މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތަކުގެ ތެރެރއިން އެއްވެސް ވައުދެއް މިހާތަނަށް ފުއްދިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމުން ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް އެތައް ވައުދުތައް ވެފައިވާ ކަމަށެވެ.

ނަމަވެސް އެންމެ ތިޔާގިކޮށް މަސްބޭނި ދުވަސް ވަރު މަސް ކިރުން ވަރަށް ބޮޑަށް ހިފެހެއްޓުނުކަން ފާހަގަ ކުރައްވާ އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މީގެ އިތުރުން ވަރަށް ގިނަ އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ބައްދަލުވިކަން ފާހަގަ ކުރައްވާ ސެންބެ ވިދާޅުވީ އެބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި އެކުގައި ހެދިފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގެ ހަގީގަތް ނޭނގުން ކަމަށާއި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކޮށްދިނީ ކޮން ކަމެއްތޯ އެބޭފުޅުން އެއްސެވި ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ސާފު، ވަރަށް ސަރީހަކޮށް މި ދަންނަވަނީ، އަޅުގަނޑުމެން ލޮލަކަށް އެއެއް ނުފެނޭ. އަޅުގަނޑުމެން އެދުނިން އެ އެގްރީމެންޓުގެ ތަފްސީލު އަޅުގަނޑުމެންނާ ހަމައަށް ހިއްސާ ކޮށްދޭން. ނަމަވެސް އެ ކޮމެޓީގައި އަޅުގަނޑުމެން ހިއްސާ އޮންނަ ދެ މެންބަރުން ކެމްޕޭން ދަތުރެއްގައި ގޮސްތިއްބާ ކުއްލި ޖަލްސާއެއް ބާއްވާފައި ޕްރެޒެންޓޭޝަނެއް އަޅުވައިގެން ކުރިޔަށް ގެންދިޔައީ." އެގްރީމެންޓުގައި ހުރި ކަންކަން ދިރާސާ ކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަން ފާހަގަ ކުރައްވާ ސެމްބެ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ދެއްކެވި ވާހަކަތައް މިހާރު އަރާ ހަމަކޮށްފިކަން ފާހަގަ ކުރައްވާ ސެންބެ ވިދާޅުވީ ދަރިންގެ ހައްގުގައި މިއަދު އިންޑިއާ ސިފައިން ބޭރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ. އަދި ޖަލުގައި އެތައް ދުވަހެއް ހޭދަކުރެއްވުމަށް ފަހުގައި އަނެއްކާވެސް ރައީސް ޔާމީން ނުކުންނަވައިގެން އެއުޅުއްވަނީ ރައްޔިތުންގެ ހައްގުގައިކަމަށާއި ޖަލުގައި އޮންނެވި އިރުވެސް ސީދާ އިންޑިއާއިން އެތައް ޑީލެއް ހުށަހެޅުއްވިކަމަށް އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

"އެކަމުގެ ރޫހުގައި މުޅި ގދ. އަތޮޅު އޮތް ވާހަކަ އަޅުގަނޑު ދަންނަވާލަން. ރައީސްގެ އިންތިޒާރުގައި މުޅި އަތޮޅު އޮތް ވާހަކަ. ރައީސްގެ ތަގުރީރެއް އެ އަތޮޅުގެ ރައްޔިތުން ބޭނުންވެފައިތިބި މިންވަރު އަޅުގަނޑަށް ހާމަވެގެން ދިޔަ. އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައީސް ޔާމީން އެ ހުންނެވީ އެކަންޏެއް ނޫނޭ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ އުތުރާއި ދެކުނުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި." ސެންބެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަންނަ

    ބެޔަސް ނުބެޔަން 10 ހާސް ލިބެންޏާ ކޮންކަމަކާ ބާ މައްސަލަލިޖައްސަނީ؟

    4
    2
  2. ހަކީމް

    އަސްލު ނުފުއްދާ ،،، މަސްވެރިންނަށް ވި އެންމެ ވައުދެއްވެސް ނުފުދޭ ، ވީ ގެއްލުން ، ތެޔޮ އަގުބޮޑުވެފައި މަހުގެ އަގުދައްވީ

    4
    1