އައްޑޫ ސިޓީން މިއަދު އިތުރު 78 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން މިރޭ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިއަދު ފައްސިވި މީހުންނާއިއެކު އައްޑޫގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު މިހާރު ވަނީ 459 އަށް އަރާފައެވެ.

މިއަދު އެންމެ ގިނަ މީހުން ފައްސިވީ ހިތަދޫންނެވެ. ހިތަދޫން މިއަދު 29 މީހުން ފައްސިވެފައިވެއެވެ. ފޭދޫއިން 23 މީހަކު މިއަދު ފައްސިވިއެވެ. މީދޫއިން 12 މީހުން ހުޅުދޫއިން އަށް މީހުން، މަރަދޫފޭދޫއިން އެކަކު، މަރަދޫއިން އެކަކު އަދި އެހެނިހެން ތަންތަނުން ހަތަރު މީހަކު މިއަދު ފައްސިވިއެވެ.

ކޮވިޑް-19 ފެތުރޭތީ އައްޑޫ މޮނިޓަރިންގައި އޮންނަތާ ހަތަރު މަސް ދުވަސް ފަހުން އައްޑޫގެ މޮނިޓަރިން އުވާލީ ޑިސެމްބަރ 30 ގައެވެ. މޮނިޓަރިން އުވާލިއިރު އައްޑޫގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވީނަމަވެސް ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައްޑޫން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އައްޑޫން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް އަދި އައްޑޫ މޮނިޓަރިންގެ ހާލަތައް ގެނެސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު