އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލީ ބޮލަށް ޝައިތާނާ ވަދެގެން ކަމަށާއި މިހާރު ކުރެވުނީ ކުށެއްކަން އެނގޭ ކަމަށް އޭނާގެ ގާތިލު ޝާ އަލޮމް މިއާ (ސާލިމް) މިއަދު ކުރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި އިއުތިރާފުވެއްޖެއެވެ.

އަނިޔާވެރިގޮތަކަށް މަހުމޫދު މަރާލި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ސާލިމް ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް ވެސް އިއުތިރާފުވެފައެވެ ކޮޅު ތޫނު ކޮށްފައިވާ ދަނގަޑަކާއި ވަޅިއެއް ބޭނުންކޮށްގެން އޭނާ އުޅުނު ގޭގެ ތެރޭގައި މަހުމޫދު މަރާލި ކަމަށާއި އެއަށް ފަހުގައި މަހުމޫދުގެ ބޮލަށާއި ފަޔަށް ގޯންޏެއް ލައްވާފައި ވަޅެއްގެ ތެރެއަށް ވައްޓާލިކަމަށްވެސް އޭނާ ވަނީ މިއަދު އިއުތިރާފުވެފައެވެ.

އިއުތިރާފުވެފައިވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް ބުނެ ސާލިމް ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ހުށަހަޅާފައެވެ. އެހެންނަމަވެސް މަހުމޫދުގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ބުނެފައިވާތީ ދައުލަތުން ވަނީ ސާލިމް އާއިއެކުގައި އިއުތިރާފުގެ އެއްބަސްވުމެއް ނުހަދާނެ ކަމަށާއި ދައުލަތުން އަދިވެސް ބޭނުންވަނީ ހެކިން ކޯޓަށް ހާޒިރުކޮށްގެން މައްސަލަ ކުރިޔަށް ގެންދަން ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ސާލިމްގެ ވަކީލު ވަނީ މައްސަލައެއްގައި ލިބޭނެ އެންމެ ބޮޑު ހެއްކަކީ އިއުތިރާފުކަން ފާހަގަ ކުރައްވާ ހެކިން ހާޒިރުކޮށްގެން ޝަރީއަތް ކުރިޔަށް ގެންދިއުމަކީ ސާލިމްގެ ހައްގުތަކަށް އުނިކަން އައިސްދާނެ ކަމެއް ކަމަށް ވިދާޅުވެ، ހެކިން ހާޒިރުކޮށްގެން މައްސަލަ ކުރިޔަށް ގެންދިއުމަށް ދެކޮޅު ހައްދަވާފައެވެ.

މިކަމާއި ގުޅިގެން ޝަރީއަތުން ވަނީ އިތުރަށް ހެކިން ހާޒިރުކޮށްގެން މައްސަލަ ކުރިޔަށް ގެންދިއުމަކީ ސާލިމްގެ ހައްގަށް އުނިކަން ލިބޭނެ ކަމެއް ކަމަށާއި ކޮންމެ ބާވަތެއްގެ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތެއް ކަމުގައި ވީނަމަވެސް ހައްގަކަށް އުނިކަން ލިބޭ ގޮތަށް ޝަރީއަތް ކުރިޔަށް ނުގެންދާނެ ކަމަށް ވިދާޅުވިއެވެ.

މަހުމޫދު މަރާލި ކަމަށާއި މަރާލާފައި އޭނާ ވަޅަކަށް ވައްޓާލުމަށް މިއަދު ސާލިމް އިއުތިރާފުވުމާއި ގުޅިގެން ޝަރީއަތުން ނިންމާފައިވަނީ މި މައްސަލައިގައި އަވަސް ނިޔާގެ ޝަރީއަތެއް ކުރިޔަށް ގެންދިއުމަށެވެ. އެގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް އަވަސް ނިޔާގެ ޝަރީއަތެއް ވަނީ ތާވަލްކޮށްފައެވެ.

ދަނގެތީގެ އެކި ކަންކަމުގައި އެހީތެރިވަމުން އަންނަ މަހްމޫދު ފުރަތަމަ ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ 10:20 ހާއިރުއެވެ. ދަނގެތި ފުލުހުންނާއި ކައުންސިލުންނާއި ރައްޔިތުން ކުރި މަސައްކަތުން މަހްމޫދު 57، ފެނިފައި ވަނީ އެ ދުވަހު ހަވީރު ފަޅު ގޯއްޗެއްގައި ހުރި ވަޅެއްގެ ތެރޭގައި މަރާލާފައި އޮއްވައެވެ. އެ މައްސަލާގައި ސާލިމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ފުލުހުންގެ ތަހުގީގުން ހާމަވިގޮތުންނަމަ ސާލިމް ގުޅައިގެން މަހުމޫދު، އޭނާ އުޅޭ ނެދުންގެއަށް ގޮސްފައިވަނީ 13 ވަނަ ދުވަހުގެރޭ 9:15 ހާއިރުއެވެ. މަހުމޫދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ވަޅަށް އެއްލާލާފައިވަނީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި މަހުމޫދު މަރާލާފައިވަނީ އެންމެ ހަމަލާއަކުން ނޫން ކަމަށާއި ނެދުން ގެއަށް ވަތް ހިސާބުން ފެށިގެން މަރުވަންދެން ހަމަލާދީފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ. އަދި އެހަމަލާތައް ދީފައިވަނީ ކުއްލިއަކަށް ކަމަށްވެސް ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މިތުރާ

