އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް އެމްޑީޕީގެ އިސް ބޭފުޅުން "މޮޔަ ގޮވުން" އިތުރުވެގެން އުޅެނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިން އެމްޑީޕީ ބަލިވާނެ ކަން ޔަގީންވެގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދުގެ ކެމްޕޭން ހަރަކާތެއްގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓެ) ވަނީ ކޮމަންޑޫ ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ، ދިގުވެލިދޫގައި އެއާޕޯޓެއް އަޅަން ރައީސް ޔާމީން ވައުދުފުޅު ވުމުން އެއަށް ފާޑުވިދާޅުވެ "އަމާ އެޅޭނީ" އޭ ވިދާޅުވެފައެވެ.

އެ ކަމަށް އާންމުންނާއި ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ "އިންޑިއާ އައުޓް" ޝިއާރުގައި ނުކުންނަވައިގެން ރައީސް ޔާމީން ހުންނެވީތީ އެމަނިކުފާނު ހައްޔަރު ކުރަން ގޮވާލައްވައިފައެވެ.

ހަސަންޓެއާއި ހަސަން ލަތީފްގެ ވާހަކަތައް ޖަމީލް ސިފަ ކުރެއްވީ "މޮޔަ ގޮވުން" ގޮތުގައެވެ. ބުއްދި ހަމަނުޖެހޭ އަދި ބޭއަދަބީ ވާހަކަތައް އެ ގޮތަށް ދައްކަވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަން އެ ޕާޓީގެ އިސް ވެރިންނަށް ވެސް ވިސްނެވޭތީ ކަމުގައި ޖަމީލް ވިދާޅުވިއެވެ.

"އިންތިޚާބުން އެމްޑީޕީ ބަލިވާނެ ކަން ކަށަވަރު ވުމުން ގޮތް ހުސްވެ ތިމާގެ އިސްކޮޅާއި ނުބައްދަލު ވާހަކަ ދައްކަނީ،" ކުރީގެ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައާއި ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޖަމީލު "ވަގުތު" އަށް ވިދާޅުވިއެވެ.

ހަސަންޓެއާއި ހަސަން ލަތީފްއަށް އިޝާރާތް ކުރައްވައި ޖަމީލް އިތުރަށް ވިދާޅުވީ، "އެމްޑީޕީގައި ތިބި ހަސަނުންތަކަކީ ހުޅުނބު ގޮސްފައި ތިބި އަޑުފަތްގަދަ ހުސް ހުޅަދުތަކެއް ފަދަ ބައެއް،" ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، މި އިންތިޚާބުގައި އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން އަލަށް އުފެއްދި އެމްއެންޕީން ވެސް ވާދަކުރެއެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރާޝިދެވެ. ރާޝިދަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ޕީޕީއެމުން ވާދަކުރައްވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވި މޫސާ ފަތުހީއެވެ. ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވި ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވައިފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އުފެއްދެވި އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒަބީބު

    ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިން އެމްޑީޕީ ބަލިވިއަސް މޮޅުވިއަސް ކޮމަންޑޫ ދާއިރާގެ ރައްޔިތަކަށްވެސް އަދި އެހެން ދާއިރާއެއްގެ ދިވެހި ރައްޔިތަކަށްވެސް ކުރާނެ މާކަބޮޑު ފައިދާއެއް އޮތްކަމަކަށް މަށަކަށްވެސް ޤަބޫލެއް ނުކުރެވޭ.

    އެކަމަކު ޖަމީލު އެއްދުވަހު ޔާމީނަށް ވަގަށް ގޮވާ، ހެއްދެވި ނުހެއްދެވިއަށް ގޮވާފަ އެއަށް ވުރެ ނުބައި ނުލަފާ އަދި ނާޤާބިލު މީހެއް ދިވެހި ފަސްގަނޑުގައި ވެސް ނެތްކަމަށް ބުނާ ބީދައިން ވާހަކަ ދައްކާފަ އަނެއް ދުވަހު ޔާމީނަށް ސަނާކިޔާ އެވަރު މޮޅު މީހަކު ދުނިޔޭގައިވެސް ނެތްކަމަށް ދޭހަވާ ބީދައިން ވާހަކަ ދެއްކީމާ މަށަށް ޔަޤީންވާ ކަމަކީ ޖަމީލު އަކީ ދެއަނގައިން ވާހަކަ ދައްކަމުން ދުވާ ސިޔާސީ ގޮތުން ދެވުޅިއެއްނުވާ މީހެއްކަން. އަދި ސިޔާސީ ގޮތުން ބާކީވެ ބިކަވެ އަރާނެ ގަލެއް ނެތިގެން ލޯނާއްޓެއް ފެނުނަސް އެއަށް ވެސް އަރަން ތައްޔާރަށް ހުރި ސިޔާސީ ތުންފުއްސަކަށް ވެސް ފުދޭ މީހެއްކަން. ހިލްމު ނެތިއްޔާ އިލްމުގެ ބޭނުމެއް ނެތްކަމުގެ ލާމަސީލު މިސާލެއް ޖަމީލު އަކީ.

    8
    4
  2. ބޮޑިބަތް

    2023 ގެ އިންތިހާބު އަންނައިރު މީނަ ހުންނާނީ އެންޑީޕީ ގަ ޔާމީންއް އެއްޗިހިގޮވަން ދެފުއްކެހެރި ގޮލައެއްމީ

    7
    3