އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަކުރައްވާ ހިސާބަކަށް ކަންކަން ނުދާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ބޭނުންފުޅުވަނީ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވަމަށެވެ. އިތުރު ދައުރަކަށް ކުރިމަތިލައްވާނެ ކަމެއް ނުވަތަ ނޫން ކަމެއް ރައީސް ސޯލިހު އަދި މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ. އިންތިހާބަށް ނެރޭނެ ކެނޑިޑޭޓަކު ހޮވާނީ އެމްޑީޕީގެ ތެރޭގައި ބާއްވާ ޕްރައިމަރީއަކުންނެވެ.

ސްރީލަންކާގެ ނޭޝަނަލް ޔޫތް ޕާލަމެންޓް ޝަރުފުވެރިކޮށްދެއްވުމަށް ލަންކާއަށް ވަޑައިގެން އުޅުއްވާ ނަޝީދު އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން އަބަދުވެސް ގެންގުޅުއްވާ ކަމަށެވެ. "އެކަން ބަދަލެއް ނުވޭ" އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންތައް ހައްލު ކުރައްވަން ރައީސް ސޯލިހު ކުރައްވާ މަސައްކަތްޕުޅަށް ތައުރީފް ކުރައްވަމުން ނަޝީދު ވިދާޅުވީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކޮން ކެނޑިޑޭޓެއް ކަމެއް އަދި މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެން (ރައީސް ސޯލިހު) އާއި ދެ މީހުންގެ ތެރޭގައި އެކަކު އަނެކަކާ ކުރިމަތިލާތަނެއް. އަޅުގަނޑަށް ހީއެއް ނުވޭ އެއީ އެމަނިކުފާނު (ރައީސް ސޯލިހު) ވެސް އެދޭނެ ކަމެއް ކަމަކަށް" ރައީސް ސޯލިހުގެ ގާތް ރަހުމަތްތެރިޔާ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް "ކުރަން ޖެހުނު ކޮންމެ ކަމެއް" ކުރައްވާނެ ކަމަށެވެ. ޑިމްކޮރަސީއަށް ބަލާއިރު އެމްޑީޕީއަށް އިތުރު ދައުރެއްގެ ވެރިކަން ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވަމުންގެންދަވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއާ ވާދަކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު ދެވަނަ ދައުރަށް ކުރިމަތިލައްވާނެތޯ ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ދެވަނަ ދައުރަކަށް ކުރިމަތިލުމާ މެދު އަދި ނުވިސްނަވާ ކަމަށެވެ. އެމަނިކުފާނުގެ ހުރިހާ ވިސްނުމެއް ހުރީ ވެރިކަމަށް އައުމުުގެ ކުރިން ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް އެހެން ވިދާޅުވެފައިވިޔަސް، ރާއްޖެ ތަރައްގީކުރަން ރައީސަށް އިތުރު ދައުރެއް ދެއްވަން ޖެހޭ ކަމަށް ސަރުކާރުގެ ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ކޮވިޑް-19ގެ ހާލަތާހެދި ސަރުކާރަށް ދެ އަހަރެއްހާ ދުވަސް ވަނީ ގެއްލިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސަމާސާސ

    "......ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް "ކުރަން ޖެހުނު ކޮންމެ ކަމެއް" ކުރައްވާނެ ކަމަށެވެ."

    އިންޑިއާ އަށް ރާއްޖެ ވިއްކާލައިގެންވިޔަސް ؟

    17
    1
  2. ޒަބީބު

    ތެދެއް ހަސަން ކުރުސީ ނަޝީދު އެބުނީ 2023 ގެ އިންތިޚާބުގައި ރައީސް ސޯލިހް ކުރިސީ ނަޝީދު އާއި ވާދަކުރަކަށެއް ނުޖެހޭނެ. އެހެނަސް މިހާރު ތަރި އޮއްސިފައިވާ އަދި އިތުރަށް ސިޔާސީގޮތުން އެކަހެރިވަމުން ބިކަވަމުން އަންނަ ނަޝީދު ހަސަން ކުރުސީ ޖެހޭނީ ރައީސް ސޯލިހުއާއިވެސް ވާދަކުރަން. އިސްލާމް ދީނަކީ ހިޖާޒުން ގެނައި ބޯދާ ވިސްނުމެއް ކަމަށް ޑެންމާކުގައި ބުނި، ކީރިތި ޤުރްއާން އާއި މާތް ނަބިއްޔާ(ސ.އ.ވ)ގެ ސުންނަތާއި ހަދީސް ނޫން އެހެން "ނެރެޓިވް" އެއް ބޭނުންވާކަމަށް ބުނި މީހަކާއި ދިވެހިރާއްޖޭގެ އިސްލާމީ ދައުލަތުގެ ވެރިކަން ދިވެހި ރައްޔިތުން ދެން ހަވާލެއް ނުކުރާނެ.

