މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް އައިސް އަންނަ މަހުގެ އެ މަސައްކަތް ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ "މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން އެންމެ ފަހުން ތަރައްގީ ކުރީ ހެންވޭރު އުތުރުގައި އޮންނަ ރޯޝަނީ މަގެވެ.

އެ މަގުގެ މަސައްކަތް ނިމުނު ފަހުން، އިތުރު މަގެއްގެ މަސައްކަތް ނުކުރާތާ ދެ މަހެއްހާ ދުވަސް ވަނީ ވެފައެވެ. އެ މަޝްރޫއު މަޑު ޖެހިފައި އޮތީ ސަރުކާރުން ބަޖެޓު ދޫ ނުކުރާތީއެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ރޯޝަނީ މަގުގެ މަސައްކަތަށް ފަހު މަގު ހެދުމުގެ މަޝްރޫއުއަށް ދެ މަސް ދުވަހުގެ މަޑުޖެހުމެއް އައިގޮތަށް އަދިވެސް އޮތީ ހުއްޓިފައި ކަމަށެވެ.

ރޯޝަނީ މަގު ތަރައްގީކޮށްފައި. -- ފޮޓޯ: އާރުޑީސީ

"މީގައި ދިމާވި ކަމެއް ކަމަށް މިވަނީ ބަޖެޓު ދޫކުރުމުގައި ހުއްޓުމެއް އައީ ސަރުކާރުގެ ތެރެއިން. އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް ގަބޫލެއް ނުކުރަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރާއެކު ވަރަށް ގިނަ މަޝްވަރާތައްކޮށް، ބައްދަލުވުންތައް ބޭއްވުމުގެ ސަބަބުން ބަޖެޓު ލިބިގެން އެ މަސައްކަތް ކުރިއަށްދާނެ ގޮތް މަގުފަހިވެއްޖެ ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި ބަޖެޓު ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ބަލަނީ އެއީ ބަޖެޓު ފާސް ކުރުމުގެ މަރުހަލާގެ ތެރޭގައި އައި ތާށި ކަމެއް ކަމަށް." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބަޖެޓު ނުލިބިގެން ދެ މަހެއްހާ ދުވަހު މަގު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތް ކަމުގައި ވިޔަސް، އެބައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކަވަރު ކުރެވޭނެ ކަމަށެވެ. ބަޖެޓު ލިބުމާއެކު އާ ސްޕީޑެއްގައި ކުރިއަށްގޮސް މި އަހަރު މެދެތެރޭގައި 50 އިންސައްތަ މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މި މަސައްކަތް ކުރުމުގައި އާރުޑީސީއާ ވަރަށް ކައިރިން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ މަގުތައް ތަރައްގީ ކުރަން ބޭނުންވާ ސާމާނުގެ ދަތިކަމެއް ނެތް ކަމުގެ ޔަގީން ކަން އާރުޑީސީން ވެސް ދީފައިވާ ކަމަށެވެ.

މާލޭގެ މޭޔަރު ޑރ. މުއިއްޒު "ވަގުތު" އާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"އުންމީދު ކުރަނީ ފެބްރުއަރީ މަހުން ފެށިގެން ބާރު ސްޕީޑެއްގައި މާލޭގެ އެކި ސަރަހައްދުތަކުގެ މަގު ހެދުން. ހާއްސަކޮށް ތާރު އަޅަން ޖެހޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ގިނަ މަގުތަކެއްގައި އަލުން ގާ އަތުރައި ބައެއް މަގުތަކުގައި ތާރު އަޅަން ވެސް އޮތީ ނިންމައިފައެވެ. ތާރު އަޅަން ނިންމި މަގުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގާއި ފަރީދީ މަގާއި ބުރުޒު މަގު ފަދަ މަގުތައް ހިމެނެއެވެ.

މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް އާރުޑީސީއާ ހަވާލު ކުރީ 462 މިލިއަން ރުފިޔާ އަށެވެ.

ރޯޝަނީ މަގު ތަރައްގީ ކުރުމަށް ފަހު، ދެން ނިންމާފައި އޮތީ ތިނެއް ނޫނީ ހަތަރު ދިމާލެއްގެ މަގުތައް އެއްކޮށް ފަށާ ގޮތަށެވެ. އޭގެ ތެރޭގައި ރޯޝަނީ މަގު ކައިރި ގޯޅިތަކާއި ޗާންދަނީ މަގާއި ނިކަގަސް މަގު ވެސް އޮތީ ތަރައްގީ ކުރާ ގޮތަށެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ކުރީގެ މާލޭ ސިޓީ ކައުންސިލާއި އާރުޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުމަށް އާ ސިޓީ ކައުންސިލުން ބަދަލުތަކެއް ގެނެސް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޮކްޓޯބަރު މަހުއެވެ. މިއީ ކުރީގެ ކައުންސިލުން އާރުޑީސީއާ ހަވާލު ކުރި މަސައްކަތެކެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުން ތަރައްގީ ކުރެވޭ މަގުތަކުން ރައްޔިތުންނަށް ފެނިގެންދާނީ އާރޯކަމާ ފެހިކަމުގެ ހިތްފަސޭހަ މަގުތަކެކެވެ. ހިނގާ ބިނގާވާ މީހުންނާއި ދުއްވާ މީހުންގެ ހައްގުތަށް ކަށަވަރުކޮށްދޭ މަގުތަކަކަށް ހަދާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބަލި މީހުންނަށް ފަސޭހަ މަގުތަކެއްގެ ގޮތުގައި މަގުތައް ތަރައްގީ ކުރާނެ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

އެއްބަސްވުމުގެ ދަށުން 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި ބޮޑުތަކުރުފާނު މަގާ އެކު 16 މަގެއްގައި ތާރު އަޅާނެއެވެ. އަމާޒަކީ މި މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމެވެ.