އޮކްޓޯބަރު 14 ވަނަ ދުވަހު އދ. ދަނގެތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން އެ ރަށު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި ކަމަށް ބަނގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) މިއަދު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ވެއްޖެއެވެ.
ސާލިމް ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަ ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް މަހްމޫދުގެ ހުރިހާ ވާރިސުން ވެސް ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް ވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައި ވަނީ ސާލިމާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށެވެ.
ސާލިމްގެ އިއުތިރާފަށް ފަހު، އޭނާ އަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލް މަޖީދު އަލީ ވިދާޅުވީ ސާލިމް ވަނީ ކުށަށް އިއުތިރާފުވެ މާފަށް އެދޭ ކަމަށް ތަހުގީގުގައި ވެސް ބުނެފައި ކަމަސެވެ. އެހެންކަމުން މައްސަލާގައި އިއުތިރާފް އެއްބަސްވުމަކަށް އެދިފައި ވާނެ ކަމަށް މަޖީދު ވިދާޅުވި އެވެ.
ތަރުޖަމާނެއްގެ އެހީގައި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ސާލިމް ބުނީ ތަހުގީގުގައި އިއުތިރާފްވި ގޮތަށް މިހާރު ވެސް އިއުތިރާފްވާ ކަމަށާއި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. ދައުވާގައި، ސާލިމާ ދެކޮޅަށް ހުރި ހުރިހާ ވާހަކަތަކަށް އެއްބަސްވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ސާލިމްގެ ވަކީލް މިއަދު އެދުނީ އިތުރު ހެކިވެރިން ހާޒިރުނުކޮށް މައްސަލަ ނިންމުމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. ދައުލަތުގެ ވަކީލް އެދުނީ ސާލިމް އިއުތިރާފުވި ނަމަވެސް ހެކިން ހާޒިރު ކޮށްގެން މައްސަލަ ކުރިއަށް ގެންދާށެވެ.
ސާލިމް އިއުތިރާފު ވުމުން ދެން މިމައްސަލަ ކުރިއަށް ގެންދާނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
ހައްޤަކާނުލާ އަނިޔާކުރި ދެމީހުންނައް އިންސާފުކޮބާ ތިޔަރަށުން އެމީހުންނައް އަނިޔާވެރިވިމީހުންނައް ދައުލަތުން ދަޢުވާކުރަންޖެހޭނެ