އިރުވައި މޫސުމުގެ މި ދުވަސްވަރަކީ މެދު ރާއްޖެއައި ދެކުނުގެ ކަނޑުތަކުގެ އޮއިވަރު ގަދަ ދުވަސްވަރެއްކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، މި ދުވަސްވަރަކީ އޮއިވަރު ގަދަ ދުވަސްވަރެއް ކަމުން މޫދާއި ކަނޑުމަތީގެ އެކި އެކި ހަރަކާތްތައް ހިންގާއިރު ހައްސަ ސަމާލުކަމެއް ދިނުން އެދޭ ކަމަށެވެ.

މާދަމާ ހެނދުނުގެ 6:00 ޖެހުމާއި ހަމައަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދު ރާއްޖެތެރެއާ އުތުރުގެ ބައެއް ރަށްތަކަށް ކެެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.

އަދި މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަަމަށް ލަފާ ކޮށްފައި ވެއެވެ.

މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ނަސޭހަތްތެރިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    އިރުވައި މޫސުމުގެ ކުޑަ ހަޅަ ޖަހާއިރު އަބަދުވެސް އޮޔާއި ވައި އެބުރޭނީ ތިޔަގޮތަށް އެއީ ރާއްޖެ އޮންނަ ގޮތުން !