ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެމް ޝާހީން އިގްބާލް، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިއްޔެ ބަންޑާރަކޮށީގައި އޮތް އެ ބައްދަލުކުރެއްވުމުގައި މާރިޔާ ވަނީ، ދެގައުމުގެ ދެމެދުގައި އޮތް ގާތް، ބަދަހި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ދެގައުމު ހިމެނޭ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ދިފާއީ އަދި ސަލާމަތީ ރޮނގުން، އެއްބާރުލުން އިތުރުކުރުމަށް އުންމީދުކުރައްވާކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފްއާއި ބަންގްލަދޭޝް ނޭވީއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެމްއެންޑީއެފްގެ އޮފިސަރުންނަށާއި ސެއިލަރުންނަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިއީ ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފްކަމުގައި ހުންނަވާ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ. މިކަމުން ދޭހަކޮށްދެނީ ދެޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ކަމުގައި ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދިވެހި ސަރުކާރުން ގެންގުޅުއްވާ އިންޓަރނޭޝަނަލް ޑިފެންސް ޑިޕްލޮމަސީ އެންޑް ކޯޕަރޭޝަން ސިޔާސަތުގެ ހަރުދަނާކަންވެސް މިކަމުން ރަމްޒުކޮށްދޭ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ބައްދަލުވުމަށްފަހު، މިނިސްޓަރ މާރިޔާ ވަނީ، އެޑްމިރަލް ޝާހީންގެ އަނބިކަނބަލުން އަދި ބަންގްލަދޭޝް ނޭވީ ފެމިލީ ވެލްފެއާ އެސޯސިއޭޝަންގެ ރައީސާ މުނީރާ ރައުޝަން އަޚްތަރާ ފޯނުން ވާހަކަ ދައްކަވައި އެކަމަނާއަށް ހެޔޮ އެދުންތައް ރައްދުކުރައްވައި، ރާއްޖެ ޒިޔާރަތްކުރެއްވީތީ ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

ޝާހީން މި ދަތުރުގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ބައްދަލުކުރައްވާނެއެވެ. ނޭވަލް ޗީފް ރާއްޖެއަށް ވަޑައިގެންފައިވާއިރު ދާދި ފަހުން ބަންގްލަދޭޝުން ވަނީ އަސްކަރިއްޔާގެ އުޅަނދުތަކެއް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ އުޅަނދުތައް ރަމްޒީގޮތުން ހަވާލުކޮށްފައިވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާޝީ

    ރާއްޖޭގެ އެންއެންޑީއެފްގައި ކަނޑުގެ ސިފައިންގެ ޔުނިޓެއް އޮވެއެވެ. އެއީ ކޯސްޓްގާޑް ޔުނިޓެވެ. އެ ޔުނިޓްގެ ޔުނިފޯމު ހުންނަނީ ހުދު ކުލައިގައެވެ. މާރިޔާ ދީދީ ގެ ބައްދަލުވުމުގައި ކޯސްޓްގާޑް ޔުނިޓްގެ އެންމެ ބޭފުޅަކުވެސް ބައިވެރި ނުކުރެއްވީ ކީއްވެގެންތޯއެވެ؟