އދ. މަންދޫ ކައިރި ފަރަކަށް ޑައިވިންގއަށް ފޭބި ފަހުން ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ވެލާނާ" ދަނީ ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސާފޭސް ސާރޗްގެ އިތުރުން، ޑައިވް ކޮށްގެން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް އއެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. މިމަސައްކަތުގައި އެސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި އަދި މިއަދު ވައިގެ މަގުންވެސް ސާރޗްކުރިއަށް ދާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ ވިދާޅުވީ، ފަތުރުވެރިޔާ ގެއްލުނުކަަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ އިއްޔެ މެންދުރު ފަހު 15:55 ހާއިރު ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ 69 އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެކެވެ. އޭނާ ޑައިވިންއަށް ދިޔައީ އެހެން ފަތުވެރިންތަކަކާއިއެކުއެވެ.