މިއަދު އައްޑޫ ސިޓީ އިތުރު 86 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ ސިޓީގައި ކޮވިޑް ފެތުރެމުން އަންނާތީ މޮނިޓަރިންގެ ހާލަތުގައި ހަތަރު މަސް ދުވަސް ވަންދެން ބޭއްވުމަށް ފަހު މޮނިޓަރިން އުވާލިތާ ދެހަފްތާ ނުވަނީސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އިއްޔެ ވެސް އައްޑޫން 62 މީހުން ފައްސިވިއެވެ.

މިއަދު އައްޑޫން ފައްސިވި މީހުންނާއިއެކު މިހާރު އައްޑޫގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު 427 އަށް އަރައެވެ.

މިއަދު ހިތަދޫން 31 މީހަކު އަދި ފޭދޫއިން ވެސް 31 މީހަކު ފައްސިވިއެވެ. މީދޫއިން 15 މީހުން ހުޅުދޫއިން ދެމީހުން މަރަދޫފޭދޫއިން ފަސް މީހުން އަދި މަރަދޫއިން ދެމީހަކު މިއަދު ފައްސިވިއެވެ.

ކޮވިޑް ބަލި މީހުން އެންމެ ގިނައީ ހިތަދޫގައެވެ. ހިތަދޫގައި 158 މީހުން، މީދޫގައި 67 މީހުން، ފޭދޫގައި 58 މީހުން، ހުޅުދޫގައި 29 މީހުން، މަރަދޫފޭދޫގައި 19 މީހުން، މަރަދޫގައި ފަސްމީހުން ރިސޯޓްތަކުގައި ނުވަ މީހުން އަދި އެހެން ތަންތަނުގައި ހަތަރު މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ.

އައްޑޫގައި ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ އެންމެ މީހަކަށެވެ.

މިހާތަނަށް މާލެ ފިޔަވައި ކޮވިޑްގައި އެންމެ ގިނަ މީހުން ނިޔާވީ އައްޑޫންނެވެ. ކޮވިޑްގައި އައްޑޫން ނިޔާވި މީހުންގެ އަދަދު 14 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ލެއި

    މާލޭގަ އަށް ޗުއްޓީ ހަދަން ދިޔަ އެންމެން ހިތަށް އެރި ގޮތަކަށް އައިސް އުޅެނީ