ށ. ފުނަދޫ ސްކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅައިފިއެވެ.

ގާތްގަނޑަކަށް ސާޅީހަށް ވުރެ ގިނަ އިންޑިއާ ޓީޗަރުން ކިޔަވައިދެމުންދާ ފުނަދޫ ސްކޫލުގެ ފާރުގައި އިންޑިއާއަށް ނޫނެކޭ ބުނެ އިނގިރޭސީ ބަހުން ލިޔުންތަކެއް ވަނީ ލިޔެފައެވެ. އެކަމާއި މެދު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ (ޕީއެސް) އަހުމަދު އަލީ ވިދާޅުވީ އެ ސްކޫލުގެ ފާރުގައި އިންޑިއާ ދެކޮޅު ޝިޔާރުތައް ލިޔުނު މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ ބަލައިދޭން ފުލުހުންގެ އިދާރާގައި އެދިފައިވާނެ ކަމަށް ޕީއެސް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު 11:38 ހާއިރު އެ ފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

"މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ދަނީ ބަލަމުން" އޮފިޝަލް ވިދާޅުވިއެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް އެ ރަށު ކައުންސިލަރަކު ވިދާޅުވީ ފާރުގައި ލިޔެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެ ޝިޔާރުތައް އެމްޑީޕީގެ ސަޕޯޓަރެކެވެ.

"އިންޑިއާ އައުޓް" މި ޝިޔާރަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލުވަން ގޮވާލާ ހިންގާ ކެމްޕޭނުގައި ބޭނުންކުރަމުން އަންނަ ޝިޔާރެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންގެ ވަޑައިގަތުމާއެކު، އެމަނިކުފާނު ވަނީ އިންޑިއާ ދެކޮޅު ހަރާކާތްތައް ފުޅާކުރައްވާފައެވެ.

ގޭގޭގެ ފާރުތަކުގައިވެސް އިންޑިއާ އައުޓް ލިޔަން ޔާމީން ވަނީ ގޮވާލައްވައިފައެވެ.

މި ސަރުކާރުން އިންޑިއާއާ އެކު ބާއްވަނީ އަޑި ނޭނގޭ ގުޅުމެއް ކަމަށް ބުނެ އިދިކޮޅުން ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް އަބަދުވެސް ކުރެއެވެ. ރާއްޖޭގައި އިންޑިއާ މީހުން ވަޒަންވެރިކުރުވަން ސަރުކާރުން މަސައްކަތްކުރާ ކަމުގެ ތުހުމަތުތައްވެސް އިދިކޮޅުން ކުރެއެވެ.

ނަމަވެސް މި ވާހަކަތައް ސަރުކާރުން ދޮގުކުރެއެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި އިންޑިއާ ދެކޮޅަށް ހަރާކާތް ހިންގުމުން އޭގެ ގެއްލުން ލިބޭނީ ރައްޔިތުންނަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގައި މަސްތުވާތަކެތި އެތެރެކުރަން ހިންގާ ބޮޑެތި އޮޕަރޭޝަންތަކާ ގުޅިގެން އެކަމަށް ހުރަސް އަޅަންކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ. މި ސަރުކާރުގެ ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާގެ އެހީގައެވެ. ކުރީ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބާއްވަމުން އައީ ޗައިނާއާއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އާމިރު ނަސީމް ،

    ރިނދޫ އެމް.ޑީ.ޕީ އިބޫ ޕާޓީ ކުދިން ތިޔަ ލިޔާނީ...ދެން އޮންނާނެ ދޯ ބަޔަކު ބޮލުގައި އަޅުވަން

    38
    6
    • ވިސްނާލުމަށް އެދެމޭ

      ރޓީވީގަ ރޯކުރިގޮތް ހަދާންވޭތަ...މޑޕގެ އޮފީހުގެ ބި އްލޫރިގަޑު ތަޅާލިކަން ހަދާންވޭތަ.. އަމި އްލަ ޕާޓީ މީހުންގެ ކެންޕޭނު އޮފީސްތަކަށް ގެ އްލުންދީ ކަޅުތެޔޮޖަހާކަން ހަދާންވޭތަ.. އެހެންވީމަ ތިކަންވެސްތިކުރީ އެ އްބަ އެ އެ އްދިމާލަކުން...

  2. ހުސޭނުބޭ

    ބަޔެއްގެ ބޮލުގައި އަޅުވަން ކޮށްފައި ހުރި ކަމެއް

    38
    3
  3. ޔާމީނު ބިން ބަލްގަލްމޯލްޑީސީ

    އިންޑިޔާ އައުޓް ގޮވާނަން، ކިޔާނަން، ލިޔާނަން.........އިންޑިޔާ މިލްޓަރީ ތިބޭހާ ދުވަހަކު މިކަމެއް ނުހުއްޓޭނެ. އިންޑިޔާގެ ރަތްޔިތުންނަކާ އަޅުގަނޑުމެންނަކާ އެއްވެސް މައްސަލައެއްނެތް.........

    36
    4
  4. މީވާ ސަރުކާރެއް

    މިސްކިތަށް ހީސްލާ ސީލާ މީހުންނަކީ ބޯހަމަނުޖެހޭ މީހުންނޭ ބުނާފަދައިން ފުލުހުން މައްސަލަ ބަލަފަ ބުނާނަމަދޯ ފާރުގައި "އިންޑިއާ އައުޓް" ލިޔަނީ ބޯހަމަ ނުޖެހޭ މީހުންނޭ !!!!!!

    36
    2
  5. Anonymous

    މިނިވަންކަން ދެމެހެއްޓުމަށް ދިވެހިން ކޮށްފަ ނުކުރާނެ ކަމެއްނޯންނާނެ.

