ތ. ތިމަރަފުށީގައި އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރައި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ރާއްޖޭގައި އައިއީޑީއެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލިފައިވާ މީހުނާއި ދެކޮޅަށް ހުށަހެޅި ހެކިތައް ސިއްރު ކުރަން ދައުލަތުން އެދިއްޖެއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަހްމަދު ޝަފީއު ވިދާޅުވި ގޮތުން، ސިއްރު ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާންތަކާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްއާއި، އެނެލެޓިކް ރިޕޯޓް ސިއްރު ކުރަން ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، އައިއެސް ޖަމާއަތަށް ފޮނުވި ސިޓީއެއް ކަމަށް ބުނާ އަރަބި ބަހުން ލިޔެފައިވާ ސިޓީއެއް ތަރުޖަމާކޮށް އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓްއެއް ސިއްރު ކުރަން ވެސް ދައުލަތުން އެދިވަޑައިގަތެވެ.

ބޭރުގެ އިންޓެލިޖެންސް ރިޕޯޓް ޝަރުއީ މަރުހަލާގައި ބޭނުން ކުރަން އެ ތަހުގީގު ގެންދިޔަ ބޭރުގެ އެޖެންސީއިން ހުއްދަ ދީފައި ނުވާތީ، އެ ހުއްދަ ލިބިގެން އެ ހެކި ވެސް ހާމަ ކުރުން ފަސް ކުރަން އެދި ދައުލަތުން ހުށަހަޅާފައިވާ ކަން ވެސް ވަކީލު ޝަފީއު ފާހަގަ ކުރެއްވިއެވެ.

މި ހެކިތައް ސިއްރު ކުރުމަށާއި ރައްކާތެރި ކުރަން ދައުލަތުން ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި، ވަކީލު ޝަފީއު ވިދާޅުވީ މީހަކަށް ޖިސްމާނީ އަނިޔާއެއް ދީފާނެ ކަމުގެ އިހްތިމާލެއް އޮތުމާއި، ތަހުގީގަށް ހުރަސް އެޅުމުގެ އިހްތިމާލެއް އޮތުން ކަމުގައެވެ.

ދިފާއީ ވަކީލުންނަށް ދެއްވި ފުރުސަތުގައި ހުރިހާ ދިފާއީ ވަކީލުން ހެން ފާހަގަ ކުރެއްވި އެއް ނުކުތާއަކީ، މީގެ ކުރިން ވެސް ގިނަ މައްސަލަތަކުގައި، ސިއްރު ހެކިވެރިންގެ ވަނަވަރާއި ޒާތީ މައުލުމާތު އުނި ކުރުމަށް ފަހު ތަހުގީގު ބަޔާން ދިފާއަށް ދީފައިވާ ކަމުގައެވެ.

އިސްލާމިކް މިނިސްޓްރީގެ ރިޕޯޓްއާއި ފުލުހުންގެ ރިޕޯޓްގައި ހިމެނޭ މައުލޫމާތުތަކަކީ މައްސަލާގައި ދައުވާ ކުރާ ފަރާތްތަކުގެ އަތުން ހޯދިފައިވާ ތަކެތި ކަމުން އަލުން އެ ތަކެތި އެ ފަރާތްތަކަށް ދިނުމުގައި މައްސަލައެއް އޮވެދާނެ ކަމަށް ނުބެލެވޭ ކަމުގައި ދިފާއީ ވަކީލުން ވިދާޅުވިއެވެ.

މި ކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދައުލަތުގެ ވަކީލުންނަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވައިފައެވެ. ވަނަވަރު އުނިކުރުމަށް ފަހު ދިނުމުން އެއީ ކާކު ކަން ނޭނގެނެތީވެ، ޖިސްމާނީ އަނިޔާއެއް ލިބުމުގެ އިހްތިމާލް އަންނާނެ ގޮތަކާއި، ތަހުގީގުގެ އުކުޅުތައް މިހާރު ވެސް ހާމަވެފައި އޮތުމުން އިތުރަށް ހާމަކޮށްގެން އަންނާނެ ހުރަހެއް ސާފުކޮށްދޭން އެދިވަޑައިގެންނެވިއެވެ.