    23 ޑިސެމްބަރުގައި އާޓިފިޝަލް ބީޗްގައި ޕާޓީ އެކްޓިވިސްޓުން އެއްކޮށްގެން ހުރެ ކީރިތި ރަސޫލާ(ސ.އ.ވ) އަށް ހަޖޫޖެހާ، ހުކުރު ދުވަހުގެ ރޭޑިއޯ ޚިތާބުގައި ބޯންޖެހޭނޭ ބޮވެންޖެހޭނެ، ވައްކަން ކުރީމާ އަތްކަނޑައިގެން ނުވާނެ، ޤިސާސް ހިފައިގެން ނުވާނޭ ކިޔާ އިސްލާމްދީނުގެ އަސާސް ތަކާއި ޝަރީއަތަށް ގޮންޖެހި މީހާ ކުރީގެ އެލެކް އަހުމަދު މިހާރުގެ ނަމުން ނަމަ "ހަސަން ކުރުސީ" އާއި ދިވެހި އިސްލާމި ދައުލަތުގެ ވެރިކަން ރައްޔިތުން ދެން ހަވާލެއް ނުކުރާނެ. ވީމާ އުއްމީދެއް ނެތް ބަރުލަމާނީ ކެއްކުން ފިޔަވާ އެހެން ގޮތެއް ނޯންނާނެ!

    15
  3. ރިޔާޒު

    ތިބުނީ ރައީސް ސޯލިހުކައިރީ ދެންކުރިމަތި ނުލާށޭއެއްނު. ތިމަންނަ ކުރިތި ލާންޖެހެޔޭ.

    12
  4. ލޮލް

    އެހެން އެބުނީ އަންނިތަ؟ އެހެންވިއްޔާ ސީދާ ގަދަހިފުމަކަށް ދާނެ. ރައްޔިތުން ބަލަންތިބޭ!

    15
    2
  5. ކޮރަލް

    އަންނި ބޭނުން ވަނީ ވޯޓް އަކާ ނުލާ މަޖްލީހުން ބޮޑު ވަޒީރު ކަމެވެ. ދިވެހީން އެގޮތް ބޭނުމެއް ނުވެ އެވެ.

    16
  6. ރަން ރީނދޫ

    ކަލެޔަށް ހައެއްކަ ކެނާވެސް މިހާރު މި ރާއްޖެއިން ވޯޓް ނުލާނެ.

    15
  7. މަތަރަސް

    މަވެސް އިބޫގެ ވެރިކަން ފޫހި ބަދަލްދޭރެސްޓޭ ޒީރޯ ކަރަޕް÷÷ ވައްކަން ހިޔާފުލެޓްގެ ރައްޔަތުން ރައީސް ނަޝީދުގެ ވެރިކަމުގާ ފުލެޓް ހެދުމައްދިޔަފައިސާ އަދި ކުލިކުޑަކުރާނެ މައާބަސް ނަސީދުއެންޔާމީން؟؟

    2
    3
  8. އަހުމަދު

    ނަޝީދު އެއްއިރެއްގައިވެސް ތެދެއް ހެދިތަ؟

  9. ބެއްޔާ

    ވާދަކުރާކަށް ނުޖެހޭ. ބޮޑުވަޒީރުކަން ބޭނުންވަނީ. ރައީސްކަމުގައި އިބޫ ހުންނާނީ ރަމްޒީގޮތުގައި. މިހުވަފެން ހަޤީޤަތަކަށް ނުވޭތޯ ދުޢާކުރަން. އެއިރުން މިހާރަށްވުރެ ރައްޔިތުން ބިކަވާނެކަން ޔަޤީން.

    10
  10. Anonymous

    އޭގެ ކުރިން ބޮޑު ވަޒީރަށޯ ތިމަންނަ ވާނީ.

    11
  11. ސަމާސާ

    ގޭތެރޭގައި ބަރުލަމާނީ ހިންގާ.
    ގައުމުގެ ރައީސްކަންކުރެވޭނީވެސް ހަމަޖެހޭ ދިރިއުޅުމެއް އުޅެ އަމިއްލަ ކަންކަން ހަމަޔަކަށް އެޅުވޭ ވަރުގެ މީހަކަށް.
    ތި ގެންގުޅޭ ލިލީ ހަމަޔަކަށް ނޭޅުވުނު މީހަކަށް ކިހިނެއް ވެރިކަން ކުރެވޭނީ ؟

    10
  12. އަހުމަދު

    ނަޝީދު ކުރިމަތިލިޔަސް ވޯޓެއް ނުދެވޭނެ. މިގައުމުގެ އެއްވެސް މަޤާމަކަށް ކަމުދާ މީހެއްނޫން ތީ. އިސްލާމްދީނަށް ލޯބި ނުކުރާ މީހަކަށް މަގޭ ވޯޓެއް ނުދޭނަން.

