ނ.މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ %86 މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގެ 8.72 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ.

މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޯ: އެމްޑަބްލިއުއެސްސީ

މި މަޝްރޫއުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 7.6 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވާރކްގެ ހޮޅިވަޅުލުމާއި، ސީ އައުޓްފޯލް ގާއިމްކުރުމާއި، ފަންޑިން ލައިން އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މާޅެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ފެން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއަށް 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއުގެ މަސައްކަތް ނިމުމުން މާޅެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް ފެން ކުންފުނިން ބުނެއެވެ.