ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ ނ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

މެޓް އޮފީހުން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހުދު ސަމާލު ނެރެފައި ވަނީ މިރޭ ފަތިހު 04:00 އާއި ހަމައަށެވެ.

އިއްޔެ އިން ފެށިގެން ރާއްޖޭގެ ދެކުނަށް އަންނަނީ މޫސުން ގޯސްވަމުންނެވެ. އިއްޔެ ހަވީރުން ފެށިގެން އައްޑޫ ސިޓީ އަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އަދިވެސް އަންނަނީ އިތުރު ކުރަމުންނެވެ. އަދި މިއަދު ހަވީރުން ފެށިގެން އުތުރުގެ އަތޮޅުތަކަށް ވެސް އަންނަނީ ހުދު ސަމާލު ނެރެމުންނެވެ.

ލަފާކުރެވޭ ގޮތުގައި ރާއްޖެ އަށް މޫސުން ރަނގަޅު ވާން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.