    23
    3
  6. ހަސަނު

    އިދިކޮޅުފަރާތްތަކުން ނުބުނާނެ ދުވަހަކު ވެސް އިންޑިޔާ ޓީޗަރަކަށް ވެސް އަދި ޑޮކްޓަރަކަށް ވިޔަސް އަދި އެހެން މީހަކަށްވެސް ދެރަބަހެއް. އިދިކޮޅުން ގޮވަނީ އެންމެ ވާހަކައެއް އިންޑިޔާގެ ސިފައިން ބޭތިއްބުމަށް ހެދި އަޑިނޭނގޭ އެގްރިމެންޓް ބާތިލްކޮށް މިލިޓަރީ މީހުން ފޮނުވާލާށޭ. އެނިމުނީ.

    24
    2
  7. ރޭވުންގަޑެއްނޫންބާ

    އިދިކޮޅުފަރާތްތަކުގެ ބޮލަށްކަޑާލަންވެގެން އަމިއްލައަށްކުރާ ކަންތަކާވައްތަރީ. ދިވެހިރައްޔިތުންނެއްނޫޅޭ ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންނާ ޖެހިގަންނާކަށް. އިންޑިޔާއިން އިތުރުސިފައިން ގެންނަން ބޭނުންވާތީ އެކަމަށްޓަކައި ރާވާ ރޮކެޓު ހައްތާވެސް.

    22
    3
  8. Anonymous

    ހަނދާން އެބަހުރިތަ މައުމޫނު ވެރިކަމުގައި ހުރިއިރު ފާރުތަކުގައި ގޮޅާބޯ ލިޔުނު ކަން. އެކަން ކުރި ބަޔަކު ތިކަން ވެސް ކުރާނީ. މިގައުމުގައި ފާރުތަކުގައި ލިޔަން ދަންނަނީ ލާދީނީ މީހާ ނެރޭ މީހުން. ތަޅާ ކުދިން ވެސް ނެރެނީ އޭނަ.

    15
    1
  9. އަބްދޫ

    އިންޑިޔާގެ ހަރަދުގަ ހިންގާ ހުރިހާ ދަރަި މަސްރޫއުތަކަކީ ކޮވިޑްގަ ހާލުގަ ޖެހިފާ ހުރި އިންޑިޔާގެ ކުންފުނި ތަކުގެ މާލީހާލަތު ރަނގަލުކުރަން އިޑިޔާގެ ބޭންކްތަކުން އިންޑިޔާ ސަރުކާރު މެދުވެރިވެ އެކުންފުނިތަކުން ނަގާފައިވަލޯނު . އެލޯނު ތަކުގެ މަންފައާއި ފައިދާ އޮތީ އިންޑިޔާގެ ކުންފުނި ތަކަށް ދިވެހި ގައުމަކަސް ނޫން .އެލޯނު ދަރަނީގެ ސަބަބުން ރާއްޖޭގަ ޓެކްސް މަތިވެގެންދޭ އިންޑިޔާގެ މީހުންގެ 5000 ވަތަކަށް މީހުން ދިވެހިގައުމުގަ ވަޒިފައަދާކުރޭ ދިވެހިގައުމަށް ވަންނަ ޑޮލަތު ބޭރު ކޮށްގެން ވަޒީފާގައުޅޭ އިންޑިޔަނުން މިގައުމުން ބޭރުވިޔަސް އެކަމުގެ ނަފާ އޮތީ ދިވެހިގައުމަށް. އެއީ އެ ޑޮލަރު ގައުމުގާ ހިފެހެއްޓީ ބޭރުފައިސާ ތިޔާގިވެ މުދަލުގެ އަގު ހެޔޮވުން. އމީހުން މިތަނުން ބޭރުވެއްޖެ ނަމަ ވަޒިފާ ގެއްލި ގައުމުން ވަޒީފައެއ ނުލިބި އަނބިދަރިން ހާލުގަޖެހި އެމީހުނަށް ދަތިތަކާ ކުރިމަތިވާނެ. ދިވެހިންނަކީ އިންޑިޔާގަވެސް ދުނިޔޭގެ އެހެން ގައުމުތަކުގާވެސް ފައިސާ ހަރަދު ކޮށްގެން ދިރިއުޅޭ ބައެއް.އެގައުމުތަކުން ދިވެހިން ބޭރު ވިޔަސް ގެއްލުންވާނީ އެގައުމުތަކުގެ ރައްޔިތުންނަށް.ދިވެހިންނަކަށްނޫން.

  10. ޙަަަހަ

    ތިފަދަ މުޑުދާރުކަންކަން ކުރަން ދަންނާނީ އެމްޑީޕީއޭ ކިޔުނު ބާގަނޑު

  11. ދިވެހިރައްޔިތުން

    ތިޔައީ ޣައިރުޤާނޫނީ ކަންކަން، ތިކަހަލަ ކަންކަން ނުކުރެވޭނެ، ދިވެހި ސަރުކާރުން ރަޙުމަތްތެރިކަމުގެ ގުޅުން ޤާއިމުކޮށްފައިވާ އެއްވެސް ޤައުމަކާއެކު ވެވޭ މުހާދަތަކުގެ ދަށުން ކުރާ އެއްވެސް ކަމަކާއި ދެކޮޅަށް ބަހުން އަދި އަމަލުން ވިޔަސް ކަން ކުރުމަކީ ގާނޫނީ ކުށެއް އެބަޔަކަށް އަދަބުދީގެންވެސް އެކުރާ ގޯސް ހުއްޓުވަންވާނެ. ގައުމުގެ ސަލާމަތީ ބާރުތަކުން މިކަންކުރަންޖެހޭ.