ބ. ކުޑަރިކިލުގައި ކޮވިޑާއި އެހެނިހެން ބަލިތައް ފެތުރެމުން ދާއިރުގައި އެރަށު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުން އެރަށު ރައްޔިތުން ނުކުމެ ސިއްހީ މަރުކަޒު ބަންދުކޮށް މުޒާހަރާ ކުރާ ހިސާބަށް ދިއުމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ބ. ކުޑަރިކިލުގައި ކޮވިޑާއި އަދި ބޭރަށް ހިންގާ ރޯގާއި ވެސް ވަރަށް ބޮޑަށް ފެތުރިފައިވާއިރު ޑޮކްޓަރަކު ނެތި ގިނަ ދުވަސްވަމުން ދާތީ އެ ރަށު ރައްޔިތުން ނުކުމެ ސިއްހީ މަރުކަޒު ބަންދުކޮށް އެތާނގެ ދޮރުމަތީގައި މުޒާހަރާ ކޮށްފައިވާއިރު ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް "ވަގުތު" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ހުރި ޑޮކްޓަރު ޗުއްޓީއަށް ދިއުމުން މިހާރު އެރަށުގައި އެއްވެސް ޑޮކްޓަރަކު ނެތް ކަމަށެވެ.

މިކަމާއި ގުޅިގެން ކުރިން އިކޮނަމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަޒީރުން ބުރިޖުތައް އެޅުމާއި ފުނި ފުންޏަށް ވައުދުވުމުގައި އަވަދިނެތި އުޅުއްވާ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ މިހާރު ކޮމަންޑޫ ދާއިރާގައި ސަރުކާރުން ކުއްލިއަކަށް ފަށައިގެން ކުރިޔަށް ގެންދާ ބޮޑެތި މަޝްރޫއުތަކަށެވެ.

މިގޮތުން ސަރުކާރުން ކުޑަރިކިލަށް އަޅާނުލަނީ އެ ދާއިރާގައި އިންތިހާބެއް ބޯމަތިވެފައި ނެތުމުން ކަމަށް ދޭހަވާ ފަދަ މޭރުމަކުން ކުރެއްވި ޓުވީޓުގައި ސައީދު ވިދާޅުވީ އެންމެ ނުރައްކަލީ ސިއްހީ ހާލަތު ކަމަށް ވިދާޅުވެ މިވަރު ވެގެން ދިޔައިމަ އެއީ ދެރަވަރު ކަމަށެވެ. "ބައި އިލެކްޝަން އެއް ނެތަސް މިވަރުވާން ދޫކޮށް ނުލައްވާ" ސަރުކާރަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވިއެވެ.

މިއަދު ކުޑަރިކިލު ސިއްހީ މަރުކަޒު ކައިރީގައި މުޒާހަރާ ކުރާ ފަރާތްތަކުން އަންނަނީ ޑޮކްޓަރަކު އައުމުން ނޫނީ ގެޔަށް ނުދާނެ ކަމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ. ޑޮކްޓަރަކު ނެތި ހަފުތާއެއް ވެފައިވާއިރު، މިހާރު ވެސް އެ ރަށުގައި ކޮވިޑަށް ފައްސިވެފައިވާ ދެ މީހަކު އެބަހުރި ކަމަށާއި އަދި ބޭރަށް ހިންގާ ރޯގާ ވެސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާއި ދިމާކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި، ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ސަރުކާރުގެ އިސް ވަޒީރުން ވެސް ކޮމަންޑޫ ދާއިރާގެ ރަށްރަށުގައި ގިނަ ދުވަސްތަކެއް ވަންދެން ކެމްޕޭންގައި އުޅުއްވިއެވެ. އަދި ކޮމަންޑޫ ދާއިރާގެ ރަށްރަށުގައި އާ މަޝްރޫއުތައް އިއުލާންކޮށް، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށަން ބަޔަކާއި ހަވާލުވެސް ކޮށްފިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާވަށް

    ކަލޯ ހޮވިގެން ވަކި މާވަށަށް ވާ ކަމެއް ބުނެބަލަ

    3
    1
  2. Anonymous

    މޑޕ އުޅެނީ ދިވެހި ދައުލަތް ނުކެވިގެން.