ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން އިތުރު ތިން މަތިންދާ ބޯޓެއް ގަންނަން ފްރާންސް އަދި އިޓަލީގެ ހިއްސާ އޮންނަ އޭޓީއާރް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވިއަނުން އަލަށް ގަނެފައިވަނީ އޭޓީއާރް - 600-72 މަރުކައިގެ ދެ ބޯޓާއި އޭޓިއާރް 600-42ގެ އެއް ބޯޓެވެ. މޯލްޑިވިއަނުން ބުނީ އަލަށް ގަތް ބޯޓުތަކަކީ ތެލުގެ ހަރަދުކުޑަ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ބޭރުކުރާ މިންވަރު މަދު އަދި ހިންގުމާއި މަރާމާތުކުރުމުގެ ހަރަދު ކުޑަވާނޭހެން އުފައްދާފައިވާ PW12XT އިންޖީނާއެކު ކަމަށެވެ.

މޯލްޑިވިއަނުން ބުނީ އެ ބޯޓުތަކަކީ މިވަގުތު މާކެޓުގައި ހުރި އޭޓީއާރުގެ ބޯޓުތަކާއި ބަލާއިރު ތިން އިންސައްތަ ތެލުގެ ހަރަދު ކުޑަ އަދި 20 އިންސައްތަ އިންޖީނު މަރާމާތުގެ ހަރަދު ކުޑަ އަދި ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް (އެސްއޭއެފް) ބޭނުންކުރެވޭނޭ ބޯޓުތަކެއް ކަމަށެވެ.

"ދެމެހެއްޓެނިވި ތަރައްގީ އަކީ ރާއްޖެ ފަދަ ގައުއުމެއްގައި ދުއްވާ އެއާލައިނެއްގެ ހައިސިއްޔަތުން މޯލްޑިވިއަންގެ އަދި އޭޓީއާރުގެ ވެސް އެއް އަމާޒު، އޭޓީއާރު މަރުކާގެ ބޯޓުތަކަކީ މިވަގުތު މާކެޓުގައި ހުރި އެ ކެޓަގަރީގެ ބޯޓުތަކާ އަޅާ ބަލާއިރު 40 އިންސައްތައާ ހަމައަށް ތެޔޮ އަންދާ މިންވަރު ކުޑަ ބޯޓުތަކެއް" މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޭޓީއާރު އާއެކު ރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށާއި ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު ތަންފީޒުކޮށް ދިވެހިންނާއި ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލާއި ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ގަބޫލުކުރެއެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އޭޓީއާރު އާއެކު މިވެވުނު އެއްބަސްވުމަކީ މިކުންފުނީގެ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އާ އިންޖީނާއެކު އޭޓީއާރުން މިއުފައްދާ ބޯޓުތަކަކީ އަޅުގަނޑުމެންގެ ފްލީޓް ބަދަލު ކުރުމަށް ވިސްނާއިރު މިވަގުތު މާކެޓުން ލިބޭނެ އެންމެ ރަނގަޅު ބޯޓު ކަމަށް. މި ބޯޓުތަކަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި، ހިންގުމުގެ ޙަރަދު ކުޑަ އަދި ފަސިންޖަރުންނަށް ރަނގަޅު ޙިދުމަތެއް ދެވޭނޭހެން ކެބިން އިތުރަށް ފުރިހަމަ ކޮށްފައިވާ ބޯޓުތަކެއް." މިހާދު ވިދާޅުވިއެވެ.

އޭޓީއާރު ގެ ޗީފް އެގްޒެކްޓިވް އޮފިސަރު، ސްޓެފާނޯ ބޯރޓޮލީ ވިދާޅުވީ "އޭޓީއާރު އާއިލާއަށް އިތުރު މެންބަރެއް އިތުރުވެގެން ދިއުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ. އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމަކީ، ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގައިވެސް އެއާލައިންތަކުން ކުރިމަގަށް މަސައްކަތްކުރަމުން ދާ ކަމުގެ އަދި އޭވިއޭޝަން ދާއިރާގެ މުސްތަގްބަލެއް އޮތްކަން ދައްކުވައިދޭ ވަރުގަދަ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަދް

  މަޓޭ މީ މޭން އެއް

  4
  1
 2. ކޮރަލް

  ތިޔަ އޮތް ބޯޑުން ފައިދާ އެއް ނުވާ ގޮތަކަށް ކަމެއް ނުކުރާނެ އެވެ.

  2
  1
 3. ސިރާޖް

  މަޓޭ އިޒް
  ބެސްޓް

  4
  1
 4. މަބޭ

  ބުރޯ! ތެޔޮ ގަންނާނެ ލާރި ނެތީމަ މަދުން ތެޔޮ އަޅަންޖެހޭ ކަހަލަގެ ފްލައިޓު ގަންނަނީ