  ޢެމީހަކު ކުރިކުށެއްގެ އަދަބު އެމީހަކު ހޯދަންޖެހޭނެ، ކުށްކުރާމީހުން ނަށްއަދަބު ލިބެންޖެހޭނެ، ކުއްގިނަ ވެ ށައިތާނުން ގިނަވަނީ އަދަބު ނުލިބޭތީ،

  30
 2. Anonymous

  ތީ ދެން މާމޮޅުގޮތެއް!...ދެން އެހެންވީ އިރު ވަކީލޫ ، ތިޔަ ވިދާޅުވާ ޝައިތާނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށް އަދަބު ލިބޭނެތޯ؟..އަނެއްކާ އެ ޝައިތާނާއަށް ދައުލަތުން ހަމަ ޖައްސާދޭ ވަކީލު ވިދާޅުވާނެ ބޮންދު ބޮލަށް ސަވާރުވި ޝައިތާނާއަކީ ސިކުނޑި ހަމަ ނުޖެހޭ މޮޔަ އުމުރުން 18 އަހަރު ނުވާ ޝައިތާނެކޭ!!...ސޯ...ބޮންދަށް ހައްގު...ދެން މަހުމޫދުބެ ރަހުމެއްނެތި ކޮށާލުމޯ!!!..މިހާރުން މިހާރަށް ހަމަ ދަންޖައްސާ މަރާލަންވީ..

  32
  1
 3. ކުޑައިބިލީސް

  އެހެން ވީމާ ޝައިތާނާ ތާ މީގަ ގޯސް ހަދާފަ އޮތީ. ބޮންދު ހަމަ ހުދު ކާފޫރުތާ. މީހުންތެރޭ ވެސް ޝައިތާނުން އުޅޭކަން އެނގެނީ.

  7
  1
 4. ޒިމޫ

  ވާރިސުންނާއި އެކު އިތުރު ޝަރީއަތެއް ބޭއްވުމުގެ މާނައަކީ ކޮބައިބާ؟ ސާބިތު ކުރުމަށް ބޭނުންވާ އެންމެ އިތުބާރު ހެކި ލިބިފަވާއިރު

  5
  1
 5. ދެރަ

  ތި ހުރިހާ ހާސަރެއް ތިދަމަނީ މަރަށް މަތުހފުން އެއީ ޝަރީއަތުގައިވެސް ނެތް އެއްޗެއްކަން ހަދަން އުޅޭފަދަ މޭރުމަކުން
  ދޮގު ހެކި ގެނެސްގެންވެސް ދޫކޮށްލާތި
  އަދި މާދަން އޭނާބަލަދު ވާނެ ނަފްސާނީ މައްސަލައެއް ހުންނަ މީހަކަށް

 6. ރަން ރީނދޫ

  އޭނާ އެބުނާ ޝައިތާނު ގެ ނިމުން ގެންނަން ޖެހޭ. މަށަށް ބޮޑަށް ލަފާ ކުރެވެނީ އެ ޝައިތާނު ގެ ފުށުން ސަލާމަތް ވެވިދާނެހެން،އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތައް ކަން ކޮއްފި ނަމަ.

 7. އާދަމް

  ދީނަކީ ކުޅޭކުޅޭ އެއްޗަކަށް ހަދާނީ މިކަހަލަ ޝައިޠާނުން.މިސާލަަކަށް ސިހުރުހާހޫރަ ހަދާފާ ނުވަތަ ﷲ އަށް ޝަރީކު ކޮއްފާ ވެސް ބުނަންވީ، އެއީ ޝައިޠާނާ ބޮލަށް ވަދެގެން ކުރި ކަމެކޭ.
  ޙަޤީޤަތަކީ މިއިން ކޮންމެ ކަމަކީ ވެސް ތިމާގައި ހުރި ނުލަފާކަމާއި ޖާހިލުކަމުން، އަމިއްލަ އިޚްތިޔާރުގައި ކުރާ ކަންތައް.