ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތުމާ ގުޅިގެން އެރަށުގެ ރައްޔިތުން އިހްތިޖާޖު ކުރިތާ މާ ގިނައިރުތަކެއް ނުވެ އެރަށު ސިއްހީ މަރުކަޒަށް ވަގުތީ ޑޮކްޓަރަކު ހަމަޖައްސައިދީފިއެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް މިއަދު "ވަގުތު"އަށް ވިދާޅުވީ ސިއްހީ މަރުކަޒަށް މިހާރު ޑޮކްޓަރަކު ހަމަޖެހި އެމީހާ މިހާރު ހުރީ ދަރަވަންދޫގައި ކަމަށެވެ. އެހެންކަމުން އެރަށު ސިއްހީ މަރުކަޒަށް ދިމާވެފައިވާ މައްސަލަ ހައްލު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަރިކިލުން ކޮވިޑުގެ ވޭދަނަތަކެއް ފެނުމާއި ހަލުވި ކަމާއެކުގައި ބޭރަށް ހިންގާ ރޯގާ ފެތުރެމުން ދާއިރު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުގެ ސަބަބުން އެރަށުގެ ރައްޔިތުން ވަނީ އިއްޔެ ނުކުމެ ސިއްހީ މަރުކަޒު ބަންދުކޮށް އެތަނުގެ ދޮރުމަތީގައި މުޒާހަރާ ކޮށްފައެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ހުރި ޑޮކްޓަރު ޗުއްޓީއަށް ދިއުމުން އެ ރަށު ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތެވެ. އަދި އެ ރަށުގެ ރައްޔިތުން ޑޮކްޓަރަށް ދައްކަމުން އައީ އޮންލައިކޮށް އައިޖީއެމްއެޗަށެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މިދުވަސް ވަރު އަންނަނީ ވައިރަލް ހުންތައް ފެތުރެމުންނެވެ. އަދި ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.