އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަޑު އުފުލަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކަމަށާއި އިންޑިއާގެ ހިދުމަތްތެރިންނާއި ދެކޮޅަށް އަޑު ނުއުފުލާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީން އެގޮތަށް ބުނެފައި މިވަނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ޓީޗަރުންނާ މަގުމަތިން "ދިމާކުރާ" ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވުމާ ގުޅިގެންނެވެ. އެކަން ކުރަނީ ވަކި ފިކުރަކަށް ނިސްބަތްވާ ބައެއް ކަން ޕީއެސް ވިދާޅެއް ނުވެއެވެ.

އެކަމަކު، "އިންޑިއާ އައުޓް"ގެ ނަމުގައި އިންޑިއާ ސިފައިންނާ ދެކޮޅަށް އިދިކޮޅުން ވަނީ ކެމްޕޭނެއް ފަށާފައެވެ.

އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު "ވަގުތަށް" ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ޕީޕީއެމުން އަޑު ނުއުފުލާނެ ކަމަށެވެ. އަދި އެއީ ޕީޕީއެމުން ހިތްވަރު ވެސް ދޭނެ ކަމެއް ނޫން ކަމަށް ހީނާ ވިދާޅުވިއެވެ. އެފަދަ ކަންކަމަކީ ޕީޕީއެމްގެ ސިޔާސަތެއް ނޫން ކަމަށް ހީނާ ވިދާޅުވިއެވެ.

"އިންޑިއާގެ ޑޮކްޓަރުން ޓީޗަރުން ނުވަތަ އިންޑިއާގެ ހިދުމަތްތެރިން ވިޔަސް އެ މީހުންނާ ޖައްސާލައިގެން ކުޑާއިމީސްކޮށް ބަހެއް ބުނުން ގޯސް" ހީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުން އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލަނީ މި ސަރުކާރުން އިންޑިއާއެކު އަޑި ނޭނގެ އެއްބަސްވުންތަކެއް ހަދާފައިވާތީއެވެ.

އިންޑިއާގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ނުތިބޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ޑޯނިއާ މަތިންދާ ބޯޓޯ ދުއްވުމަށާއި އެކު އިންޑިއާގެ 75 ސިފައިން އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި މިނިސްޓަރު މާރިޔާ ފަހުން ވަނީ ވިދާޅުވެފައެވެ. އެކަމަކު އެމީހުން އެއްވެސް ހަތިޔާރެއް ނުގެންގުޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިނާ ވިދާޅުވީ އިންޑިއާ ސިފައިންނާ ދެކޮޅަށް ޕީޕީއެމުން ހިންގާ ހަރާކާތް ހުއްޓާނުލާނެ ކަމަށެވެ. އަދި އެކަން ކުރިއަށްދާނެ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަނީ ފެތުރިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންވަނީ އަމަލީ ގޮތުން މިހަރަކާތުގައި ބައިވެރިވެވަޑައިގެން ރަށްރަށަށް ދަތުރުކުރައްވަމުންނެވެ. އިންޑިއާއައުޓް ކެމްޕޭނާ ގުޅިގެން ސަރުކާރުގެ ފާޑުކިޔުންތައް ވަނީ އިދިކޮޅަށް އަމާޒުވެފައެވެ.

ސަރުކާރުން ބުނާ ގޮތުގައި އިންޑިއާ ދެކޮޅަށް ހިންގާ ހަރަކާތުގެ ގެއްލުން ރާއްޖެއަށް ވާނެއެވެ. އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް އެކުވެރިޔާ ކަމަށްވާއިރު އިންޑިއާ ދެކޮޅަށް އެންޓި ކެމްޕޭނު ނުކުރުމަށްވެސް ސަރުކާރުގެ ބޭފުޅުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަން ރީނދޫ

    އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އަޅުވަން އެމްޑީޕީ އިން ހިންގާ ޖަރީމާ.

    5
    1
  2. ޑައެލޯގް

    އިދިކޮޅުންނެއްނޫޅޭ ކަލޭމެންހެން ގޮޅާބޯގޮވާ މައުމޫން އިސްތިއުފާއަށްގޮވާ އިންޑިޔާ ޚިދުމަތްތެރިންނަށް ދުއތުރާކުރާކަށެއް. އަހަރެމެން މިގޮވަނީ އިންޑިޔާ ސިފައިން މިތާނުތިބޭށޭ ގަމާރު ސަރުކާރު

    6
    1
    • Anonymous

      މައުމޫނު އަތުން ޕާޓީ ޖަހައިގަތް ބައެއް ކޮށްފަ ނުކުރާނެ ކަމެއް ތިބޭފުޅާއަށްވެސް ނޭނގޭނެ.

  3. ޢައިބާ

    އިންޑިޔާ އައުޓް ކިޔަމުން ދުވީމާ އެވަނީ ކޯއްޗަކަށް ، އިންޑިޔާ މިލިޓަރީ އައުޓް ކިޔާނަމަވެސް މީހުންނަށް ނޯޅޭނެދޯ ، މިހާރު ހަމަހަގީގަތުގައިވެސް ވަރަށް ފޫހިވެއްޖެ ، ތިކުރާކަމަކުން ، ތީގެ ނަތީޖާ ހިތިވާތަން މިފެންނަނީ،،،،

    3
    4
  4. އަލްޖިބްރާ

    ތިޔަކުރާކަމަކީ އެހެންމީހުންގެ ލޮލުގައި އަދުން އަޅުވަން އުޅުން ! ޔާމީނު އަޑީގައި ހުރެގެން އިންޑިއާ ޓީޗަރުންނާއި ދިމާކުރަން ރާވައިގެން ތިޔަހިންގަނީ އިންސާނިއްޔަތާއި ޚިލާފު ބޮޑު ޖަރީމާއެއް ! މިއީ މިއަދުގެ ސަރުކާރުން މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމެއް !

    2
    5
  5. Anonymous

    ބުނަނީ އިންޑިއާ މިލިޓަރީ އައުޓް ކަމަަށް.
    ލިޔެފަ މިހުންނަނީ އިންޑިއާ އައުޓް

    ވީމާ ބަހަކާ އަމަލަކާ ދިމާނުވޭ.