މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މި ވަގުތު ނިޒާމީ ތަޢުލީމު ފޯރުކޮށް ދިނުމަށް ސަރުކާރުގެ ސްކޫލެއް ޤާއިމުވެފައި ނުވާ ރަށްތަކުގައި ސެޓްލައިޓް ސުކޫލުގެ ނިޒަމަށް ކިޔަވައިދިނުން މިއަދު އިފްތިތާހުކޮށްފިއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު ނިޒާމީ ތަޢުލީމު ފޯރުކޮށް ދިނުމަށް ސަރުކާރުގެ ސްކޫލެއް ޤާއިމް ވެފައި ނުވަނީ ބ. ފެހެންދޫ އަދި ވ. ތިނަދޫ އަދި ވ.ރަކީދޫއެވެ. މިއީ މީހުން ދިރިއުޅޭ އާބާދީ ވަރަށް ކުޑަ ރަށްރަށެވެ. މީގެ ކުރިން މި ރަށްރަށުގެ ކުދިން ކިޔަވަން ކައިރި ރަށަކަށެވެ. ނޫނީ ވެރިރަށް މާލެއަށެވެ.

ރައްޔިތުންނަށް އެ މީހުންގެ ރަށުން ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ސެޓްލައިޓް ސުކޫލް އިފްތިތާހުކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އެ ކަމަށް ޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

ދެ ވަނަ އަހަރުގެ ދިރާސީ އަހަރުގައި މި ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8 އާއި ހަމައަށެވެ. ސެޓެލައިޓް ސްކޫލްތައް ފެށިގެން ދާއިރު ކޮންމެ ސްކޫލެއްގައި ދެ ޓީޗަރުންނާއި 1 އެޑްމިން އޮފިސަރާކާއި މަސައްކަތު މީހަކު މަސައްކަތް ކުރާނެއެވެ.

މި ރަށްތަކީ ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ މަދު ރަށްތަކަކަށް ވުމުން ތަމްރީން ވެފައިވާ ޓީޗަރުން ލިބުމުގެ ދަތިތައް ކުރިމަތިވާ ރަށްތަށް ކަމަށާއި ސެޓެލައިޓް ސްކޫލްތަކަކީ ހައި ސްޕީޑް އިންޓަނެޓް ކަނެކްޝަނެއް މެދުވެރިކޮށް ދަރިވަރުންނަށް ވައިފައިގެ ޚިދުމަތް، ކިޔަވާ ހުރިހާ ގަޑިތަކުގައި ވެސް ލިބެން ހުންނާނެ ސުކޫލުތަކެއް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސެޓެލައިޓް ސުކޫލުގެ ނިޒާމުގައި ދަރިވަރުން އެ ކުދިން އަމިއްލަ ރަށުގެ ސުކޫލަށް ކިޔެވުމަށް ހާޒިރުވާއިރު އެކުދިންނަށް ކިޔަވައި ދެއްވައި ޓީޗަރުން ތިއްބަވާނީ މާލޭގެ ހުރަވީ ސުކޫލުގައި ގާއިމް ކުރެވިފައިވާ ސެޓެލައިޓް ހަބް ސެންޓަރުގައެވެ.

މި ޓީޗަރުންނާއި އެކު، ސެޓެލައިޓް ސުކޫލުތަކުގައި ދަރިވަރުން ކިޔަވާނީ އޮންލައިންކޮށެވެ. އަދި މި ކަމަށް ޓަކައި ކޮންމެ ދަރިވަރަކާއި ޓީޗަރަކަށް، ކްރޯމްބުކްސް ބްރޭންޑްގެ ޓެބްލެޓެއް ފޯރުކޮށްދެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކުުދިންގެ އިތުރު ހަރަކާތްތައް ހިންގުމުގައި ކޮންމެ ސުކޫލަކަށް ބެލެނިވެރި ސުކޫލެއް ހަމަޖެހިފައިވާނެ ކަމަށާއި ބެލެނިވެރި ސްކޫލްގެ ޒިންމާތަކުގެ ތެރޭގައި ސެޓެލައިޓް ސްކޫލްގެ މާލީ ކަންކަން ބަލަހައްޓައިދިނުމާއި ސެޓެލައިޓް ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކުޅިވަރު ހަރާކާތްތަކާއި އެހެނިހެން ހަރާކާތްތައް ރާވައިހިންގުން ހިމެނޭނެ ކަމަށް ވެސް އެޑިއުކޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފެހެންދޫ ސްކޫލަށް ބެލެނެވި ސްކޫލެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެ އަތޮޅު ގޮއިދޫ ސްކޫލެވެ. ތިނަދުއާއި، ރަކީދޫއަށް ހަމަޖައްސާފައިވަނީ އެ އަތޮޅު ކެޔޮދޫ ސްކޫލާއި ފެލިދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒެވެ.

ބެލެނިވެރި ސުކޫލުން ރާވާ ހިންގާ އިތުރު ހަރަކާތްތަކުގައި ސެޓެލައިޓް ސުކޫލު ދަރިވަރުން، ބެލެނިވެރި ސުކޫލަށް ހާޒިރުވެގެން ބައިވެރިވާނޭ އިންތިޒާމްތައް ވެސް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ސެޓެލައިޓް ސްކޫލް ނިޒާމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަދި ކުރިއަރަމުން އަންނަ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ސްކޫލްތަކާއި ދުރު ހިސާބުތަކުގައި، އަދި އާބާދީ މަދު ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބޭނުން ކުރާ ނިޒާމެކެވެ.

ރާއްޖޭގައި ވެސް ބައެއް ރަށްރަށުގައި ސުކޫލެއް ނެތުމުގެ ސަބަބުން ބައެއް ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާއިން ބޮޑެތި ތަކުލީފުތައް އުފުލަން ޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާލި

    ތިރައްރަށުން މީހުން ހުޅުމާލެއަށް ބަދަލްކޮށްފަ ރައްތަށް ރިސޯޓް ތަކަށް ބަދަލް ކޮށްލުން ފައިދާ ބޮޑުވާނެ ، ތިޔަ ސެޓްލައިޓް އަރުވަން އުޅުމަށްވުރެން !

    12
    4
  2. ނާއިލް

    ދެން ބިންއަޅާބޯޓް ސްޓައިލް ސްކޫލް ނިޒާމު ތައާރަފު ކުރަންވީ ދެންހުރި ސްކޫލްތަކުގަ.

    6
    1
  3. ޙަދިސައިބު

    ޢަރަބިޔާ، ސީއެޗުއެސްސީ، ދަރުމަވަންތަ، ޖަމާލުދީން، މަޖީދިއްޔާ، އަމީނިއްޔާ، ޙިރިޔާ ސްކޫލުވެސް ސެޓަލައިޓު ސްކޫލަށް ބަދަލުކޮށް ލާފަ ހުރިހާ ޓީޗަރުން އެމީހެއްގެ ރަށުގައި ތިބެގެން ސެޓަލައިޓުކޮށް ކިޔަވދޭން އަންގަންވީ މިސްކޫލުތަށް އެންމެ އިމާރާތަކުން ހިންގޭނެ! ސަރުކާރަށް ހަރދުކުޑަވާނެ