ކޭބަލަކަށް ގެއްލުންވެގެން މިއަދު ހެނދުނު ހުޅުމާލެ ދެވަނަފިޔަވަހީގައި ހުންނަ "ހިޔާ" ފްލެޓްތަކުން ކަރަންޓު ކެނޑިގެން ދިޔައިރު، ހަތަރު ގަޑިއިރު ތެރޭ އެ ތަކެތި މަރާމާތުކޮށް ހުރިހާ ފްލެޓަކަށް ކަރަންޓު ދީފިއެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ބުނި ގޮތުގައި ކޭބަލަށް ގެއްލުންވެ، ކަރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފްލެޓަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.

"ދިމާވި ދަތިތަކަށް މާފަށް އެދެން، މި ފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ސްޓެލްކޯ އިން ކުރި ޕޯސްޓެއްގައި ބުންޏެވެ.

ހިލާ ފްލެޓްތަކަށް ކަރަންޓު ދޭން އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ގެއްލުން ލިބުނީ، މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން މަގު ކޮނުމުގެ ތެރެއިންނެވެ.

މިއަދު ހެނދުނު ނުވައެއް ޖަހާކަށްހާއިރު، ކަރަންޓުގެ ޚިދުމަތް އެ ސަރަހައްދުން ކެނޑުނުއިރު، އެއިން ބައެއް ޓަވަރުތަކަށް ހެނދުނު 11:00 ޖަހާކަށް ހާއިރު އާއި މެންދުރު 12:00 ޖަހާކަށް ހާއިރު ކަރަންޓު ދެވުނެވެ.