އަރަބިއްޔާ ސްކޫލްގެ ކުދިންނަށް ވަގުތީ ގޮތުން ހަމަޖެއްސި އެމްޓީސީސީ ސޯމިލް ނުވަތަ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތާ ޖެހިގެން އޮންނަ ޕާކިން ޒޯން އަރަބިއްޔާ ސްކޫލްގެ ބޭނުމަށް ދޫކުރަން ނިންމައިފިއެވެ.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި، އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި، ވަރަށް ބޮޑަށް ހަލާކުވުމުން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ އެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ. އެކަމަކު، އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ.

އެހެންވެ، އެންމެ ފަހުން ވަގުތީ ހައްލެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީ އަށް ފެނުނީ ސޯމިލް އިމާރާތް ސްކޫލެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ. ސަރުކާރުން ނިންމާފައިވާ ގޮތުގައި އަރަބިއްޔާ ސްކޫލް ދަރިވަރުންނަށް ދާއިމީ ހައްލެއްގެ ގޮތުގައި ދޭން ނިންމާފައި ވަނީ ކުރީގެ ބާ ޖަމާލުއްދީން އިމާރާތެވެ.

މިނިސްޓްރީގެ ވިސްނުން ހުރީ ބާ ޖަމާލުއްދީން ސްކޫލުގެ ބިމުގައި އަރަބިއްޔާގެ އާ އިމާރާތް ހެދެން ދެން ވަގުތީ ގޮތުން އެމްޓީސީސީގެ އިމާރާތުގައި 700 އަށް ވުރެ ގިނަ ކުދިންނަށް ކިޔަވައިދޭށެވެ.

"ވަގުތަށް" މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަރަބިއްޔާ ކުދިންނަށް ވަގުތީ ގޮތުން "ހިޔާ" ވަހިކަމެއް ލިބޭތީ އުފާ ކުރައްވާ ކަމަށެވެ. އަދި ސޯމިލް އިމާރާތަކީ ބަންދުވެފައި ހުރި ތަނަކަށްވާތީ ކުދިން ނުކުމެ ހެދުމަށް "ކޯޓު ޔާޑެއް" ނެތް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާދިސާއެއް ހިނގައިފި ނަމަ ހުރިހާ ކުދިން އެއްވާނެ ހުސް ޖާގައެއް ބޭނުންވާ ކަމާއި ސްކޫލަށް ދާ ކުދިން ވަދެނުކުމެ އުޅެން ފަސޭހަ ކުރުމަށާއި ބެލެނިވެރިން މަޑުކޮށްގެން ތިބޭނެ ޖާގައެއްގެ ގޮތުގައި ބިމެއް ބޭނުންވާ ކަން ހާމަކޮށް މާލެ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވައިފައެވެ.

އަދި ކާނިވާ ސަރަހައްދުގެ ހުސް ބިމެއް ހަމަޖައްސައި ދިނުމަށް ސިޓީގައި އެދިފައިވެއެވެ.

"އަޅުގަނޑުމެންނަށް މިކަމުގައި ދިމާވި ދަތިކަމަކީ، އެތަނުގައި އޮތް ބިމަކީ ހަގީގަތުގައި ވަރަށް ކުރީއްސުރެ އެހެން ފަރާތަކަށް އެގްރީމަންޓް ހަދާފައި އޮތް ބިމެއް. މިހާރު ވަގުތީ ގޮތުން ޕާކިން ޒޯން އޮތް ބިމަކީ. ކައުންސިލުން މަސައްކަތްތަކެއް ފަށާފައި އޮތީ އެ ބައިގައި،" މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް މުއިއްޒު ވިދާޅުވީ ޕާކިން ޒޯން އެއްކޮށް ހުސްކޮށް ދޭނެ ކަން އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާ ސްކޫލަށް އަންގާފައިވާނެ ކަމަށެވެ.

"އެތަނުގައި އަޅުގަނޑުމެން މިހާރު ބޯޑެއް ވެސް ޖަހާފައި ވާނީ. ދެން އެތަނުގައި ހުރި ސައިކަލްތައް ނަގަން ފުލުހުން އެބަ މަސައްކަތްކޮށް ދެއްވާ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕާކިން ޒޯން ހުސްކޮށް އަރަބިއްޔާގެ ބޭނުމަށް އެ ތަން ހާއްސަ ކުރުމުން ރައްޔިތުންނަށް ދަތިވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަރަބިއްޔާ ދަރިވަރުންނަށް ދިމާވެފައިވާ ހާލަތާ ގުޅިގެން ސިޓީ ކައުންސިލަށް ވީ ވަރަކުން އެހީތެރިކަން ދޭން ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ދެ ދުވަހެއްގެ ތެރޭގައި ފުލުހުން ވިދާޅުވީ ހުސްވާނެއޭ (ޕާކިން ޒޯން). އެހެންވީމަ އެ ތަން މިވަނީ ހާއްސަކުރެވިފައި ވަގުތީ ގޮތުން އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ބޭނުން ކުރަން،" މުއިއްޒު ވިދާޅުވިއެވެ.

އެ ބިން އަރަބިއްޔާ ސްކޫލަށް ވަގުތީ ގޮތުން ދިނީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ގޮތަށެވެ.

އަރަބިއްޔާ އަށް ހާއްސަކުރި ބިމަކީ ގާތްގަނޑަކަށް 100 އެއްހާ ސައިކަލް ޕާކް ކުރެވޭ ޖާގައިގެ ތަނެކެވެ. އެތަނުގައި ޕާކް ކުރެވޭނެ ގޮތަށް ހެދުމަކީ ކާނިވާ ސަރަހައްދަށާއި އެ ސަރަހައްދާ ކައިރީގައި ހުރި ތަންތަނަށް އަންނަ މީހުން ޕާކްކޮށްލަން ލިބުނު ވަރަށް ފަސޭހަ ތަންކޮޅެކެވެ.

އެކަމަކު، ޕާކިން ޒޯން އަރަބިއްޔާ ސްކޫލަށް ހާއްސަ ކުރުމުން އަނެއްކާވެސް ޕާކިންގެ މައްސަލަ ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    އަސްލު އެތަނަކީ އެމްޓީސީސީ ސޯމިލްއެއް ނޫން. އެމްޓީސީސީ ސޯމިލް ހުރީ އެތާގައެހުރި ޕެޓްރޯލް ޝެޑްގެ ފަހަތުގައި އެހުރި ބިމުގައި. އަރަބިއްޔާ މިހާރު އެހުރި ތަނަކީ ކުރިން އެމްޓީސީސީގެ ބޯޓްޔާރޑް ހުރިތަން.

    • ޔޫސޭ

      ރަނގަޅު ވާހަކައެއް!
      އެކަމު އެވަރަށް އެޚަބަރު ނުބައިކޮށް ލިޔެ ކިޔާ ހަދާއިރު އެމްޓީސީސީ މީހުންނަށްވެސް އެކަން ނޭންގޭކަހަލަ. އެޑިޔުކޭޝަންގެ ރަސްމީ ލިޔުންތަކުގަވެސް މި ލިޔަނީ ސޯމިލްއޭ.