މި ސަރުކާރުން ތިލަފުއްޓާއި މާލެ އާއި ދޭތެރޭގައި އަޅަން ވައުދުވެފައިވާ ތިލަމާލެ ބުރިޖުގެ ޑީޓެއިލް ޑިޒައިން ތައްޔާރުކުރުމަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭތައް ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ތިލަފުށި ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިންއަށް ބޭނުންވާ ސާވޭތައް ހެދުމަށް ބޭނުންވާ އާލާތްތައް މިއަދު ރާއްޖެ ގެނެވިފައިވާކަމަށެވެ.

މިގޮތުން ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މާލެއާއި ވިލިނގިލީގައި މި ޖިއޯޓެކްނިކަލް ސާވޭތަކުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ވެސް އިންޑިއާގެ ކުންފުންޏަކާއެވެ.

މި މަޝްރޫއުގެ ދަށުން 6.47 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެއެވެ. ގުޅީފަޅުގައި އަޅާ ބައިނަލްއަގުވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާ ގުޅުވާލާ މި ބުރިޖު އެޅުމަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެސް ވައުދުފުޅެކެވެ.

ބްރިޖު މަޝްރޫއުއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

މި ބޮޑު މަޝްރޫއަށް ސަރުކާރުން މިހާތަނަށް ވަނީ އެކިއެކި ތާރީހުތައް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަލް

    އަދިވެސް ސާވޭތޯ ކުރަނީ. އަޑަށްބާރުލާފަ ބުނާއަޑު އެހިން މިހާރު ފަށަނިއްޔޭ. މިކިޔާ އެއްޗެއްގެ ދެކޮޅު ދިމާނުވޭ.

    11
  2. ކޮއްޔާ

    ސާވޭތަށް ކޮށްނިމި މަސައްކަތެއް ފެށޭނީ އަދި ކިތަށް އަހަރުންބާ !!
    އިންޑިޔާ އައުަޓް // އިންޑިޔާ އައުޓް // އިންޑިޔާ އައުޓް //

    10
    1
  3. އަސީ

    ސާވޭކޮއްކޮއްތިއްބާ 5 އަހަރުހަމަވާނީ

    10
    1
  4. މިތާފް

    މިދައުރުގަ ކުރެވޭނެހާވެސް ކަމަކީ ވައްތަރު ވައްތަރުގެ ސާވޭ. އަމަލީ ގޮތުން ސުޓްރަކުޗާ ގެ އެއްކަމެއްވެސް ނުވާނެ. ނަމަވެސް އިންޑިޔާއަށް ބޮޑެތި އަދަދުތަކުން ފައިސާދައްކަންޖެހޭނެ.

    7
    1
  5. ހެހެހެހެ

    މަސައްކަތުގެ ސްޕީޑް ހު ރިވަ ރު ތި އެނގެނީ
    5 އަހަ ރު ދުވަހުގެ ތެ ރޭ ސާވޭކަންތައް ކޮށް ނުނިމޭ
    ވެ ރިކަން ބަދަލު ވީމަ ބަދަލުދިނުމާ ކޯޓު ތަކަށް ދެމުން
    ދައު ރުތެ ރޭ މަސައްކަތް ނިމޭގޮތައް ކު ރާކަށް ނޭންގޭ
    ކު ރެވޭވަރ ރުގެ ފެންވަ ރެއްވެސް ނެތް، ޓާޓާ ކުންފުނި އުޅޭގޮތަށް ތިކުންފުނި ކައި ރިންވެސް އަހަރ ރުމެން ސަލާމަތް ނުވާގޮތަށް މިސަރ ރުކާ ރުން ކަންތައް ކު ރަނީ

  6. ލޮލް

    ގަނޑިޔަ! އަހުން ހީކޮށްގެން މިހުންނަނީ ކޮންމެދުވަހަކު ތިލަފުއްޓަށް މިދެވެނީ ބުރިޖުމަތިންކަމަށް.

  7. ޙަނދުކޭތަ

    ސާރވޭ ކޮއް ނުނިމުނު ބްރިޖެއް މިނޫނީ މަނުދެކެން 5 އަހަރު ވަނީ ސާރވޭ ކޮއްލަކޮއްލާ

  8. ހުސޭނުބޭ

    އަދިވެސް ސާވޭގައިތަ؟ ތިއީ ހާދަ ފައްކާ ސާވޭ ބުރިޖެކޭ

  9. ޣައްދާރީން

    އެންމެ ތަނބެއްވެސް ކަނޑުއަޑިޔަށް ޖަހާލުމުގެ ގާބިލްކަމެއްނެތް ކުންފުނިތައް މިޕުރޮޖެކްޓަ އުޅެނީ.

  10. ޒީރޯ ޓޮލަރަންސް

    ތިޔަ ސާވޭއެއް 2023 ޖހޭއިރުވެސް ނިމޭނެބާ؟