ހައްޔަރުކުރަންވީ ހީލަތްތެރިކޮށް ދަރިވަރުންގެ ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރަން އެންގި މީހުން ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ހޫނު ރަށްދެއް ދެއްވައިފިއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް" ޝިއާރުގައި ފަތުރަމުން ގެންދަވާތީ އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަންކަން ކަމަށް ވިދާޅުވެ އެމަނިކުފާނު ހައްޔަރު ކުރަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލެއްވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައި ހަސަން ލަތީފު ވަނީ ރައީސް ކަން ކުރެއްވި ބޭފުޅަކުގެ އަމަލުތައް ހުންނެވި ގޮތް ސަރުކާރުން ވެސް ސާފު ކުރަން ޖެހޭ ކަމަށާއި ލަސްނުކޮށް ރައީސް ޔާމީން ހައްޔަރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ލަސްނުކޮށް ރައީސް ޔާމީން ހިފާ ހައްޔަރުކުރަން ޖެހޭ، މި ގައުމުގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަ ތަކެއް މިހާރު ރައީސް ޔާމީން ދައްކަވަމުން އެ ގެންދަވަނީ،" އޭނާ ވިދާޅުވިއެވެ.

މިކަމަށް ރައްދުދެއްވަމުން މީގެ ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ މިގައުމުގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ވަކާލާތު ކުރުމަކީ ރައީސް ޔާމީން ހައްޔަރުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އިންޑިއާ ސިފައިން މިގައުމުން ބޭރުކުރާ ދުވަހަކުން އެމަނިކުފާނަށް ގާޒީއެއްގެ ލަގަބު ހައްގުވާނެ ކަމަށެވެ.

"އިންޑިއާ ސިފައިން ބޭރުކުރެވޭ ދުވަހަކުން ރައީސް ޔާމީނަށް ގާޒީއެއްގެ ލަގަބު ހައްގުވާނެ" ބަޔަކު ހައްޔަރު ކުރަންޏާ ހައްޔަރުކުރަންވީ ހީލަތްތެރިކަމާއިއެކު ދަރިވަރުންގެ އިސްލާމް ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރަން އެންގި މީހުން ކަމަށް ވިދާޅުވެ ހަސަން ލަތީފަށް ރައްދުދެއްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.

ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރަން އުޅޭ ކަމަށް ޚަބަރު ފެތުރުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން ދޮގު ކުރައްވާފައެވެ. ނަމަވެސް މިދިޔަ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ސޮއިކޮށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބަށް ފޮނުވި ސިޓީއެއްގައި ވަނީ ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަކުރެވުނު މައްސަލަތައް އިސްލާހު ކުުރުމުގެ މަސައްކަތް ކުރައްވާއިރު ގުރޭޑް އެކަކުން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކުރައްވާ އާޔަތް ލިޔުއްވުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔުއްވާ ޚަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށް އެދޭ ކަމަށް އެދިފައެވެ. ފަހުން މިނިސްޓްރީ ވަނީ އެނިންމުން ނިންމި ކަމަށާއި ނަމަވެސް މިހާރު އެނިންމުން ބަދަލު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެނިންމުން ބަދަލުކުރީ އެތައް ދީނީ އިލްމުވެރިންނާއި އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔަމަން

    އާދަމް ޝަރީފް އައުޓް ، އިންޑިއާ އެކު ހުރިހާ އެގްރިމެންޓް ހެދީ ކަލޭމެން. ދެން ކޯއްޗެކޭ ކިޔާފަ ތި ވީދެނީ.

    21
    • ގ

      އިތުރުޕުޅު ނުހައްދަވާ

  2. ޚަމަނަ

    ތީ ވަރަށް ރަގަޅު ވާހަކަ އެއް ޝަރީފް ސަރ

    18
  3. ދޮންބަކުރު

    "އިންޑިއާ ސިފައިން ބޭރުކުރެވޭ ދުވަހަކުން ރައީސް ޔާމީނަށް ގާޒީއެއްގެ ލަގަބު ހައްގުވާނެ" ޤާޒީންނަކީ ޝަރީޢަތްކޮށް ޙުކުމް ކުރާ މީހުން. ޣާޒީންނަކީ ދުޝްމަނުންގެ ކިބައިން ޤައުމު ސަލާމަތްކުރާ މީހުން. ޣާޒީ ------ ޤާޒީ
    އޮޅުވާ ނުލާ!