އޭގެ ޖަވާބުގައި ދައުލަތުގެ ދެ ވަކީލުން ވެސް ވަނީ ވަރަށް ދިގުކޮށް ވާހަކަ ދައްކަވައިފައެވެ. މިގޮތުން ގާނޫނާއި ޚިލާފު އަދި ނިރުބަވެރި ކަމަށް ހިތްވަރު ލިބިދޭ ލިޔެކިއުންތަކާއި، އޭގެ އުކުޅުތަކުގެ މައުލޫމާތުތަކެއް ހުރި ލިޔެކިއުންތަކެއް ކަމުން އެ އާންމުވެ މުޖުތަމައަށް އިތުރަށް ދޫވުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމުގައެވެ.

ދައުލަތުގެ ހުށަހެޅުމުގައިވާ ބައެއް ރިޕޯޓްތައް ޝަރީއަތަށް ލިބިފައިނުވާ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އެހެންވެ ސިއްރު ކުރުމުގެ އަމުރެއް ނެރުމާއި މެދު ގޮތެއް ނިންމާނީ އެ ރިޕޯޓްތައް ލިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަންނަ އަންގާރަ ދުވަހުގެ މެންދުރު އަޑުއެހުމެއް ތާވަލުކޮށް އެ އަޑުއެހުމުގައި ގޮތެއް ނިންމަވާނެ ކަމުގައެވެ.

މި މައްސަލައާ ގުޅިގެން ދައުވާ އުފުލި މީހުން

 • އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/އަސްރަފީވިލާ
 • އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ
 • އަލީ މުނީޒް، ތ. ތިމަރަފުށި/ކެނެރީގެ
 • މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ
 • އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ
 • ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ
 • އިބްރާހިމް ލޫތު، ނ. ކުޑަފަރީ/ރޯޒްމީޑް
 • އަބްދުﷲ އިމާދު، ރ. މަޑުއްވަރީ/ބީޗް ހައުސް

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހިމް

  ސަރުކާރުން ބޭނުންވަނީ ސަރުކާރުން މިއީ ކުށްވެރިންނޭ ބުނީމަ އެއްވެސް ހެއްކެއް ނެތި ހުކުމްކޮށް ޖަލަށް ލާން. ކިހިނެއް އިންސާފުވެރިވާނީ ހުސް ތޯތޯ ވާހަކައިގެ މައްޗަށް ކުރެވޭ ޝަރީއަތެއް.

  7
  2
 2. ކޖޖޖޖ

  މިއީ ސަރުކާރުން ކުޅޭ ގޭމެއް..... ހުސް ސިއްރުހެކި....

 3. އާޗީ

  ތިމަރަފުށީ ތިމީހުން އުޅެނީ ވަކި ޖަމާއަތް ހަދައި ނަމާދަށް ޖަމާޢަތުގައި ނާރައި ހުކުރު ނުކޮށް.. ދެން މޮޅުކަމަކީ މިމީހުންނަށް ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުުރުން ހަލާލު..ސަބަބަކަށް ބުނަނީ މިއީ ހަނގުރާއިގެ ހާލަތެއްކަމަށް(މުޖުތަމަޢުގައި އުޅޭ އެހެން މީހުންނާއި އެމީހުންނާއި)..
  ސަރުކާރޭ ކިޔައިގެން މިކަން ސިޔާސީ ކުރަން ހެދިޔަސް ކުރެވޭނެކަމެއް ނެތް.. މިއީ ރައްޔިތުންގެ ފުރާނައާއި ލޭ އަދި މުދާ ހުއްދަކޮށްފައިވާ ބައެއް.. އަދި މިމީހުން ފުޓުބޯޅަ ކުޅޭއިރު މީހަކު މީހެއް ގައިގަ ޖެެހުނީ ފައުލްވި ހިސާބުން ހަމަ އެގޮތަށް އަނެއް މީހާ ގައިގާ ޖަހަން ދޭންޖެހޭ.. ސަބަބަކަށް އެމީހުން ބުނަނީ ލޮލަކަށް ލޮލެއްކަމަށް.. އިސްލާމީ ޝަރީޢާގެ ކަންކަން އެނގޭ އިލްމެއް ލިބިފައިހުރި އެކަކު ނެތް.. ތި ޢަބްދުﷲ ޝަރީފްތީ އަބަދުވެސް ވަކިވެ ގަތުމަށް އުޅޭ މީހެއް.. އެއްވެސް ހާލެއްގައި އެކަކުވެސް ދޫކޮށްގެން ނުވާނެ.. ވަރިހަމަ ޓީޗަރަކަސް