ކޮވިދް-19 ފެތުރެމުން އަންނާތީ އިތުރު ތިން ރަށަކަށް އަރައި ފޭބުން އިއްޔެ މަނާ ކޮށްފިއެވެ.

އިއްޔެ މޮނިޓަރިންގެ ހާލަތައް ގެނައީ ގދ.ގައްދު އާއި ރ.އުނގޫފާރާއި ހދ.ހަނިމާދުއެވެ. އެޗްޕީއޭ އިން ރޭ ދިން މައުލޫމާތައް ބަލާއިރު މިހާރު މޮނިޓަރިންގައި އޮތީ ކ.ތުލުސްދޫ، ކ.މާފުށި، ހއ.އިހަވަންދޫ، ހދ.ނެއްލައިދޫ، ލ.ފޮނަދޫ، ހދ.ނޮޅިވަރަމްފަރު، ށ.ފުނަދޫ، ބ.ދަރަވަންދޫ، ދ.ބަނޑިދޫ އަދި ލ.ގަމެވެ.

އަތޮޅުތެރެއިން ވެސް މިހާރު އަންނަނީ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވަމުންނެވެ. އިއްޔެ ފައްސިވި 1209 މީހުންގެ ތެރެއިން 408 މީހުން ފައްސިވީ އަތޮޅުތެރެއިންނެވެ. އިއްޔެ އަކީ ފާއިތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި އަތޮޅުތެރެއިން އެންމެ ގިނަބަޔަކު ފައްސިވި ދުވަހެވެ.

މޮނިޓަރިންއަށް ގެނެސްފައިވާ ރަށްތަކުގެ އިތުރުން އައްޑޫ ސިޓީގައި އަނެއްކާވެސް އަންނަނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންނެވެ. އައްޑޫގައި ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު ރޭ ވަނީ 300 އަށް ވުރެ އިތުރުވެފައެވެ. ނަމަވެސް އަދި އައްޑޫ ސިޓީ މޮނިޓަރިންއަށް ގެނެސްފައެއް ނުވެއެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިހާރު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 5800 އަށް އަރާފައެވެ.

ކޮވިޑް-19 އޮމިކްރޯން ވޭރިއަންޓާއިއެކު ރާއްޖެ އަށް ވެސް ވަނީ ކޮވިޑްގެ ރާޅެއް ކުރިމަތިވެފައެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ކުރިއަށް އޮތް ދެމަހެއްހާ ދުވަހު ކޮވިޑްގެ އަދަދުތައް މައްޗަށް ދިއުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑު ފަރަންޖީ

    މިހާރު ބޭނުން ކަމެއްނޫން މޮނިޓަރިން އަށް ލުމަކީ. ކޮވިޑާއެކު އުޅެން ދަސްކުރަންވީ. އެންމެންވެސް ފަރުދީޒިންމާ އަދާ ކުރަންވީ. އުމުރު ދުވަހު ބަދުވެގެން ނިކަމެތި ރައްޔިތުންނަށް ނުތިބެވޭނެ. ވިޔަފާރިތަށް ފުޑެނީ.