    13
  13. ލައިލާ

    ހެހެހެ. ކޮބާހޭ އެއްކަލަ ބަރުލަމާނީ ޕެޓިޝަން؟ 15000 މީހުންގެ ސޮއިވެސް ހަމަނުވީމަ ރާގު ބަދަލުވީދޯ؟

  14. އައްޑޫ މީހާ

    މާނައަކީ އިބިރިހިމާއަށް ވެރިކަމަށް ކުރިމަތިލާން ނުކެރޭނެއޭތަ؟

  15. ބަދަލުވަމުންދާ ސަޤާފަތް

    2023 ގައި ރައީސް ޞާލިޙް އާއި ރައީސް ނަޝީދު އިންތިހާބުގައި ވާދަ ކުރަން ނުޖެހިދާނެ އޮތީ އެންމެ ގޮތެއް، އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެންނެވެ، އެހެން ނޫނީ ވާދަ ކުރަން ޖެހުމަކީ ދުރުކަމެއް ނޫނެވެ. ސަބަބަކީ ރައީސް ޞާލިޙް ގެ ވެރިކަމުގައި ވަރަށް ގިނަ މަސައްކަތް ކުރައްވާ ފައި ހުރިކަމަށް ސާލިހު އަށް ތާއީދުކުރާ ސިޔާސި ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ރައީސް ނަޝީދު އަދާ ކުރައްވާ މަގާމް ގެ ހައިސިއްޔަތުން ރައްޔިތުން ނަށް މާބޮޑު ކަމެއް ކޮށްދެވޭކަމުގައި ރައްޔިތުން ނުދެކެމެވެ. މީގެ އިތުރުން ޞާލިޙް ގެ ސިޔާސީ ބަދަލު ހިފުން ތައް ގެންދަނީ ވަރަށް ސިއްރުން އެވެ ރައީސް ނަޝީދު ގެ ވިސްނުން މިއާތަފާތު ކަން ރައްޔިތުން ގަބޫލު ކުރެއެވެ. ވީމާ ދެވަނަ ވިސްނުމަކަށް ދާން މަސައްކަތް ކުރަންޖެހެއެވެ. އެއީ ބަރުލަމާނީ ނިޒާމްގެނައުމެވެ ޤާނޫނީ ގޮތުން ބަލާއިރު މިކަމުގައިވެސް ދަތި ތަކެއް ހުރިކަން ފާހަގަކުރެވެއެވެ، އެއީ ނިޒާމް ބަދަލު ކުރާނަމަ ރައްޔިތުން ގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖހުމެވެ މިހާލަތުގައި މިހާރު ކޯލިޝަން ގައި ތިބި އެންމެން ތާއީދު ކުރާނެ ކަމަށް ބެލެވެނީ ރިޔާސީ ނިޒާމް އޮތުމަށް ކަމަށް ބެލެވެއެވެ އަދި ބަރުލަމާނީ އޮތުމަށް ރައްޔިތުން ގެ ތާއީދު ލިބިއްޖެނަމަ، މިހާރު ޢަމަލު ކުރެވެމުންދާ ޤާނޫނު އަސާސީ ގައި ހުރި ރިޔާސީ ނިޒާމް ގެ ސިފަތައް ބަރުލަމާނީ އަށް ބަދަލު ކުރަން ޖެހޭނެ އެވެ އަދި މިބަދަލާއި އެކު ރައްޔިތުންގެ މަޖިލިސް އަލުން ހޮވަން ޖެހޭނެއެވެ. އެއީ މިހާރު އޮތް މަޖިލީހަކީ ރިޔާސީ ނިޒާމް އަށް ވެރިކަން ކުރަން ހޮވުނު މަޖިލީހަކަށް ވުމެވެ އެހެންކަމުން މަޖިލިސް އިންތިހާބުގައި ކާމިޔާބު ލިބޭ ބޭފުޅަކަށް މެނުވީ ބޮޑުވަޒީރު ކަމުގައި ނުހުރެވޭނެއެވެ. މިހާލަތުގައި 2023 ގައި ރައީސް ޞާލިޙް އާއި ރައީސް ނަޝީދު ވާދަކުރާ ކަށް ނުޖެހިދާނެ އެވެ އޭރުން ރައީސް އަކީ ސާލިހު ކަމަށް ވެފައި ބޮޑު ވަޒީރަކީ ތަފާތު އެހެން ބޭފުޅަކަށް ވެދާނެއެވެ. ނުވަތަ ބޮޑުވަޒީރަކަށް އެހެން ބޭފުޅަކު ހަމަޖެހި ރައީސް އަކަށް ތަފާތު ފިކުރުގެ ބޭފުޅަކަށް ވެދާނެއެވެ. މިހެން ދިމާވެއްޖެނަމަ ސިޔާސި ގޮތުން ގައުމު ގެ ހަމަޖެހުން ގާއިމް ވުން ދުރުވާނެކަމަށް ފެނެއެވެ ކަމެއް ކުރުމުގެ ކުރިން ކަންމިންތަކުން ވިސްނުން ވަރަށް މުހިންމު ނޫންތޯއެވެ.