ރާއްޖޭގައި ވެރިކަން ކުރަމުންދާ ޕާޓީ، އެމްޑީޕީއަކީ "ގޭންގްއެއް" ކަމަށް ވިދާޅުވެ އެއިން ގައުމު ސަލާމަތްވާން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވަރަށް މުހިންމު ކަމަށް، އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2019 ވަނަ އަހަރު އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިނީ "އެޖެންޑާ 19" މެނިފެސްޓޯގެ ވައުދުތަކުގެ އުއްމީދުގައި ކަމަށެވެ. އެކަމަކު އޭގައިވާ ކަންކަން އޮޅުވާލުމަށް ފަހު ކުރި ކަމަކީ އެމްޑީޕީގެ ވެރިންގެ ބާރު ވަރުގަދަ ކުރުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އިންސާފުގެ ނިޒާމު ރައީސް ނަޝީދުގެ މުށު ތެރޭގައި ،މަސްވެރިން ހަމަ އަގު ހޯދަން އުޅެއެޅެ ކަނޑުވުން، ސިއްޚީ ނިޒާމު އެމްބިއުލާންސް ދޫކޮށް ދޫކޮށް ދަމާގާޑިޔާއަށް، ޕީޕީއެމުން ކައުންސިލްތައް ނެގުމުން އެމްޑީޕީއަށް ލާމަރުކަޒީ ނިޒާމު ހުތުރުވުން،" ޖަމީލުގެ ޓްވީޓްގައި ހަތަރު ކަމެއް ލިސްޓުކޮށް ލިޔުއްވާފައިވެއެވެ.

ޖަމީލް ވިދާޅުވީ ޕީޕީއެމްއަކީ ވައުދު ފުއްދަން ދަންނަ ޕާޓީއެއް ކަމަށާއި ބިޔަ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ގެނައި ހަމައެކަނި ޕާޓީއަކީ ވެސް ޕީޕީއެމް ކަމަށެވެ.

"ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމްއަށް ދިނުމަކީ ވެރިކަން ކުރާ ގޭންގްގެ އަތްދަށުން ގައުމު ސަލާމަތްކުރަން ކަމަރު ބަނުން،" ޖަމީލް ލިޔުއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

މި އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި މޫސާ ފަތުހީއެވެ. ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވާފައެވެ.

އެމްޑީޕީން ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރާޝިދެވެ. ރާޝީދަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދަވާފައިވާ އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލޮލް

    އެހެން އެބުނީ ގޭންގުގެ ބައިވެރިއެއް.

    4
    8
  2. މުހައްމަދު

    ކަލޭތީ އެއްވެސް މީހަކާއި އެކު ނޫޅެވުނު މީހެއް

    3
    1
  3. ފާރޮށި

    ތީ ގޭންގުގެ ބޮސް

    3
    2
  4. ލޮލް

    ޖަމީލަކީ ވަރަށް އަމިއްލައެދުންބޮޑު ހިޔަޅުމީހެއް. 2013ވަނައަހަރުގެ ރިޔާސީ ކެމްޕޭނުގައި އެވަރަށް އެމްޑީޕީއަށް ބަވަބަވާފައިގޮސް 2018ވަނައަހަރު އެބުނާ ގޭންގަކަށް ވެރިކަން ހޯދައިދޭން މަރުފަލިޖެހީ ހިތުން ތިމާއަށް މޮޅުތަކެއްވާނެކަމަށް. އަނެއްކާ މިހާރު ޔާމީނަށް ވައިޖަހަނީ 2023ގައި ޕީޕީއަށް ވެރިކަން ލިބިއްޖެނަމަ ތިމާއަށް ކޮންމެވެސް މޮޅެއްވާނެކަމުގެ އުއްމީދުގައި. ޖަމީލަކީ ހިހޫތަނުން ކާން ވަރަށް ފޯރިހުންނަ މީހެއް.

  5. ރަން ރީނދޫ

    ވަރަށް ހިތާމަވެރި. ފަޓާސް ބަރިއެއް ހެން ފާސިދު ލާދީނީ ގާނޫނު ހަދާ ،ރައްޔިތުން އިނދަޖައްސައިފި. ސަލާމަތް ވާނީ ވަރަށް މަސައްކަތް ކުރެވިގެން.