބުނާނެ މިހާރު އޮންނާނީ އެދިފައޭ. އޭގެ 6 މަސްފަހުން ބުނާނެ މިހާރު ލިބިއްޖޭ. އޭގެ 6 މަސްފަހުން ބުނާނެ މިހާރު އިންޓަޕޯލަށް ފޮނުވައިފީމޭ. 2023 އިންތިހާބާ ހަމައަށް އަލީވަހީދު މަހުލޫފުގައިގައި އަތެއް ނުލެވޭނެ ބޭޒާރުވެދާނެތީ

 3. ކެޔޮޅު

  މަކަރާ ހީލަތުން ކޮންމެކަމެއްވެސް ރައްޔިތުންނައް އޮޅުވާލެވޭތޯ އެހެރަ ވަރުގަދަ މުއައްސަސާތަކުގެ ވެރިންވެސް އެމަސައްކަތްކުރަނީ!!

 4. ބޮޑުވަޒީރު

  މިމީހުން ބޭރުގައުމުތަކާ މުޢާމަލާތުމިކުރަނީ ދިވެހިބަހުން.
  ދިވެހިންނަށް ފޮނުވާ ގިނަ ލިޔުންޔުންތައް މިފޮނުވަނީ އިނގިރޭސިބަހުން މިވެސް 19 ވަނަގަރުނުގެ ކަމަކާ ވައްތަރީ

 5. ޑިމީހަ

  ކޯޓުން ސޕ އާ ދެކޮޅަށް ފިޔަވަޅު ނާޅަން ތޯ؟ ދޮގު މަށްޗަށް ދޮގު ހަދަނީ!!!

 6. ޖާނޭ

  "މަކުނު ފިނދުން ވައު ހުސްނުވާނެޔޭ އެސޮރު ދިރި އޮތްހާ ހިދަކު" މިއީ ދިވެހި ބަހުގެ މުހާވަރާއެވެ. މިއީ ކަމެއް ނުކުރުމަށް ދައްކާ ބަހަނާ އަކަށް ކިޔައި އުޅޭ އެއްޗެކެވެ. ކޮންމެ ގޮތެއް ވިއަސް ޢަލީ ވަހީދު ފުރުވައިލީ މިސަރުކާރުންނެވެ. ޒިއްމާނެގީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރެކެވެ. އަމުރު ދިނީ އިމިގްރޭޝަނުންނާއި ކޯޓުންނެވެ. ޢާއްމުންގެ ކަންބޮޑުވުން އޮތް ނަމަވެސް އަލީ ވަހީދު މާލެ ގެނައުމަކީ މިސަރުކާރުން ކުރާނެ ކަމެއް ނޫނެވެ. އެއީ ސަރުކާރުގެނައުމަށް އިގިރޭސިވިލާތުގައި މަސައްކަތް ކުރި މީހަކަށް ވެފައި، އެމް.ޑި.ޕީ އިން ބޮޑު އަގުދީފައި ގެނެސްފައި ހުރި "އޮރޭޓަރ" އަކު ބީވެގެން ދާކަށް ނޭދެނެކަން ޔަޤީނެވެ.
  ހުރިހާ ވާހަކަ ތަކަކީވެ ހުސް ބަހަނާއެވެ. ހީލަތްތެރި ހުސްވާހަކަ ތަކެކވެ.