އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެންބަރުން އައްޔަން ނުކޮށް ލަސް ކުރުމަށް ކުރެވެން އޮތް ކަމެއް ކުރާ މަންޒަރު ފެންނަ ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭސީސީއަށް ފަސް މެންބަރުން ހޯދަން މިދިޔަ މަހު އިއުލާން ކުރި މުއްދަތު މާދަމާއަށް ހަމަވެއެވެ. އެކަމަކު ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނުގައި އެ މުއްދަތު ވަނީ މި މަހުގެ ނިޔަލަށް ދަންމާލައިފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން އުޝާމް ވިދާޅުވީ، އޭސީސީ ފަދަ މުހިންމު މުއައްސަސާއެއް ގާނޫނީ ހުސްކަމެއްގެ ތެރޭގައި ބޭއްވުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.

"މެންބަރުން ވަކިކުރަން ވީމަ ދައުރުން ބޭރު ޖަލްސާ ވެސް ބޭއްވުނު، މެންބަރުން އައްޔަން ކުރަން ވީމަ މި ފެންނަނީ އެ ކަން ލަސް ކުރަން ކުރެވުނުހާ ކަމެއް ކުރާ ތަން،" މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވެސް އިންނަވާ އުޝާމް ލިޔުއްވާފައިވެއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ރުހުންދީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި ފަސް މެންބަރުން ވަކިކުރުމުގެ މަސައްކަތް ހަމަ މި މަޖިލީހުގައި ފެށުނެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ބަލަން ފެށުމާއެކު، ކޮމިޝަންގެ މެންބަރު ކަމުން އިބްރާހީމް ޝަކީލް އާއި އަލީ އަޝްރަފު އިސްތިއުފާ ދެއްވިއެވެ.

މެންބަރުން ވަކި ކުރަން ކޮމިޓީން ފާސް ކުރުމާއެކު، ކޮމިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ޝިއުނާއާއި، ނައިބު ރައީސަށް ހުންނެވި ފާތިމަތު އަނޫލާއާއި، އައިޝަތު އަބްދުﷲ ވެސް އިސްތިއުފާ ދެއްވިއެވެ.

އޭސީސީގެ މެންބަރުން ވަކިކުރަން ކޮމިޓީން ނިންމި ސަބަބަކަށް ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން ދައްކަވަނީ، އޮޑިޓަ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ އޭސީސީގެ މެންބަރުންގެ ޕާފޮމެންސް ރިޕޯޓެވެ.

މި ރިޕޯޓް އަވަހަށް ތައްޔާރުކޮށް ކޮމިޓީއަށް ހުށަހަޅުއްވަން ލަފާ ދެއްވަން ވެސް ކުރިން ފާސްކޮށްފައިވެއެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ފަދަ މައްސަލަ ބެލުން ލަސްވާތީ މަޖިލީހުގެ މެންބަރުން ފާޑުވިދާޅުވަމުން ގެންދެވީ އޭސީސީގެ މެންބަރުންނަށެވެ.

ނަމަވެސް މި ސަރުކާރުގައި އެ މައްސަލަ ތަހުގީގު ކުރަން ހަވާލު ކޮށްފައި އޮންނަނީ ޖޮއިންޓް ކޮމިޝަނަކަށެވެ. އެއީ އޭސީސީގެ އިތުރުން، ރައީސް ސޯލިހް އުފައްދަވާފައިވާ އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނަކާއި، ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ހިމެނޭ ގޮތަށް އުފައްދާފައިވާ ޖޮއިންޓް އިންވެސްޓިގޭޝަންއެކެވެ.

ގާނޫނީ ހުސްކަމެއްގައި އޭސީސީ އޮތް އިރު، ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުމެއް އިތުރަށް އޮތް ކަމަކީ، މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާއި ދިމާކޮށް ސަރުކާރުން ބަޖެޓް ނުކުރާ މަޝްރޫއުތަކެއް އިއުލާންކޮށް އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރަމުންދާ މަސައްކަތެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުން ވެސް ވަނީ މި ކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މައްސަލަ އޭސީސީއާއި ފުލުހުންގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް ބަލައި އެޅެން އޮތް ފިޔަވަޅުތަކެއް އަޅަން އެ ޖަމިއްޔާއިން ގޮވާލާފައިވެއެވެ.